ޖެނީވާގައި އދ. ން ކުރިޔަށް ގެންދާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުއަށް އެމެރިކާ ދެކޮޅު ހަދައިފި

ޖެނީވާގައި ކުރިޔަށްދާ ޔޫޕީއާރުގެ ސެޝަންތަކުގެ ތެރެއިން

ޖެނީވާ (12 ނޮވެމްބަރު 2026) : އދ. ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ހިމާޔަތްކުރާ މިންވަރާއި އެގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް ބަލައި މުއާޖަޢާ ކުރުމަށް އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލުން ޖެނީވާގައި ކުރިޔަށްގެންދާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގައި ބައިވެރިވެ އެކަމުގައި އދ. އަށް އެއްބާރުލުން ދިނުމަށް އެމެރިކާ ދެކޮޅު ހަދައިފިއެވެ.

މިއީ އެމެރިކާގެ އިންސާނީ ހައްގުތަކުގެ ރެކޯޑު ބެލުމަށް އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލުން ކުރިޔަށް ގެންދާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު ގައި ބައިވެރިވުމަށް އެމެރިކާ ދެކޮޅުހަދި ދެވަނަ ފަހަރެވެ. މިފަހަރު މިކަމާ ދެކޮޅު ހަދަމުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެކައުންސިލަކީ އެމެރިކާ ގަބޫލުކުރާ ކައުންސިލެއް ނޫންކަމަށް ބުނެ އެއީ އެމެރިކާ ފަދަ ގައުމަކާ ސުވާލުކޮށް ޖަވާބުދާރީ ކުރުވަން ކޮންފެންވަރެއްގެ ކައުންސިލެއްތޯ ވަނީ ސުވާލު އުފައްދައިފައެވެ.

އދ. ގެ ކައުންސިލަކަށް ބޯލެނބުމަކީ އަދި އެކައުންސިލުން އެމެރިކާ އާ ސުވާލުކޮށް ޒިންމާ ކުރުވަން މަސައްކަތް ކުރުމަކީ އެމެރިކާގެ ބާރާއި ހައިބަތު ނުވަތަ އެމެރިކާގެ ޕްރައިޑް އަށް ލޮޅުން އަރާނެ ކަމެއްކަމަށާ އެެހެންވެ އެމެރިކާ އެކަން ނުކުރާނެކަން އެސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމް، ޓްރަމްޕް ދެކެވަޑައި ގަންނަވާ ގޮތުގައި އެމެރިކާއަކީ ބައިނަލްއަގްވާމީ ގާނޫނާއި ގަވައިދަށް ބޯލަނބަން ޖެހޭ ވަރަށް ވުރެ މާ ބާރުގަދަ އަދި ގާނޫން މަތީގައިވާ ގައުމެއް

އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލަކީ އެމެރިކާ ގަބޫލުކުރާ ކައުންސިލަކަށް ނުވާއިރު އެކައުންސިލަށް ޖަވާބުދާރީ ވުމަކީ އެކައުންސިލްގެ މަސައްކަތްތައް އެމެރިކާ ގަބޫލުކުރުންކަމަށް ބެލެވޭނެ ކަމެއްކަމަށްވުމަކީވެސް މިކަމަށް އެއްބާރުލުން ދޭން އެމެރިކާ ދެކޮޅު ހަދާ ސަބަބެއްކަމަށް އެސިޓީގައި ބުނެފައިވެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ސިޓީގައި އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލަކީ އެމެރިކާ ކުރިމަތީގައި އެއްވެސް އަގެއް އަދި ބުރަދަނެއްނެތް ބާކާރު އަދި އިންސާނީ ހައްގުތަކަށް މަލާމާތްކުރާ މުއައްސަސާއެއްކަމަށް ސިފަކޮށް އެ ކައުންސިލަށްވަނީ މަލާމަތްވެސް ކޮށްފައެވެ. މީގެއިތުރުން އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލްއަކީ އެމެރިކާގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް ފާޑުކިޔުމުގެ އިތުރުން އެއީ އެމެރިކާއާ އިދިކޮޅު ނެރެޓިވް ފަތުރައި އެމެރިކާ ފަޟީހަތް ކުރުމުގެ ރެކޯޑެއްވެސް އޮތް ކައުންސިލެއްކަމަށް އެމެރިކާގެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލް ގެ ރެކޯޑުތައް ބުނާގޮތުން އެމެރިކާ އަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގައި ވަރަށް ކުރީގައި އުޅޭ ގައުމެކެވެ. މީގެތެރޭގައި ގާނޫނުން ބޭރުން އިންސާނުން މެރުން (އެކްސްޓްރާ ޖުޑިޝަލް ކިލިން) ފަދަ އިންސާނީ ހައްގުތަކާ ޚިލާފު އެތަށް އަމަލުތަކެއް ފުޅާދާއިރާއެއްގައި އެމެރިކާ ހިންގަމުން ގެންދާކަމާއި އެކަންކަން ހުއްޓުވުމަށް އެމެރިކާއަށް ނަސީހަތް ދީފައިވީނަމަވެސް އެކަންކަމަށް އެމެރިކާ އަޅައިނުލާކަމަށް އެކައުންސިލްގެ ރެކޯޑުތައް ބުނެއެވެ.

އެމެރިކާގެ ޖަމާއަތެއްކަމަށްވާ "އެމެރިކަން ސިވިލް ލިބަޓީސް ޔުނިޔަން" ބުނާގޮތުން އިންސާނީ ހައްގުތަކަށް އަރައިގަތުމަށް އެމެރިކާ ސަރުކާރުން ހިންގާ ހަރުކަށި އަމަލުތަކުގެ ތެރޭގައި ގަވައިދާ ޚިލާފަށް އެމެރިކާއަށް އެތެރެވެގެން އުޅޭ ހިޖުރަވެރިންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ހިމެނެއެވެ. މީގެތެރޭގައި އެފަދަ މީހުންގެ ދަރިން އެކުދިންގެ މައިންބަފައިންނާ ވަކިކޮށް ކުޑަގޮޅީގައި ބަންދުކުރުމާއި އެފަދަ މީހުން ކާބޯތަކެއްޗާއި ސިއްހީ ޚިދުމަތުން މަހުރޫމް ކުރުމާއި އާބިޓްރަރީކޮށް އެމީހުން ހައްޔަރުކޮށް އަނިޔާކުރުންފަދަ ކަންކަން ހިމެނޭކަމަށް އެ ޖަމާއަތުން ފާހަގަ ކުރެއެވެ. މީގެއިތުރުން ޣައްޒާގެ ނަސްލު ނައްތާލުމަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކަށް އެމެރިކާ އެހީވުންވެސް ހިމެނެއެވެ.

ކެރީބިއަން ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ލެޓިން އެމެރިކާގެ ގައުމުތަކުގެ މަސްބޯޓުތަކަށް ހަމަލާދީ އެތަށް ސަތޭކަ ބަޔަކު "އެކްސްޓްރާ ޖުޑިޝަލް ކިލިން" އުސޫލުން މެރުމަކީވެސް އެމެރިކާ ހިންގަމުންގެންދާ ޖަރީމާއެއްކަން އެޖަމާއަތުން ފާހަގަ ކުރެއެވެ. އަދި ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހާފައި ގައުމުތަކަށް އިސްވެ ހަމަލާދީ އާންމުން މެރުންފަދަ ހަނގުރާމައިގެ ޖަރީމާތައް ހިންގުމަކީވެސް އެމެރިކާ ކުރަމުންގެންދާ ކަމެކެވެ.

ކުރީގެ އަހަރެއްގައި ޔޫޕީއާރުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފްދު

އެމެރިކާގެ މައްޗަށް މިތުހުމަތުތައްކުރާ ޖަމްއިއްޔާ ތަކުގެ ތެރޭގައި ހިއުމަން ރައިޓްސް ޕްރޮގްރާމް އެޓް ދަ އެމެރިކަން ސިވިލް ލިބަޓީސް ޔުނިޔަން ގެ އިތުރުން ހިއުމަން ރައިޓްސް ވޮޗް އާއި އެމްނެސްޓީ ފަދަ ޖަމާއަތްތައްވެސް ހިމެނެއެވެ.

