ލޯނެއް ނުދެއްކުމުން ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލުމަށް ސިވިލް ކޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިން ހުއްދައާއެކު، ލ. ކުޑަފަރެސް ވިއްކާލަން އެ ބޭންކުން މިއަދު އިއުލާނުކޮށްފިއެވެ.
ބީއެމްއެލްއިން މިއަދު ކުރި އިއުލާނުގައިވާ ގޮތުން ކުޑަފަރެސް ވިއްކާލުމަށް ހުޅުވާލާފައިވާ އެންމެ ކުޑަ އަގަކީ 45.6 މިލިއަން ޑޮލަރެވެ. މި ރަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި އޭނާގެ ތިން ދަރިންގެ ހިއްސާ އޮންނަ ހެވީލޯޑް ކުންފުންޏަށް ބީއެމްއެލްއިން ދޫކުރި 11 މިލިއަން ޑޮލަރު ނުވަތަ 170 މިލިއަން ރުފިޔާގެ ލޯނު ނުދެއްކުމުން، ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ ތިން ރަށް ވިއްކާލުމަށް ސިވިލް ކޯޓުން ހުއްދަ ދިނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ކޯޓުން އެ އަމުރު ނެރުނުއިރު، ރަށްތައް ވިއްކާލުމަށާއި ބީއެމްއެލްއިން ކަނޑައެޅި އަގަށް ހެވީލޯޑް ކުންފުނިން ވަނީ އެއްބަސްވެފައެވެ.
މީގެ ކުރިންވެސް އެ ރަށްތައް ވިއްކާލުމަށް ސިވިލް ކޯޓުން ހުއްދަ ދިން ނަމަވެސް، އޭރު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.
ސިވިލް ކޯޓުގެ އަމުރުގައިވާ ގޮތުން ތިން މަސް ދުވަހުގެ ތެރޭގައި އެ ރަށްތައް ވިއްކާލުމުގެ ހުއްދަ ބީއެމްއެލްއަށް އޮންނާނެއެވެ. އެގޮތުން ކަނޑައަޅާފައިވާ އަގުތަކަކީ:
- ފުރަތަމަ މަސްދުވަހުގެ ތެރޭގައި: ފަށާ އަގަކީ 46,633,000 (ސާޅީސް ހަ މިލިއަން ހަ ލައްކަ ތިރީސް ތިން ހާސް) އެމެރިކާ ޑޮލަރު.
- ދެވަނަ މަސްދުވަހުގެ ތެރޭގައި: ފުރަތަމަ މަހު ނުވިކިއްޖެނަމަ އަގު ތިރިކުރާނީ 40,820,000 (ސާޅީސް މިލިއަން އަށް ލައްކަ ވިހި ހާސް) އެމެރިކާ ޑޮލަރަށް.
- ތިންވަނަ މަސްދުވަހުގެ ތެރޭގައި: ދެވަނަ މަހުވެސް ނުވިކިއްޖެނަމަ އެންމެ ދަށްކޮށް ވިއްކުމަށް ހުއްދަކުރި އަގަކީ 38,779,000 (ތިރީސް އަށް މިލިއަން ހަތް ލައްކަ ހަތްދިހަ ނުވަ ހާސް) އެމެރިކާ ޑޮލަރު.
މި މުއްދަތުގެ ތެރޭގައި ރަހުނުތައް ވިއްކާލެވިއްޖެނަމަ، މުއާމަލާތް ނިމޭތާ 10 ދުވަހުގެ ތެރޭގައި އެކަމުގެ މައުލޫމާތާއި ލިބުނު ފައިސާ ކޯޓަށް ޖަމާކުރުމަށް ބޭންކަށް ވަނީ އަމުރުކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަހުނުތައް ނުވިކިއްޖެނަމަ، މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެކަން ކޯޓަށް އަންގަން ޖެހޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައި ވެއެވެ.
ކޯޓުން ވިއްކާލުމުގެ ހުއްދަ ދީފައިވަނީ ކުޑަފަރެސްގެ އިތުރުން ލ. ފަރެސް އަދި ލ. ބޮޑުހުރާއެވެ. މީގެ ތެރެއިން ފަރެސްއާއި ކުޑަފަރެސްއަކީ "ރަހާ ރިސޯޓް" ހިންގަމުންދާ ދެ ރަށެވެ. އަދި ބޮޑުހުރާއަކީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެކެވެ.
މި ރަށްރަށުގެ ހެޑް ލީޒްގެ މުއްދަތު ހަމަވާނީ 2064 ވަނަ އަހަރުއެވެ.