އުދުވާން ފަށައިފިނަމަ ޖަރުމަނުގައިވާ އެމެރިކާގެ ބޭސްތަކަށް މިފަހަރު އީރާނުން ހަމަލާ ދޭނެ: ރިޕޯޓް

ބާލިން (8 ނޮވެންބަރު 2026): އެމެރިކާއިން އީރާނަށް އަލުން ހަމަލާ ދީފިނަމަ ޖަރުމަނުގައިވާ އެމެރިކާގެ ބޭސްތަކަށް އީރާނުން ރައްދު ހަމަލާދޭނެ ކަމަށް ޖަރުމަނުގެ ނޫހެއްކަމަށްވާ "ވިސްޓްސް ޗަފްޓްސް ވޮޗް" އިން ބުނެފިއެވެ.

ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ އެނޫސް ބުނާގޮތުން އެމެރިކާގެ ކިބައިން ބަދަލުހިފުމަށް ހަމަލާދިނުމަށް އީރާން ތައްޔާރުކޮށްފައިވާ ލިސްޓުގައި ޖަރުމަނުގައި ވާ އެމެރިކާ އަސްކަރީ ބޭސްތައް ހިމެނެއެވެ. މި މައުލޫމާތު ބައެއް ގައުމުތަކުގެ ޖާސޫސީ އިދާރާތަކުން ޖަރުމަނުގެ ސަރުކާރާ ހިއްސާކޮށްފައިވާކަމަށް މި ނޫސް ބުނެއެވެ.

އެމެރިކާއިން އުދުވާނެއް ހިންގައިފި ހާލަތެއްގައި އެކަމަށް ރައްދު ދިނުމުގެ ގޮތުން ދުރުރާސްތާގެ މިސައިލުން އީރާން ހަމަލާދޭނެކަމަށް ބެލެވޭ ތަންތަނުގެ ތެރޭގައި ޖަރުމަނުގައިވާ އެމެރިކާގެ އެންމެ ބޮޑު ދެބޭސް ކަމަށްވާ ރަމްޝްޓައިން ބޭސްއާއި ސްބަންގްޑަލްމް ބޭސް ހިމެނޭކަމަށް "ވިސްޓްސް ޗަފްޓްސް ވޮޗް" ގެ ރިޕޯޓް ބުނެއެވެ. މިއީ އެމެރިކާއިން ގިނަ އަދަދެއްގެ ހަތިޔާރު ރައްކާކޮށްފައިވާ ދެ ބޭސް އެވެ. މިދެ ބޭސްގައި އެމެރިކާއިން ނިއުކްލިޔާހަތިޔާރުވެސް ރައްކާ ކޮށްފައިވާކަމަށްވަނީ ބެލެވިފައެވެ.

ޖަރުމަނުގެ ރަމްސްޓައިންގައިވާ އެމެރިކާގެ އަސްކަރީ ބޭސް

އެމެރިކާއިން ޔޫރަޕްގެ ގައުމުތަކުގައި 40 އަށްވުރެގިނަ އަސްކަރީ މަރުކަޒާއި އަސްކަރި ބޭސްތައް ގާއިމްކޮށްފައިވާއިރު މިގެތެރެއިން އެންމެ ގިނަ ބޭސްތަކާއި މަރުކަޒުތައްހުރީ ޖަރުމަނުގައެވެ. ޖަރުމަނުގައި އެމެރިކާގެ 19 ވަރަކަށް އަސްކަރީ މަރުކަޒާއި އަސްކަރި ބޭސް ގާއިމްކޮށްފައިވެއެވެ. އީރާނުންވަނީ އެމެރިކާގެ ހަނގުރާމައާއި ތަޅާފޮޅުމުގެ ސިޔާސަތުގެ ދަށުން އީރާން އާދެކޮޅަށް އަލުން ހަމަލާތައް ފަށައިފިނަމަ ގަލްފާއި މެދުއިރުމަތީގައިވާ އެމެރިކާގެ ބޭސްތަކާއި މަސްލަހަތުތަކުގެ އިތުރުން އެނޫން ސަރަހައްދުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި މަސްލަހަތުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ. އީރާންވަނީ މިކަމަށްޓަކައި އެގައުމުން އުފައްދާ މިސައިލްތަކުގެ ރޭންޖްވެސް މަތިކުރަމުން ގެންދާކަން ހާމަކޮށްފައެވެ.

އީރާނުން މިހާތަނަށް އެންމެ ދިގު ރާސްތާގެ މިސައިލްތަކުގެ ގޮތުގައި އުފައްދާފައިވަނީ ދެހާސް ފައްސަތޭކަ ކިލޯމީޓަރާއި ތިންހާސް ކިލޯމީޓަރުގެ ރޭންޖްގެ މިސައިލްތަކެވެ. ރިޕޯޓްތައް ބުނާގޮތުން 5 ހާސް ކިލޯމީޓަރަށް ދަތުރުކުރާ ދިގު ރާސްތާގެ މިސައިލް އީރާނުން މިހާރު އުފައްދާފައިވާކަމަށް ބެލެވެއެވެ. މިއީ އެއްބައްރުން އަނެއްބައްރަށް ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްއެވެ. މި ރޭންޖްގެ މިސައިލުން ޔޫރަޕްގައިވާ އެމެރިކާގެ ގިނަ ބޭސްތަކަށް ހަމަލާދެވޭނެއެވެ. އަދި އިންޑިއާ ކަނޑުގެ ފޯޅަވަހީގައި ގާއިމްކޮށްފައިވާ އެމެރިކާގެ ޑީއެގޯގާސިއާ ބޭސްއަށްވެސް ހަމަލާދެވޭނެއެވެ.

