ސެމްސަންގުން ނެރުމަށް ތައްޔާރުވަމުން އަންނަ ވަން ޔޫއައި 9.5 އަޕްޑޭޓާއެކު، އެ ކުންފުނީގެ ފޯން އެޕްގެ ސާޗް ބަޓަން އިންނަ ތަނަށާއި އޭގެ ޑިޒައިނަށް މުހިންމު ބަދަލުތަކެއް ގެންނަން އުޅޭކަމަށް ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ ގެޖެޓްސް 360 އިން ރިޕޯޓުކޮށްފިއެވެ.
ސޭމްމޯބައިލްއާ ހަވާލާދީ ގެނެސްދީފައިވާ އެ ރިޕޯޓުގައިވާ ގޮތުން، ސެމްސަންގް ފޯން އެޕްގެ ލީކުވެފައިވާ އާ ވާޝަނަކުން ފެންނަ ގޮތުގައި، މިހާރު އެޕްގެ މަތީ ބައިގައި އިންނަ ސާޗް ބަޓަން ވަނީ ސްކްރީނުގެ އެންމެ ތިރިއަށް ބަދަލުކޮށްފައެވެ. އެގޮތުން އާ އަޕްޑޭޓުގައި ސާޗް އޮޕްޝަން ފެންނަން ހުންނާނީ ކީޕެޑް، ރީސެންޓްސް އަދި ކޮންޓެކްޓްސް ޓެބްތަކާ ޖެހިގެން ތިރީގައެވެ.
ލީކުވެފައިވާ ސްކްރީންޝޮޓުތަކުން ދައްކާގޮތުގައި މި ބަދަލުގެ ސަބަބުން ސާޗް ފީޗާ ބޭނުންކުރަން ކުރިއަށްވުރެ ބޮޑަށް ފަސޭހަވާނެއެވެ. ޚާއްސަކޮށް ގެލެކްސީ އެސް 26 އަލްޓްރާ ފަދަ ބޮޑެތި ސްކްރީން ހުންނަ ފޯނުތަކުގައި އެއް އަތުން ފޯނު ބޭނުންކުރާއިރު ސާޗް ބަޓަނަށް އަތްފޯރަން މި ބަދަލާއެކު ވަރަށް ބޮޑަށް ލުއިފަސޭހަވާނެއެވެ.
މީގެ އިތުރުން، ސާޗް އިންޓަފޭސްގެ އެތެރެއަށްވެސް ސެމްސަންގުން ކުދި ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައެވެ. އެގޮތުން ބެކް އެރޯއާ ޖެހިގެން "ސާޗް" ހެޑަރެއް ހިމެނުމުގެ އިތުރުން، ސާޗް ބާގައި ކުރިން ލިޔެފައި އޮންނަ "ސާޗް" ގެ ބަދަލުގައި "ވަޓް އާ ޔޫ ލުކިން ފޯ؟" މި އިބާރާތް ހިމަނާފައިވާކަން ލީކުވެފައިވާ މައުލޫމާތުތަކުން އެނގެއެވެ.
އެންޑްރޮއިޑް 17 ގެ މައްޗަށް ބިނާކޮށް ސެމްސަންގުން ތައްޔާރުކުރި ވަން ޔޫއައި 9 މި އަހަރުގެ ސެޕްޓެމްބަރު މަހު ދޫކުރަން ފަށާފައިވާއިރު، ވަން ޔޫއައި 9.5 ގެ ބީޓާ ޕްރޮގްރާމް މި މަސް ނިމުމުގެ ކުރިން ގެލެކްސީ އެސް 26 ސީރީޒްގެ ފޯނުތަކަށް ފަށާނެކަމަށް ބެލެވެއެވެ. އަދި މި ސޮފްޓްވެއާގެ ސްޓޭބަލް ވާޝަން އާންމުކޮށް ދޫކުރަން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު ނެރޭ ގެލެކްސީ އެސް 27 ސީރީޒްގެ ފޯނުތަކާއެކުގައެވެ.
ވަން ޔޫއައި 9.5 އަޕްޑޭޓުގައި ހިމެނޭނެކަމަށް އަޑުފެތުރިފައިވާ އިތުރު ފީޗާތަކުގެ ތެރޭގައި ސެމްސަންގުގެ ވޮއިސް އެސިސްޓެންޓް ބެކްގްރައުންޑުގައި މަސައްކަތްކުރާ ގޮތަށް ފަރުމާކޮށްފައިވާ "ބިކްސްބީ ވޯކް" ފީޗާ ހިމެނެއެވެ.
މީގެ އިތުރުން ވަޓްސްއެޕް، ޓެލެގްރާމް އަދި ގޫގުލް މީޓް ފަދަ ތާޑް-ޕާޓީ އެޕްތަކުން ކުރާ ކޯލްތައް ރެކޯޑުކުރެވޭނެ ފީޗާއެއްވެސް މި އަޕްޑޭޓާއެކު ތައާރަފުކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.