ރާއްޖޭގައި މަރުވި ޖެނާގެ ހިތާމައިގައި މައިންބަފައިން: ދެ އަހަރު ފަހުންވެސް ޖަވާބެއް ނެތް

ޖެނާ ޗެން: އޭނާ މަރުވީ ސްކޫލު ދަތުރެއްގައި އައިސް ރާއްޖޭގައި ފީނަން އުޅުމުގެ ތެރޭގައި---

ރާއްޖެއަށް ކުރި ސްކޫލް ދަތުރެއްގައި އުމުރުން 15 އަހަރުގެ ޖެނާ ޗަން މަރުވި ހާދިސާގެ ފުރިހަމަ ހަގީގަތް ދެ އަހަރު ފާއިތުވިއިރުވެސް އެނގިފައި ނުވާތީ، އޭނާގެ މައިންބަފައިން ކަމަށްވާ ޖެނިފާ ލިއާއުއާއި އެލަން ޗަން މި މަހު އެކަމާ ގުޅޭގޮތުން ބޭރުގެ ނޫސްތަކާ ވާހަކަދައްކައިފިއެވެ.

ދަރިފުޅު ދަތުރަށް ފުރުމުގެ ކުރިން ގޭގެ ސިޓިންރޫމުގައި ބައްދާލާފައި، ހޮނިހިރު ދުވަހު ބައްދަލުވާނެ ކަމަށް ބުނި ވަގުތަކީ ޖެނާ ފެނުނު އެންމެ ފަހު ވަގުތު ކަމަށް ޖެނިފާ ލިއާއު ވިދާޅުވިއެވެ. ނަމަވެސް ސްކޫލުން އައި ގިނަ ފޯނު ކޯލުތަކަކަށް ފަހު ލިބުނީ ދަރިފުޅު މަރުވި ހިތާމަވެރި ޚަބަރެވެ.

އެ ޚަބަރު ލިބިގެން ސްކޫލުގެ ވެރިޔާގެ އޮފީހުގައި ތިއްބައި، ދަތުރުގެ އާންމު މައުލޫމާތާއި ޖެނާގެ ފޮޓޯއެއް ހިމެނޭ އީމެއިލެއް ސްކޫލުން ފޮނުވުމަކީ ހިތަށް ހެރުނު އިތުރު ހަންޖަރެއް ފަދަ ކަމެއްގެ ގޮތުގައި ޖެނިފާ ލިއާއު ސިފަކުރެއްވިއެވެ. އަދި އެހެން ބެލެނިވެރިޔަކަށް އެ ޚަބަރު ލިބުނުތާ ގާތްގަނޑަކަށް 45 މިނެޓު ފަހުން އެ ދެމަފިރިންނަށް އެންގިކަމާއި، ޖެނާގެ ކޮޓަރި އަދިވެސް ހުރި ގޮތަށް ބަހައްޓައިގެން ދަރިފުޅު އެނބުރި އަންނާނެ ކަމުގެ އިހުސާސުގައި ދިރިއުޅެމުންދާ ކަމަށް އެ ދެމަފިރިން ވިދާޅުވިއެވެ.

ޖެނާ ޗަން އާއި އޭނާގެ ކޮއްކޮ އަދި މައިންބަފައިން---

ސިންގަޕޫރުގެ ސެއިންޓް ޖޯސެފްސް އިންސްޓިޓިއުޝަން އިންޓަނޭޝަނަލް (އެސްޖޭއައިއައި) ގައި ކިޔަވަމުންދިޔަ ޖެނާ ޗަން މަރުވީ 2024 ނޮވެންބަރު އަށް ވަނަ ދުވަހު އދ. ދިގުރަށު ކައިރީގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ލޯންޗެއްގެ ބުރަފަތީގައި ޖެހިގެންނެވެ. ފެހުރިހި ދިރާސާކުރާ ޕްރޮގްރާމެއްގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ހިނގި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެ ދުވަހުގެ ހެނދުނު 09:55 ގައެވެ.

ދަރިވަރުން މޫދަށް ފޭބި ފަހުން ލޯންޗު ފަހަތަށް ޖެއްސުމުގެ ސަބަބުން ޖެނާ ބުރަފަތީގައި ޖެހި ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް މަންޒަރު ދުށް މީހަކު ބުނެފައިވެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުރިހަމަ ތަހުގީގެއް ކުރިއަށްގެންގޮސްފައެވެ.

ޖެނާގެ އުމުރުން 17 އަހަރު ފުރޭ އުފަންދުވަހާ ދިމާކޮށް، ޖުލައި 20 ވަނަ ދުވަހު އޭނާގެ މައިންބަފައިން ވަނީ އެސްޖޭއައިއައިގެ އިހުމާލު އޮތް ކަމަށް ބުނެ ސިންގަޕޫރު ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

https://www.sun.mv/224891

ދަ ސްޓްރެއިޓްސް ޓައިމްސްއިން ޖުލައި 20 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، 20 މަހަށް ވުރެ ގިނަ ދުވަހު ސުވާލުތަކަށް ޖަވާބު ހޯދަން މަސައްކަތްކުރުމަށް ފަހު ހުށަހެޅި މި ދައުވާގައި، ދަތުރު އިންތިޒާމުކުރި މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިއުއެސްއާރްޕީ) ގެ ތިން ގައިޑުން ކޯމަހެއް ބަލަން އުޅަނދުން ފޭބި ކަމަށާއި، ޖެނާ މޫދުގައި އޮއްވައި އިންޖީނު ޖެއްސި އިރު ދަރިވަރުން ބަލަހައްޓާނެ މީހަކު ކައިރީގައި ނެތް ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ލޯންޗުގައި ބުރަފަތި ގާޑެއް ނެތުމާއި، އެކަށީގެންވާ ފަސްޓް އެއިޑާއި އޮކްސިޖަން ނެތުމުގެ ސަބަބުން ކައިރީގައި އޮތް ޑައިވިން ދޯންޏަކުން އޮކްސިޖަން ހޯދަން ޖެހުނު ކަމަށް ވެސް އެ ދައުވާގައި ފާހަގަކޮށްފައިވެއެވެ.

މި ތުހުމަތުތަކާ ގުޅިގެން އެސްޖޭއައިއައިގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. މައިކަލް ޖޯންސްޓަން ވިދާޅުވީ، ސްކޫލުން އެ ތުހުމަތުތައް ދޮގުކުރާ ކަމަށާއި ހާދިސާ ހިނގީ ޖެނާ މޫދަށް ފޭބި ފަހުން ކެޕްޓަން ލޯންޗު ފަހަތަށް ޖެއްސުމުން ކަމަށެވެ. އަދި އެމްޑަބްލިއުއެސްއާރްޕީއަކީ ވަކި ކޮންޓްރެކްޓަރެއް ކަމުން، އެ ފަރާތުގެ އިހުމާލަށް ސްކޫލުން ޒިންމާވާން ނުޖެހޭނެ ކަމަށާއި، ސިންގަޕޫރު ހައިކޯޓުގެ ހުއްދައާއެކު އެ ޖަމިއްޔާއަށް ތާޑް-ޕާޓީ ނޯޓިސްއެއް ފޮނުވުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖެނާ އާއި އޭނާގެ ކޮއްކޮ، ބައްޕައާއެކު---

އެސްޖޭއައިއައިއަކީ އަމިއްލަ ސްކޫލަކަށް ވެފައި، ރައްކާތެރިކަމުގެ އިޖުރާއަތްތަކަށް އަމަލުކޮށްފައިވާތީ އެ މައްސަލަ ތަހުގީގު ނުކުރާނެ ކަމަށް ސިންގަޕޫރުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) އިން ބުނެފައިވާ ކަމަށް ޖެނާގެ މައިންބަފައިން ވިދާޅުވެއެވެ. އަދި ހާދިސާ ހިނގި ގައުމުގެ ގޮތުން ސިންގަޕޫރާއި އިނގިރޭސިވިލާތުގައި ކޮރޯނަރުގެ ތަހުގީގެއް ނުހިންގޭނެ ކަމަށް އެ ގައުމުތަކުގެ އިދާރާތަކުން އަންގާފައިވާ ކަމަށާއި، ދިވެހި ފުލުހުން އީމެއިލް މެދުވެރިކޮށް ތަހުގީގުގެ މައުލޫމާތު ދިން ނަމަވެސް ރަސްމީ އެއްވެސް ލިޔެކިޔުމެއް ހިއްސާކޮށްފައި ނުވާ ކަމަށް އެ ދެމަފިރިން ފާހަގަކުރެއްވިއެވެ.

ގާނޫނީ އިމުގެ ފަހަތުގައި ފިލައި ތިބުމުގެ ބަދަލުގައި އިންސާނިއްޔަތުކަން އިސްކޮށް، އެހެން އާއިލާއަކަށް މިފަދަ ހިތާމައެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ކަން ހިނގައިދިޔަ ގޮތުގެ ސާފު ޖަވާބެއް ސްކޫލުން ދޭންޖެހޭ ކަމަށް ޖެނިފާ ލިއާއުއާއި އެލަން ޗަން ވިދާޅުވިއެވެ.

comment ކޮމެންޓް