އީރާންއާ ދެކޮޅަށް އެމެރިކާ ފަށާފައިވާ ޣައިރު ގާނޫނީ ހަނގުރާމައިގާ ބައިވެރިވުމަށް ޔޫރަޕްގެ ގައުމުތައް ފަސްޖެހޭ މައިގަނޑު އެއްސަބަބަކީވެސް ރައްދުގައި އީރާނުން އެގައުމުތަކަށް ހަމަލާދޭނެކަމުގެ ބިރުއޮތުންކަމަށްވަނީ ބެލެވިފައެވެ. ދެވަނަ ސަބަބަކީ ރަޝިއާ ބަލިކުރުމަށްޓަކައި ޔުކްރެއިން ހަނގުރާމައަށް ބޮޑު ޚަރަދެއް ކުރަން ޔޫރަޕަށް ޖެހިފައިވުންކަމަށާ ތިންވަނަ ސަބަބަކީ ޓްރަމްޕްއާއި ޔޫރަޕްގެ ލީޑަރުންނާ ދެމެދުގައިވާ ނުތަނަވަސްކަންކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ކެޕްޝަން.. ޖަރުމަނުގައިވާ އެމެރިކާގެ އެންމެ ބޮޑު ބޭސްއަކީ ރަމްސްޓެއިން ވައިގެ ބޭސް

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގެ ގިނަ ގައުމުތައްވަނީ އަސްކަރީ ކަންކަމަށް ކުރާ ޚަރަދުތައް ކުޑަކޮށް ދިފާއީ ކަންކަމުގައި އެމެރިކާއަށް ޑިޕެންޑް ވުމުގެ ސިޔާސަތެއް ގެންގުޅެން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން އެއްގަމުން ހަނގުރާމަ ކުރެވޭވަރުގެ ލަޝްކަރެއް ޔޫރަޕްގެ ދެގައުމެއްގައި ނޫނީ ނޯވެއެވެ. މިދެގައުމަކީ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތެވެ.

ފަރަންސޭސިވިލާތުގެ އާބާދީ މުސްކުޅިކަމުން ލަޝްކަރުގައިވެސް ގިނައީ އެފްރިކާގެ ގައުމުތަކުގެ ކުލީ ސިފައިންނެވެ. އިނގިރޭސި އެއްގަމު ލަޝްކަރަކީވެސް ނިސްބަތުން ކުޑަ ލަޝްކަރެކެވެ. ޖަރުމަނުވެސް ހިމެނޭގޮތަށް ޔޫރަޕްގެ އެހެން ގައުމުތަކަކީ މައިގަނޑު ގޮތެއްގައި ވައިގެ ބާރުތަކެއް އޮންނަ ގައުމުތަކެކެވެ. އެއްގަމު ސިފައިންގެ ގޮތުގައި ތިބެނީ ލޮޖިސްޓިކް ސަޕޯޓަށް ބޭނުންވާ ވަރުގެ ކުޑަކުޑަ ބާރެކެވެ.

އެހެންކަމުން ޔޫރަޕްގެ ގައުމުތަކަކީ އެއްގަމުމަގުން ބޮޑު ހަނގުރާމައެއް ކުރެވޭވަރުގެ ލަޝްކަރުތަކެއް ހުރި ގައުމުތަކެއް ނޫނެވެ. ތުރުކީގެ އެއްގަމު ސިފައިންނާ އެއްވަރުގެ ލަޝްކަރެއްވެސް ޔޫރަޕްގެ އެއްވެސް ގައުމެއްގައި ނޯވެއެވެ. އެމެރިކާ ފިޔަވައި ނޭޓޯގައިވެސް ދެވަނައަށް އެންމެ ބޮޑު ލަޝްކަރެއް އޮންނަ ގައުމަކީވެސް ތުރުކީއެވެ. އީރާންއަކީ ތުރުކީއަށްވުރެ ވެސް ބިޔަ އެއްގަމު ލަޝްކަރެއް އޮންނަ ގައުމެކެވެ.

އީރާނަށް އެއްގަމު މަގުން އަރައި ހަނގުރާމަ ކުރަން އެމެރިކާ ބިރުގަންނަނީ އީރާނުގެ އެއްގަމު ލަޝްކަރު ބޮޑުވެފައި އެ ލަޝްކަރުގެ ތަމްރީނާއި އަސްކަރީ ތަޖުރިބާ ބޮޑުވުމުގެ އިތުރުން އީރާނުގެ ރައްދު ހަމަލާތަކާއެކު އެމެރިކާ ސިފައިންގެ ގިނަ ބަޔަކު މަރުވެދާނެކަމުގެ ބިރު އޮތުމުންކަމަށް މުހައްލިލުން ވިދާޅުވެއެވެ. މީގެއިތުރުން އީރާނަކީ ފަރުބަދަތައް ގިނަ ގައުމަކަށް ވުމީވެސް އެމެރިކާއަށް ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ މައިގަނޑު ސަބަބެއްކަމަށްވަނީ ބެލެވިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު