ރަސްމާލެ މަޝްރޫއާއެކު، މިހާރު މި އުޅެނީ ދިވެހި ދައުލަތުގެ ތެރޭ އިތުރު ދައުލަތެއް އުފެދެން: ޢަލީ ޙުސައިން

ގާނޫނީ ވަކީލު ޢަލީ ޙުސައިން: ވިދާޅުވީ މިހާރު އުޅެނީ ދިވެހި ދައުލަތުގެ ތެރޭ އިތުރު ދައުލަތެއް އުފެދެން ކަމަށް --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު ޢަބްދުﷲ

ރަސްމާލެ މަޝްރޫއާއެކު، މިހާރު މި އުޅެނީ ރާއްޖޭގެ ބިމުގެ މިލްކުވެރިކަން ބޭރު ބައެއްގެ އަތް މައްޗަށް ފުރޮޅައިލެވެން ކަމަށާއި، މި އުޅެނީ ދިވެހި ދައުލަތުގެ ތެރޭ އިތުރު ދައުލަތެއް އުފެދެން ކަމަށް، ގާނޫނީ ވަކީލު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.

ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގުމަށް އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުގެ ފަރާތުން ބާއްވާ އެއްވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ވިދާޅުވީ، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ފެންނަ ގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މަތިކޮށްފައި އޮތް ޒިންމާއެއް ކަމަށެވެ.

ޢަލީ ވިދާޅުވީ ރަސްމާލެ ހިއްކައި ބޭރުގެ ބަޔަކު އާބާދުކުރުމަކީ ގައުމީ ބޮޑު މައްސަލައެއް ކަމަށާއި އާދައިގެ ކުޑަ ކަމެއް ނޫން ކަމަށެވެ.

މިސާލެއްގެ ގޮތުން ޢަލީ ފާހަގަކުރެއްވީ މައްޗަންގޯޅި ސަހަރާއާއި ވިލިމާލޭގައި ހުންނަ ނިކަގަސް ކެނޑުމަށް، އެ އަވަށްތަކުގައި ދިރިއުޅޭ އާންމުން ގާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެއްސެވި އެއްސެވުމާއި އައްޑޫގެ ބައެއް ރަށްތައް ސިޓީން ވަކިވުމާ ގުޅޭ ގޮތުން މިދިޔަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓެވެ.

"ގަހެއް ކެނޑުމަކީ ގައުމީ މުހިންމު ކަމަކަށް ވަންޏާ ދިވެހިރާއްޖޭގައި ބޭރު މީހުން، ވަކިން ޚާއްސަކޮށް ބޭރު ގައުމުތަކުގެ ޣައިރު ދީންތަކުގެ މީހުން ވަޒަންވެރިކުރުވުމަކީ އެއީ ގައުމީ މުހިންމު މައްސަލައަކަށް ނުވާންވީ އެއްވެސް ސަބަބެއް ނެތް،" ޢަލީ ވިދާޅުވިއެވެ.

މާ ކުދިކުދި ކަންކަމުގައި ވެސް ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށް ރައީސް ވިދާޅުވިކަން ސާބިތުވާން އޮތް އިރު، އީގަލް ހިލްސްއަށް ރަސްމާލެ ދިނުމަކީ ގައުމީ ބޮޑު މައްސަލައެއްނޫން ކަމަށް ބެލެންވީ ޖާގައެއް ނެތް ކަމަށް ޢަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ރަސްމާލޭގެ ވެރިންނަކީ ދިވެހީންނެވެ. ރަސްމާލޭގައި މަޝްރޫއު ހިންގަން އީގަލް ހިލްސްއަށް ދިނުމުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް އަސަރުކުރާނެ ކަމަށް ވިދާޅުވެ، ޢަލީ ވިދާޅުވީ ދިވެހީން އާބާދުވީމައި ރަސްމާލެއަށް ވިހާނީ ބޭރު ގައުމުތަކުގެ މީހުންނެވެ. އެ މީހުން އުޅެ ބޮޑުވާނީ ރަސްމާލޭގައި ކަމަށާއި، އެއް ޖީލު ނިމޭ ފަހުން ނުވަތަ 30 އަހަރު ފަހުން އެ މީހުން ނުވެސް ތިބޭނެ ކަމަށެވެ.

"ދެން މި ގައުމުގައި ދިރިއުޅޭނީ ދިވެހިރާއްޖެއަށް އުފަން ބޭރުގެ މީހުން ބޭރު ދީންތަކުގެ މީހުން، އެ ހިސާބުން އެ މީހުން ޑިމާންޑުކުރާނެ އެ މީހުންގެ ދީނީ ޝިއާރު ފާޅުކުރަން އެ މީހުން އަޅުކަންކުރުމަށް ބޭނުންކުރާ ފައްޅިތަކާއި ޗާޗުތަކާއި ސިނަގޮގުތަކާ، މި ތަންތަން އަޅަން ހުއްދަދޭން ޖެހޭނެ، އަޅުގަނޑުމެންނަށް އެކަން ހުއްޓުވޭކަށް ނޯންނާނެ،" ޢަލީ ވިދާޅުވިއެވެ.

އެކަން އެގޮތަށް ކުރާ ކަމަށް ވަންޏާ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ޢަލީ ވިދާޅުވިއެވެ.

އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެއީ ދިވެހިރާއްޖޭގެ ސަރަހައްދަށް އަންނަ ވަރަށް ބޮޑު ބަދަލެއް، އެއީ ދައުލަތެއްގެ ތެރޭގައި އިތުރު ދައުލަތެއް މި އުފެއްދެނީ، ދިވެހި ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދޭ ކަމަށް ވަންޏާ ދިވެހި ދައުލަތުގެ ތެރޭގައި އެހެން ބައެއްގެ ބާރު ހިނގާ، މާލޭގެ ގާތްގަނޑަކަށް ތިން މާލޭގެ ބޮޑު ސަރަހައްދެއް އޮންނަ ކަމަށް ވަންޏާ އެއީ ދިވެހިރާއްޖޭގެ ސަރަހައްދަށް އަންނަ ވަރަށް ބޮޑު ބަދަލެއް
ޢަލީ ޙުސައިން / ގާނޫނީ ވަކީލު

ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ބިމުގެ މިލްކުވެރިކަން އޮންނަނީ ދިވެހީންގެ އަތުގައި ކަމަށްވީ ނަމަވެސް، މިހާރު އުޅެނީ ރާއްޖޭގެ ބިމުގެ މިލްކުވެރިކަން ތާއަބަދަށް ބޭރުގެ ބަޔަކަށް ފުރޮޅައިލެވެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަން އެނގެނީ ސަރުކާރު ފަރާތުން މަޖިލީހަށް އިއްޔެ ހުށަހެޅި ރިއަލް އެސްޓޭޓް ބިލުން ކަމަށް ވިދާޅުވެ، ޢަލީ ވަނީ، މި ކަމަކީ ގައުމީ މުހިންމު މައްސަލައަކަށް ނުވާނަމަ އަވަސް އަރުވައިލައިގެން އެކުއިޒިޝަން ކޮސްޓެއް ނެތި ރާއްޖޭގެ ބިމުން 500 ހެކްޓަރުގެ ބިން ބޭރު ބަޔަކަށް ދޭން މަސައްކަތްކުރަނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.

ރަސްމާލޭން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދޭން އުޅޭ ކަމަށް ބުނެ، ރައްޔިތުންގެ ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވަނީ ގަރާރެއް ފާސްކޮށްފައެވެ. އަދި އެ ގަރާރަށް ސަރުކާރުން އިޖާބަ ނުދީފިނަމަ، އެހެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށްވެސް އެ ޕާޓީން އޮތީ ނިންމައިފައެވެ.

https://sun.mv/230256

އެމްޑީޕީގެ ގައުމީ މަޖިލީހުން މިގޮތަށް ފާސްކުރިއިރު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ނުދާނެކަން ހާމަކުރައްވައިފައެވެ.

ރަސްމާލެ މަޝްރޫއު ހިންގުމަށް މަގުފަހިވާ ގޮތަށް މަޖިލީހަށް ހުށަހަޅައިފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވަނީ އެފަދަ މަޝްރޫއުތަކުގައި، ތަރައްގީކުރެވޭ ނުވަތަ ތަރައްގީކޮށްފައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް، 99 އަހަރު ދުވަހުގެ މުއްދަތަށް ވިއްކިދާނެ ކަމަށް ބަޔާންކޮށްފައެވެ.

https://sun.mv/230250

އެ ބިލުގެ ދަށުން ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް، އެހެން ފަރާތަކަށް އެ ޕްރޮޕަޓީ ވިއްކުމުގެ އިޚުތިޔާރު ވެސް ލިބިދީފައިވެއެވެ. ނަމަވެސް ޕްރޮޕަޓީއެއް ގަތުމަކުން، އެ ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް ރާއްޖޭގެ ރައްޔިތަކަށްވުމުގެ އެއްވެއް ހައްގެއް ލިބިގެންނުވާ ކަމަށް ބިލުގައި ބަޔާންކޮށްފައެވެ.

comment ކޮމެންޓް