މި ދުވަސްވަރު އިންފުލުއެންޒާއާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް ބުނެ، އެ ކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން އިއްޔެ ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، މިދުވަސްވަރު އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރެވޭ މިންވަރު އިތުރުވެފައިވާ ކަމަށް ބުނެފައެވެ. އެހެންވެ، އެ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް އެޗްޕީއޭއިން އިލްތިމާސްކުރިއެވެ.
https://x.com/HPA_MV/status/2120898137774866706
އިންފުލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި، ނޭފަތް ބެދުމާއި ނޭފަތުން ފެންއައުމާއި ކަރުގައި ރިހުމާއި ހުން އައުމާއި ގައިގައި ރިހުމާއި ވަރުދެރަވުން ހިމެނެއެވެ.
އެޗްޕީއޭއިން ވަނީ، ރޯގާޖެހި، ރަނގަޅުނުވެ، ތިން ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކަޓަރެއްގެ ލަފާ ހޯދުމަށް އިރުޝާދު ދީފައެވެ.