ނިރޮޅުމަގު ގޯޅި-15އާއި ކާނިމަގު ގުޅޭ ކަންމަތި، މަރާމާތަށް ހަތަރު ދުވަހަށް ބަންދު ކުރަނީ

ހުޅުމާލޭގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން: މަރާމާތަށް ނިރޮޅުމަގު ގޯޅި-15 ހަތަރު ދުވަހަށް ބަންދު ކުރާނެކަން ވަނީ އިއުލާންކޮށްފައި --ފޮޓޯ/ އެޗްޑީސީ

މަރާމަތުގެ މަސައްކަތްތަކެއް ކުރުމަށް، ހުޅުމާލޭގެ މޫދު ސަރަހައްދަށް ދެވެން އޮންނަ މަގެއްކަމަށްވާ ނިރޮޅު މަގު ގޯޅި-15އާއި ކާނިމަގު ގުޅޭ ކަންމަތި ހަތަރު ދުވަހަށް ބަންދު ކުރުމަށް އެޗްޑީސީން ނިންމައިފިއެވެ.

ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭ ދެ ފިޔަވަހީގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ނިރޮޅުމަގު ގޯޅި-15 އާއި ކާނިމަގު ގުޅޭ ކަންމަތި ހަތަރު ދުވަހަށް ބަންދު ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މި ސަރަހައްދު ބަންދު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތައިން ބުދަ ދުވަހަށެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުން މަރާމާތުގެ މަސައްކަތްތައް ކުރިޔަށް ދާނީ ހެނދުނު 8:00ން ރޭނގަޑު 10:00 ޖެހުމާ ހަމައަށެވެ. އަދި މަސައްކަތް ކުރަމުންދާ ވަގުތު ކޮންމެވެސް ވަރަކަށް އަޑު ގަދަ ވުމާއި ރޯލަރުގެ ވައިބްރޭޝަންގެ އިހްސާސްވުމުގެ އިތުރުން، ކޮންމެވެސް ވަރަކަށް ހިރަފުސް އެރުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން އެ ސަރައްދުގައި ވިޔަފާރި ކުރާ ފަރާތްތަކުންނާއި، އެ ސަރައްދު ބޭނުން ކުރާ ފަރާތްތަކުން ސަމާލުވުމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެޗްޑީސީގެ އިއުލާންގައި ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޑީސީގެ އިއުލާންގައި އިތުރަށް ބުނެފައިވަނީ މަގު މަރާމާތުގެ މަސައްކަތް ކުރިޔަސް ދާ ވަގުތުތަކުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކޯޕަރޭޝަންގެ ފަރާތުން، ނިހާޔަތަށް މާފަށް އެދޭކަމަށެވެ. އަދި މިގޮތަށް ކުރާ މަސައްކަތްތަކުގައި އާންމުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށް ވެސް ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް