އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އަށް ބޭނުންވާ ބައެއް ތަކެތި މިދިޔަ އަހަރު މާކެޓް ރޭޓަށް ވުރެ ބޮޑު އަގުގައި ހޯދި މައްސަލައެއްގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ނިންމައިފިއެވެ.
މިއީ، އޭއީއެޗްގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް އެ ހޮސްޕިޓަލުން މިދިޔަ އަހަރު ކުރި އިޢުލާނަކާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ.
އޭސީސީން ބުނި ގޮތުގައި، އިޢުލާނުގައި ހިމެނޭ ތަކެތީގެ ތެރެއިން 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް އިއުލާނުކުރުމުން ބީލަން ހުށަހެޅީ އެންމެ މީހެކެވެ. މިގޮތުން، އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއްނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެ ތަކެތި ހޯދާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަން އޭސީސީން ފާހަގަކުރިއެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވުމަށް ނިންމީ، އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި ފަރާތާއި އެ ތަކެތި ހޯދުމަށް ނިންމި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި ތިން މެންބަރެއްގެ މައްޗަށެވެ. އެއީ:
- ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރެ ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި މުޙައްމަދު ޞާއިން އަހުމަދު
- ސީނިއާ ހެލްތުކެއާ އެޑްމިނިސްޓްރޭޝަން އޮފިސަރު އަދި ކުންފުނިން ހުށަހެޅި އަގުގައި އެ އައިޓަމް ސަޕްލައިކުރުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއާޕާސަން އަޒީމް ލަތީފް
- ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު އަދި ބިޑު ކޮމިޓީގެ މެންބަރު އަބްދުﷲ ވަހީދު
- ޕީޑިއެޓްރީޝަން އަދި ބިޑު ކޮމިޓީގެ މެންބަރު ޑރ. ފާތިމަތު އަމާނީ ނަސީރު
އެ މީހުންގެ މައްޗަށް ކޮށްދިނުމަށް އެދިފައި ވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.
އޭސީސީން އެދެން ނިންމައިފައިވަނީ، ގެއްލުންވާ ފައިސާގެ އަދަދު ހިސާބުކުރުމަށާއި މި މައްސަލައިގައި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރި މުވައްޒަފުންގެ އިދާރީ މައްސަލަ ބަލައި، އެ ފަރާތްތަކުން އަނބުރާ ހޯދަންޖެހޭ އަދަދުތައް ކަނޑައަޅައި، އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެންގުމަށެވެ.