ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ، އދ. ދިގުރަށުގައި ފަތުރުވެރިކަން ރަމްޒުކޮށްދޭ ބިނާއެއް ނުވަތަ މޮނިއުމަންޓެއް ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
ދިގުރަށު ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ، ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ''މޮނިއުމެންޓުގެ ކޮންސްޓްރަކްޝަން'' މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އަދި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ބިޑް ރަޖިސްޓްރީކުރާ ފޯމް އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް އިއުލާނުގައިވެއެވެ.
ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން 'ސަން' އަށް ވިދާޅުވީ، އެ ރަށުގައި ހަދާ މޮނިއުމަންޓަކީ އެ ރަށުގެ ނަމާއެކު، އެ ރަށަށް ޚާއްްސަ ފަތުރުވެރިކަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ކަމަށެވެ. ބޭނުމަކީ ރަށަށް އަރާ ކޮންމެ ފަތުރުވެރިއަކަށް ވެސް ރަށުގެ މަލަމަތިން، ރަށަކީ ކޮން ކަމަކަށް ޚާއްސަ ރަށެއްކަން އަންގައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދިގުރަށަކީ ފަތުރުވެރިކަމަށް ޚާއްސަ ރަށެއް. ވަކިން ޚާއްސަކޮށް މި ރަށުގެ ސަރަހައްދަކީ ވޭލްޝާކް، މަންތާ އަދި ޑޮލްފިން ފަދަ، ފަތުރުވެރިން ދެކިލަން ބޭނުންވާ ބާވަތްތައް ފަސޭހައިން ފެންނާނެ ޕޮއިންޓްތައް ގިނަ ތަނެއް. އެހެންވީމަ ރަށުގެ ނަމާއެކު، އެކަންވެސް ދައްކުވައިދޭނެ މޮނިއުމަންޓުން
ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން
ދެ ބަޔަކަށް ބަހާލާފައިވާ އެ މޮނިއުމެންޓުގައި އިމާރާތްކުރާ ބަޔަކާއި ފައިބަރުން ހަދާ ބައެއް ހިމެނެއެވެ.
ދިގުރަށު ކައުންސިލްގެ އިއުލާންގައި ވާގޮތުން ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައި ނުގަންނާނެއެވެ.
ދިގުރަށުގައި ހަދާ މޮނިއުމަންޓްގެ މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކަށް، ބިޑް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު، އެ ރަށުގެ ކައުންސިލް އިދާރާގެ ކައުންޓަރުން ގަންނަށް ލިބެން ހުންނާނެ ކަމަށް އިއުލާނުގައިވެއެވެ. އެ ފޯމުގެ އަގަކީ -/100 ރުފިޔާކަމަށް ވެސް އިއުލާންގައިވެއެވެ.