ވ. އަތޮޅުން މާލެއަށް ދަތުރުކުރި ދޯންޏެއް ރަސްމާލޭގެ ފަރަށް އަރައި، އެ ދޯނީގެ ފަޅުވެރިއަކަށް އަނިޔާއެއް ވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް 'ކީސާ' ދޯނި އެރި ކަމުގެ މައުލޫމާތު ލިބުނީ ރޭ 11:51 ހާއިރު ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ރޭ އެމްއެންޑީއެފްގެ މާލެ އޭރިއާ ކޮމާންޑް ކޯސްޓް ގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ދޯނި އޮތް ސަރަހައްދަށް މެންދަމު 2:37 ހާއިރު ގޮސް އެ ދޯނިން ދަތުރުކުރަމުން ދިޔަ ދިވެއްސަކާއި ތިން ބިދޭސީން ކޯސްޓް ގާޑުގެ ހާބާކްރާފްޓަށް ނަގައިފައި ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.
އަދި އެ ދޯނީގެ ވެރިިފަރާތުން ގެނައި "އޯޝަން ރައިޑް" ދޯނި މެންދަމު 3:37 ހާއިރު އެ ސަރަހައްދަށް އައުމުން، އެ ފަޅުވެރިން އެ ދޯންޏަށް ބަދަލުކުރި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި 'ކީސާ' ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާއެއް ވެފައިވާތީ އެ މިހާ ވަނީ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައި ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އައްޑޫން މާލެއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ވެސް މިދިޔަ މަހު ފަހުކޮޅު ރަސްމާލޭ ފަރަށް އެރިއެވެ.