މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ.ގެ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31)ގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރާއްޖެ ވަޑައިގެންފިއެވެ.
"ޓްވާޑްސް އަ ސަސްޓެއިނަބަލް ރެޒިލިއަންޓް އެންޑް އިކުއިޓަބަލް ފިއުޗާ" މި ޝިއާރުގެ ދަށުން ނޮވެމްބަރު 10ގައި ފެށި މި ސަމިޓުގައި ރައީސްގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން ރައީސް ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުން ވެފައިވާ ވައުދުތައް ފުއްދުމަށާއި، ބައިނަލްއަގްވާމީ މާލީ ނިޒާމަށް އިސްލާހީ ބަދަލުތައް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ސިޔާސީ ގޮތުން ވެފައިވާ ވައުދުތައް އަމަލީ ނަތީޖާއަށް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތްތައް ބަލައިގަތުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މި ދަތުރުފުޅުގައި މޫސުމީ މައްސަލަތަކާ ގުޅޭ މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން، ނާޒުކު ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވައި، އެ ގައުމުތަކަށް ފޯރުކޮށްދޭ ބައިނަލްއަގްވާމީ އެހީތެރިކަން އިތުރުކުރުމަށް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.
މީގެ އިތުރުން، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވާފައެވެ. އެ ކަމަނާގެ ވާހަކަފުޅުގައި ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ލިބޭ ގެއްލުންތައް ފާހަގަކުރައްވައި އުކާލާ ކުންޏަކީ އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން ވަނީ ހަނދާންކޮށްދެވާފައެވެ.
މި ސަމިޓުގެ ހަވާސާގައި ރައީސްގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް އެންމެން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބޭއްވި މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ހޯދުމުގެ އިތުރުން، ރަށްފުށު ސަރަހައްދުތައް މޫސުމީ ގެއްލުންތަކަށް ހޭނުވުމާ ގުޅޭގޮތުންނެވެ.