ސާފް ޗެމްޕިއަންޝިޕްގައި ސްރީލަންކާއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު އެ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީ މުބާރާތުގެ އިންތިޒާމުކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، މިއީ އޭނާ ސާފް ސަރަހައްދަށް އަންނާނެ ފަހު ފަހަރު ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
ނަސްލީ ތަފާތުކުރުމުގެ ތުހުމަތު ޕޯސްޓް-މެޗު ޕްރެސް ފަށަމުން މުތައިރީ ވަނީ ސާފްގެ ހެޑް އޮފް ލީގަލް ބަންގްލަދޭޝްއަށް ނިސްބަތްވާ ތަންޖިމް ހާންއަށް ކޮށްފައެވެ. އެގޮތުން އޭނާގެ މައްސަލަތަކެއް ބަލަންޖެހޭ ކަމަށް ބުނެ ރޭގަނޑު ދަންވަރު ވަގުތެއްގައި މެއިލްކޮށްފައިވާކަން ހާމަކުރަމުން މުތައިރީ ވަނީ އެ މެއިލް ނޫސްވެރިންނަށް ދައްކާލާފައެވެ. އަދި މިއީ ސާފުން އަރަބިންނާ މެދު ގެންގުޅޭ ނަސްލީ ތަފާތުކުރުމެއް ކަމަށާއި، ސާފުން އަރަބިން ދެކެ ރުޅި އަންނަ ކަމަށް އޭނާ ތުހުމަތުކުރިއެވެ.
ކޯޗުންނަށް އޮތް ތަފާތުކުރުމާއި، ގަވާއިދުތަކަށް ފާޑުކިޔުން މީގެ ކުރިން ކުރޮއޭޝިއާގެ މަޝްހޫރު ކޯޗު ސްޓިމަކް (އިންޑިއާ ކޯޗަކަށް ހުރިއިރު) ކުޅުންތެރިއެއްގެ ގަޔަށް އަތްލުމުންނާއި ކުވައިތު މެޗުގައި ކަންތައްތަކެއް ކުރުމުންވެސް އެންމެ 500 ޑޮލަރުގެ ޖޫރިމަނާއަކުން ނުވަތަ ލުއިގޮތަކަށް ސަލާމަތްވި ކަމަށް މުތައިރީ ފާހަގަކުރިއެވެ.
ނަމަވެސް، އޭނާ ޕްރެސްއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން 6 މަހަށް ނުވަތަ 1 އަހަރަށް ސަސްޕެންޑްކޮށް 10,000 ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ދެ މެޗުން ދެ ރީނދޫ ކާޑު ލިބުމުން ސަސްޕެންޑްވާ ފަދަ ގަވާއިދެއް ފުޓުބޯޅައިގައި އޮތް ކަމަށްވަންޏާ ކޯޗުކަން ހުއްޓާލާނެ ކަމަށްވެސް އޭނާ ރުޅިވެރިކަމާއެކު ބުންޏެވެ.
މެޗުގެ ނަތީޖާއާއި މުބާރާތުން ކެޓުން މި މެޗަށް ނުކުތްއިރު ލަންކާއަށް ޕޮއިންޓެއް ހޯދައިގެންވެސް ސެމީ ފައިނަލަށް ދިޔުމުގެ ފުރުސަތު އޮތް ނަމަވެސް، ބަންގްލަދޭޝް އަތުން 4-0 އިން ބަލިވުމާއެކު އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.