''ބޭކާރު ވާހަކަ ގިނަވާތީވެ ނޫސްވެރިންނާ ވާހަކަދައްކަން އަންހެނުން މަނާކޮށްފި'': ލަންކާ ކޯޗު

ސްރީ ލަންކާގެ ހެޑް ކޯޗު ޢަބްދުﷲ އަލް މުތައިރީ--

ބަންގްލަދޭޝްގެ ޓްރެފިކް ބާރުބޮޑު ގަޑީގައިވެސް ނޫސްވެރިން ހާޒިރުވުމުން، އެ މީހުން މާޔޫސްކޮށްނުލުމުގެ ގޮތުން ސްރީ ލަންކާގެ ތިން ކުޅުންތެރިޔަކު ނޫސްވެރިންގެ ކުރިމައްޗަށް ނެރުމަށްފަހު، ކޯޗު ޢަބްދުﷲ އަލް މުތައިރީ ސަމާސާ ރާގެއްގައި ވަނީ އަނެއްކާވެސް މީޑިއާގެ ސަމާލުކަން ހޯދާފައެވެ.

މީގެ ކުރިން އެތަކެއް ފަހަރު އޭނާ ވަނީ މީޑިއާގެ ސަމާލުކަން ހޯދާފައެވެ. މިއަދު މުބާރާތް ބާއްވާ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ ބޮޑު މެޗުގެ ކުރިން ވާހަކަދައްކަމުން މުތައިރީ ބުނީ މިއީ އޭނާގެ ފަހު ޕްރެސް ކޮންފަރެންސަށް ވެދާނެ ކަމަށެވެ.

"އަހަންނަށް ދެން ނެތް ނޫސްވެރިންނާ މާގިނައިން ވާހަކަ ދެއްކޭކަށް. އަހަރެން މާ ވާހަކަ ގިނަވާތީ އަންހެނުން އެކަން މަނާކޮށްފި،" މީޑިއާތަކާ ވާހަކަދައްކަމުން މުތައިރީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އަންހެނުންނާ އިނދެގެން އުޅޭތާ 21 އަހަރު ވެއްޖެ ކަމަށާއި، އެ ކައިވެނި ރޫޅާލާން ބޭނުން ނުވާނަމަ، އޭނާއާ ސުވާލު ނުކުރުމަށް އެދޭ ކަމަށެވެ.

އަންހެނުން މަނާކުރި ކަމަށް ބުނި ނަމަވެސް، ކުޅުންތެރިންގެ ވާހަކަތަކަށްފަހު މުތައިރީ ވަނީ ނޫސްވެރިންގެ ތިން ސުވާލަކަށް ޖަވާބު ދީފައެވެ. ކުރިއަށްއޮތް މެޗާ މެދު ވާހަކަދައްކަމުން އޭނާ ބުނީ މިއީ ސާފްގެ ތާރީޚުގައިވެސް ފެންނާނެ އެންމެ ވަރުގަދަ މެޗަށް ވާނެ ކަމަށާއި، ދެ ޓީމުގައިވެސް ގައުމީ ލޭ ހިނގާ، ފެންވަރު ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށެވެ.

މީގެކުރިން 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލްގެ ކޯޗުގެ މަގާމުގައި ހުރިއިރުވެސް އޭނާގެ ފަރާތުން މިފަދަ ތަފާތު ކަންކަން ފެނިގެންދިޔައެވެ. މިފަހަރު ލަންކާގެ ކޯޗުގެ ގޮތުގައި ބަންގްލަދޭޝްއަށް އައިސް، ރެފްރީންނަށާއި ސާފްގެ އިންތިޒާމުތަކަށް ވަރުގަދައަށް ފާޑުކިޔުމުގެ އިތުރުން، ހޯސްޓް ބަންގްލަދޭޝްއަށް މާބޮޑަށް ތައުރީފުކޮށް، މި މުބާރާތް ނަގަންޖެހޭނީ އެ ޤައުމުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގެ ނޫސްވެރިން ސިފަކުރާ ގޮތުގައި މިއީ ވާދަވެރިންގެ ސަމާލުކަން އަނބުރާލުމަށް މުތައިރީ ޖެއްސި "މައިންޑް ގޭމް" އެކެވެ.

comment ކޮމެންޓް