އީރާނުގެ ވެރިންނަށް ހަމަލާދީ އެމީހުން ޝަހީދުކޮށްލުމާއި އީރާނުގެ ސްކޫލަކަށް ހަމަލާދީ 187 ކުޑަކުދިން ޝަހީދުކޮށްލުމަކީ މިއަހަރު ކުރީކޮޅު އެމެރިކާ ހިންގާފައިވާ ޖަރީމާއެކެވެ. އީރާނުގެ ހޮސްޕިޓަލްތަކާއި ޔުނިވާސިޓީތަކަށްވެސް ހަމަލާދީ އެމެރިކާވަނީ އީރާނުގެ ބަލިމީހުންނާއި ޑޮކްޓަރުންނާއި ޕްރޮފެސަރުންނާއި ސައެންޓިސްޓުންވެސް ގިނަ އަދަދަަކަށް މަރައިފައެވެ.

އެމެރިކާއަކީ އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ސިއްރު ޖަލުތައް ހަދައިގެން އެތަންތަނުގައި އެތަށް ހާސްބަޔަކު ހައްޔަރުކޮށް ބޮޑެތި އަނިޔާތަކެއް ދީނުމުގެ ރެކޯޑުވެސް އޮތް ގައުމެކެވެ. މީގެ އަހަރުތަކެއް ކުރިން އެމެރިކާވަނީ ގުއަންޓެނާމޯ ޖަލާއި އިރާގުގެ އަބޫޣުރައިބު ޖަލުގައިވެސް ގައިދީން ބަރަހަނާކޮށް އެމީހުންގެ ހަށިތަކަށް ކަރަންޓް ޝޮކް ދިނުމާއި ކުއްތާބޭނުންކޮށްގެން އެމީހުންނަށް ބިރުދެއްކުންފަދަ ލާއިންސާނީ އެތަށް ޖަރީމާތަކެއްހިންގައިފައެވެ. ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު މިކަން ދުނިޔެއަށް ފަޅައިއެރުމުން އެދުވަސްވަރު އެމެރިކާ ވަރަށް ބޮޑަށް ބޭޒާރުވެގެންގޮސްފައިވެއެވެ.

އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލުން ޖެނީވާގައި ކުރިޔަށްގެންދާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގައި ބައިވެރިވެ އެކަމުގައި އދ. އަށް އެއްބާރުލުން ދިނުމަށް އެމެރިކާ ދެކޮޅު ހެދުމުން އެކައުންސިލުންވަނީ އެކަމާދެރަވާކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. މިއާއެކު އެމެރިކާގެ އިންސާނީ ހައްގުތަކުގެ ރެކޯޑު ބެލުމުގެ ކަންތައް އަންނަ ފެބްރުއަރީ މަހަށް ފަސްކޮށްފައިވާކަމަށްވެސް އެކައުންސިލުން ވަނީ ބުނެފައެވެ.

"ހިއުމަން ރައިޓްސް ޕްރޮގްރާމް އެޓް ދަ އެމެރިކަން ސިވިލް ލިބަޓީސް ޔުނިޔަން" ބުނާގޮތުން އެމެރިކާ ސަރުކާރުން ގެންދަނީ އެމެރިކާގެ ރައްޔިތުންގެ މެދުގައިވެސް ނަސްލީ ތަފާތު ކުރުންތައް ގެންގުޅެމުންނެވެ. މީގެތެރޭގައި އެމެރިކާގައި މަދަނީ މިނިވަންކަން ކުޑަވުމާއި ހިޖުރަވެރިންނަށް އަނިޔާކުރުމާއި ފުލުހުންގެ އަނިޔާތައް ބޮޑުވުމާއި ދަރިވެއްޓުމަށް ހުއްދަދިނުންފަދަ ކަންކަން ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް