އެފްޑީސީގެ 495 ފުލެޓުން ގަވައިދުން ކުލި ނުދައްކާއިރު، ހުއްދަނެތި ފުލެޓަށް ބަދަލު ގެނައުމުގެ 44 މައްސަލައެއް

އެފްޑީސީ ފުލެޓުތަކެއް: އެ ފުލެޓުތަކުގެ ތެރެއިން 500އެއްހާ ފުލެޓުން ކުލި ނުދައްކާ އެބަހުރި -- ފޮޓޯ/ އެފްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފަސް ސަތޭކައެއްހާ ފުލެޓުތަކުން ގަވައިދުން ކުލި ނުދައްކާ ކަމާއި، ހުއްދަނެތި ފުލެޓަށް ބަދަލު ގެނައުމުގެ 44 މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

އެފްޑީސީން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮށްފައިވާ ޖޫރިމަނާތަކާއި ދީފައިވާ އިންޒާރުތަކުގެ ތަފާސްހިސާބުތައް މިއަދު ވަނީ އާންމުކޮށްފައެވެ.

އެ ހިސާބުތަކުން އެނގޭ ގޮތުގައި، އެފްޑީސީގެ 4،000 ފުލެޓުގެ ތެރެއިން ގަވައިދުން މަހުން މަހަށް ކުލި ދައްކަނީ 3،432 ފުލެޓުންނެވެ. އެކަމަކު، ބާކީ، 495 ފުލެޓުގެ ބައެއް ކުލިތައް ނުދައްކާ އެބަހުއްޓެވެ.

އެ މުއްދަތުގެ ތެރޭގައި، ޖުމުލަ 92 މައްސަަލަ ވަނީ އެފްޑީސީއަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި، އެންމެ ގިނައީ ހުއްދަ ނެތި ފުލެޓަށް ބަދަލު ގެނައުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 44 މައްސަލަ ހުށަހަޅާފައިވާއިރު، 29 މަައްސަލައެއް މިހާރު ވެސް އަންނަނީ ބަލަމުންނެވެ. މިގޮތުން، ހުއްދަ ނެތި ފުލެޓަށް ބަދަލު ގެނައުމުގެ 14 މައްސަލައެއްގައި ޖޫރިމަނާކޮށްފައިވާއިރު، އެ ބާވަތުގެ މައްސަލައެއްގައި ވަނީ ނޯޓިސް ފޮނުވާފައެވެ.

އެފްޑީސީ ފުލެޓްތައް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މީގެ އިތުރުން، ހުއްދަނެތި ކުއްޔަށް ދިނުމާ ގުޅިގެން ހުށަހެޅި 18 މައްސަލައެއްގެ ތެރެއިން ނުވަ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެފްޑީސީން މައުލޫމާތުދެއެވެ. އެ ކަމާ ގުޅުންހުރި ހަތް މައްސަލައިގައި އެފްޑީސީން ވަނީ ޖޫރިމަނާކޮށްފައެވެ.

އާންމު ސަރަހައްދުތަކަށް ގެއްލުން ދިނުމުގެ 16 މައްސަލައަކާއި އެންގުންތަކަށް އަމަލުނުކުރުމުގެ 10 މައްސަލައަކާއި ކުނި އެޅުމުގެ ގަވައިދާ ޚިލާފުވެގެން އެޗްޑީސީއަށް ހަތަރު މައްސަލަ ހުށަހަޅާފައިވެއެވެ.

ސަރުކާރުން އިމާރާތްކޮށް މީހުންނަށް ދީފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުން ކުލި ނުދެއްކުމަކީ ރާއްޖޭގައި އާންމުވެފައިވާ މައްސަލައެކެވެ. މިފަދަ މައްސަލަތަކަށް އެދެވޭ ހައްލެއް ނުލިބޭއިރު، ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި، އިންތިޚާބުތަކާ ދިމާކޮށް ޖޫރިމަނާތައް މައާފުކޮށް ދިނުމަކީ ގިނަ ބަޔެއްގެ ކަންބޮޑުވުމެކެވެ.

comment ކޮމެންޓް