ސޯނޫ ނިގަމްގެ ދަރިފުޅު ނިވާން، މިޔުޒިކީ ދާއިރާއަށް ނުކުމެއްޖެ

ސޯނޫ ނިގަމް އަދި ދަރިފުޅު ނިވާން ނިގަމް--ފޮޓޯ/އިންޑިއާޓުޑޭ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމްގެ 19 އަހަރުގެ ދަރިފުޅު ނިވާން ނިގަމް، އޭނާގެ ފުރަތަމަ ކުރު ފިލްމު "ސްލައިޑް" އާއެކު މުނިފޫހިފިލުވުމާއި މިޔުޒިކީ ދާއިރާއަށް ރަސްމީކޮށް ތަޢާރަފުވެއްޖެއެވެ.

މި ކުރު ފިލްމުގައި ނިވާން އަމިއްލައަށް ކޮމްޕޯސްކޮށްފައިވާ އޮރިޖިނަލް މިޔުޒިކް ހިމެނޭއިރު، މިއީ ޒުވާން މި ފަންނާނުގެ ހަޔާތުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި އުފާވެރި ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ސޯނޫ ނިގަމް ވަނީ، ދަރިފުޅު ނިވާންގެ ޒާތީ އަދި ފަންނީ ކުރިއެރުމަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. ސޯނޫގެ އިންސްޓަގްރާމްގައި ލިޔެފައިވާ ގޮތުގައި، ކުރިން ބައްޕަގެ ކުރިމަތީގައި ލަވަކިޔަންވެސް ލަދުގަންނަ ކުއްޖަކު، މިއަދު ދުވާލަކު 16 ގަޑިއިރު އަޑުގެ ތަމްރީނުތައް ހަދައި، ދުނިޔޭގެ މަޝްހޫރު ޕްރޮޑިއުސަރު "ޕޫ ބެއަ"އާއެކު އެއް ފަހަރުން ސްޓޫޑިއޯގައި ލަވަ ރެކޯޑްކުރާ ފެންވަރަށް ކުރިއަރާފައިވުމަކީ މުޅި ޢާއިލާއަށް ލިބުނު ބޮޑު އުފަލެކެވެ.

ނިވާންއަކީ ކުޑައިރުވެސް އާންމުންގެ ސަމާލުކަން ހޯދާފައިވާ ކުއްޖެކެވެ. އެގޮތުން އުމުރުން އެންމެ ހަތަރު އަހަރުގައި މަޝްހޫރު ލަވަ "ކޮލަވެރި ޑީ" ސްޓޫޑިއޯގައި ރެކޯޑްކޮށްފައިވާއިރު، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ބައްޕަ ސޯނޫ ނިގަމްއާއެކު ސްޓޭޖުމަތީގައި "އަބީ މުޖްމޭ ކަހީން" ލަވަ ހުށަހަޅައިދީގެން ގިނަ ބައެއްގެ ލޯބި ހޯދިއެވެ. ނަމަވެސް ސޯނޫ ފާހަގަކުރި ގޮތުގައި، ބައްޕަ އާއި ކާފަ އިޚްތިޔާރުކުރި ކްލެސިކަލް މިޔުޒިކުގެ ރާސްތާގެ ބަދަލުގައި ނިވާން އިޚްތިޔާރުކުރީ މުޅިން ތަފާތު، އަމިއްލަ މިޔުޒިކީ ސްޓައިލެކެވެ.

ސޯނޫ ދަރިފުޅު ނިގަމްއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

މި ޕްރޮޖެކްޓަށް ތައްޔާރުވުމަށް ނިވާން ގެނައި ޖިސްމާނީ ބަދަލުތަކަށްވެސް ސޯނޫ ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން، ކުރިން ފަލަކޮށް ހުރުމުގެ ސަބަބުން އެންމެ ތިން މިނެޓުވެސް ދުވެލަން އުނދަގޫވި ނިވާން، މިއަދު ވަނީ ވަރުގަދަ ކަސްރަތުތަކާއެކު ހަށިގަނޑު ލުއިކޮށް، ސްކްރީން ޕްރެޒެންސް ވަރުގަދަކުރުމަށް ގިނަ ގަޑިއިރުތަކެއް ވަންދެން ނެށުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. ސޯނޫގެ ޕޯސްޓު ނިންމާލަމުން ވަނީ، ހިތްތިރިކަމާއި ބުރަ މަސައްކަތާއެކު މި ދާއިރާއަށް ނުކުތް އޭނާގެ ދަރިފުޅަށް ހެޔޮ ދުޢާކޮށްދިނުމަށް ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.

ދަރިފުޅު ފަންނީ ދާއިރާއަށް ތަޢާރަފުކުރިއިރު، ސޯނޫ ނިގަމް ވެސް އަންނަނީ ބޮލީވުޑްގެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭއާރް ރަޙްމާންގެ މިޔުޒިކަށް ޖާވޭދު އަޚްތަރު ޅެން ހަދާފައިވާ "ބަޓްވާރާ 1947"ގެ އަސަރުގަދަ ލަވަ "ތަބައްސުމް" އާއި، ޕްރީތަމްގެ މިޔުޒިކަށް އަމީތާބް ބަޓަޗާރިއާ ޅެން ހަދާފައިވާ "ޕްރަހާރު: ދި އަންޓޯލްޑް ސްޓޯރީ އޮފް އުއްޖްވަލް ނިކަމް"ގެ ލަވަ "ތުޖް މޭ ބަސީ މޭރީ ޖާން"އަށް ސޯނޫ ވަނީ އަޑުއަޅާދީފައެވެ.

comment ކޮމެންޓް