ސީޕްލޭން ހާދިސާ: "މައްސަލަ ދަނީ ބަލަމުން، ކަން ހިނގިގޮތް ހާމަކުރާނަން"

ސީޕްލޭން އެކްސިޑެންޓް: ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން މައްސަލަ ތަހުގީގުކުރަނީ -- ސޯޝަލް މީޑިއާ ފޮޓޯ: ysfhlmy

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ދިޔަވެ ހިނގި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ކަށަވަރުވަމުންދާ ވަރަކުން ހާމަކުރާނެ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑު (އެމްޓީއެސްބީ)ން ބުނެފިއެވެ.

ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން ނެރުނު ކުރު ބަޔާނެއްގައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލުން ފުރަން އުޅުމުގެ ތެރޭގައި، އިއްޔެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެ ހިނގި ހާދިސާގައި އެ ސީޕްލޭންގެ އެޓެންޑަންޓަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް އެ ބޯޑުން ބުންޏެވެ.

މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށާއި އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ވެސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން ބުންޏެވެ.

ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެ ހާދިސާއެއް ހިނގީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.

މީސްމީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ސީޕްލޭންގެ ބައެއް އޮތީ ފެނު އަޑީގައެވެ. އަދި ލައިފް ރިންގުގެ އެހީގައި އެ ސީޕްލޭންގެތެރޭ ތިބި މީހުން ބާލަމުންދާ މަންޒަރު ވެސް ފެނެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ، ސީޕްލޭން ނައްޓާލަން އުޅެނިކޮށް އިންޖީނަށް މައްސަލައެއް ދިމާވެ، ކުއްލިއަކަށް ސްޕީޑު ބާރުވުމުންނެވެ. އޭރު ކެބިން ކުރޫއެއް ކަނދުމަތީގައި ހުއްޓެވެ. އަދި ސީޕްލޭން ކޮންޓްރޯލް ނުވެ، އެއްފަޅިއަކަށް ބަރުވި ވަގުތު ކަނދު ބިންދައިގެން ގޮސް، ކަނދާއި ބޯޓާ ދޭތެރޭ ކެބިން ކުރޫ ފިތުނީ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޭގެ ސަބަބުން ކެބިން ކުރޫގެ ހާލު ސީރިއަސް ވެފައިވާއިރު، އޭނާއަށް ފަރުވާ ދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ކަމަށް، މައުލޫމާތު އެނގޭ ފަރާތަކުން "ސަން"އާ ހިއްސާކޮށްފައިވެއެވެ.

https://sun.mv/230389

މި ކަމާ ގުޅިގެން އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ވަނީ، ސީޕްލޭން ދިޔަވީ ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓެކްސީ ކުރުމުގެ ތެރޭގައި ކަމަށެވެ. އެ ކަން ހިނގުމާއެކު، އެ ކުންފުނީގެ އެއާޕޯޓު އިމަޖެންސީ ސާވިސަސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް އެމްއޭސީއެލްގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް