ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުން ސަސްޕެންޑްކުރުމަށްފަހު، އަލުން ވަޒީފާ ނުދިން މައްސަލައިގައި ފެނަކަ ކޯޕަރޭޝަނުން ނެގި އިޖުރާއީ ނުކުތާ ބާޠިލުކޮށް، އެ މައްސަލައަށް މައުޝޫޢީ ގޮތުން ޖަވާބުދާރީވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ކުންފުންޏަށް އަމުރުކޮށްފިއެވެ.
މި މައްސަލައަކީ ފެނަކައިގެ ގއ. ދެއްވަދޫ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރުގެ މަޤާމުގައި ހުރި އަޙްމަދު ޝަފީޤު (ސައްޕޭ)، ލޯކަލް ކައުންސިލް އިންތިޚާބުގައި ދެއްވަދޫ ކައުންސިލްގެ ރައީސްކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމާ ގުޅިގެން ވަޒީފާއިން ވަގުތީގޮތުން ސަސްޕެންޑްކުރުމަށްފަހު، އިންތިޚާބު ނިމުމުން ވަޒީފާ އިއާދަކޮށްދީފައި ނުވާތީ ހުށަހެޅި މައްސަލައެކެވެ.
އެ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޢަބްދުﷲ ޝާފިޢުއާ ވާދަކޮށް ސައްޕޭ ނާކާމިޔާބުވުމުން، ވަޒީފާއަށް ނުކުތުމަށް އެދި ސިޓީ ހުށަހެޅި ނަމަވެސް ފެނަކައިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އެހެންކަމުން ސައްޕޭ ޓްރައިބިއުނަލަށް ހުށަހެޅީ އަލުން ވަޒީފާ ހަމަޖައްސައިދީ، ނުލިބިވާ މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމަށެވެ.
މި މައްސަލައިގައި ފެނަކައިން އިޖުރާއީ ނުކުތާއެއް ނަގައި ބުނެފައިވަނީ، ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ހުށަހެޅުމަށް ވަޒީފާއާބެހޭ ޤާނޫނުގައި އޮންނަ ތިން މަސްދުވަހުގެ މުއްދަތު ފާއިތުވެފައިވާތީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލަށް ނެތް ކަމަށެވެ.
ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމެވީ މިއީ ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއް ނޫން ކަމަށާއި، ވަގުތީ ސަސްޕެންޝަނުގެ ސަބަބު ފިލައިދިއުމުން ވެސް އަނބުރާ ވަޒީފާ ނުދިނުމުން އުފެދިފައިވާ ޚިލާފެއް ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތަކަށް ހިނގާނީ ޓްރައިބިއުނަލުގެ ގަވާއިދުގައި ބަޔާންކުރާ ހަ މަސްދުވަހުގެ މުއްދަތު ކަމަށާއި، މި މައްސަލަ ހުށަހަޅާފައިވަނީ އެ މުއްދަތުގެ ތެރޭގައި ކަމަށް ކަނޑައެޅުއްވިއެވެ.
އެހެންކަމުން މައްސަލަ ބާޠިލުކުރަން ފެނަކައިން އެދުނު އެދުން ދެކޮޅުހަދައި، އެ މައްސަލައަށް ފެނަކައިން މައުޝޫޢީގޮތުން ޖަވާބުދާރީވުމަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.