ތަދުކަނޑުވާ އިންޖެކްޝަން ނުޖަހައިދީގެން ޑޮކްޓަރު މަރާލާނެ ކަމަށް ބުނި އޮމަދޫ މީހަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

އދ. އޮމަދޫ ސިއްހީ މަރުކަޒު

ކަރަށް ނާރެއް އަރައިގެން ދެއްކުމުން ތަދު ކަނޑުވާ އިންޖެކްޝަނެއް ޖަހައިނުދިން ކަމަށް ބުނެ، ޑޮކްޓަރު މަރާލާނެ ކަމަށާއި ޕޮލިސް ޕޯސްޓް ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށް، އެ ހުކުމް ބޮޑު ޖޫރިމަނާއަކަށް އދ. އޮމަދޫ މެޖިސްޓްރޭޓް ކޯޓުން ބަދަލުކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އުފުލީ އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދެ ދައުވާއެކެވެ. އެއީ އެ ރަށު ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ ޑޮކްޓަރަށް އިންޒާރު ދިނުމުގެ ދައުވާއާއި، އެ ސަރަހައްދަށް ދިޔަ ފުލުހުންނަށް އިންޒާރު ދިނުމުގެ ދައުވާއެވެ.

މި ހާދިސާ ހިނގާފައިވަނީ ކަރަށް ނާރެއް އަރައިގެން އޭނާ ފަރުވާ ހޯދަން ދިޔުމުން، ޑޮކްޓަރު އިންޖެކްޝަން ޖަހައިނުދިނުމުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން ޑޮކްޓަރު މަރާލާނެ ކަމަށް ބުނެ އިންޒާރުދިނުމުގެ އިތުރުން، އޭނާ ވަނީ ޑޮކްޓަރު ދިރިއުޅޭ ގޭ ދޮށަށްވެސް ގޮސްފައެވެ. އަދި މި މައްސަލައިގައި ފުލުހުން އެތަނަށް ގޮސް އޭނާއަށް ނަސޭހަތްތެރިވުމުން، ރަށުގެ ޕޮލިސް ޕޯސްޓް ރޯކޮށްލާނެ ކަމަށް ބުނެ ފުލުހުންނަށްވެސް ވަނީ އިންޒާރު ދީފައެވެ.

ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނެފައިވަނީ، އެ ހާދިސާ ހިނގި ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، އަޑުގަދަކޮށް ހަޅޭއްލަވައިގަނެވުނީ އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވިގެން ކަމަށެވެ.

މި ދެ މައްސަލަ ސާބިތުވެ، ކޯޓުން ކަނޑައެޅި އަދަބުތައް ވަނީ ޖޫރިމަނާއަށް ބަދަލުކޮށްދީފައެވެ. ފުލުހުންނަށް އިންޒާރުދިން މައްސަލައިގެ ކުށް ސާބިތުވެ، މި ކުށުގައި އޭނާގެ މައްޗަށް ކަނޑައެޅި ދޮޅު އަހަރުގެ ޖަލު ހުކުމް ވަނީ 112،200 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ބަދަލުކޮށްފައެވެ. އަދި ޑޮކްޓަރަށް އިންޒާރުދިން މައްސަލައިގެ ކުށުގައި އޭނާ 22 ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމް ވަނީ 4،500 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. މިއާއެކު، އޭނާ ދައްކަންޖެހޭ ޖުމްލަ ޖޫރިމަނާގެ އަދަދު 116،700 ރުފިޔާއަށް އަރައެވެ.

އޮމަދޫގައި 2024 ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން ދައުވާކުރި މި ދެ މައްސަލަ އޮމަދޫ ކޯޓުން ނިންމީ ސެޕްޓެމްބަރު މަހުއެވެ.

މީހަކަށް އެ ވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގައި ބަޔާންކުރާގޮތުން، މީހެއްގެ ރުހުމަކާ ނުލައި، އެމީހާއަށް އެ ވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމަކީ ކުށެކެވެ. މީގެ އިތުރުން، އެކި ޙާލަތްތަކުގައި ބިރުދެއްކުމުގެ ޢަމަލު މާނަކޮށްފައިވާ ގޮތް ޤާނޫނުތަކުގައި ފާހަގަކޮށްފައިވެއެވެ.

ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގައި އަވަށްޓެރިއަކަށް ބިރުދެއްކުމަކީ މި ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އެޅޭނެ ކަމެކެވެ. އަދި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ޢަމަލެއް ހިންގުމަކީވެސް މަނާކަމެކެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި، ގެވެށި ގުޅުމެއް އޮންނަ މީހަކަށް ބިރުދެއްކުމަކީ ނުވަތަ އަނިޔާއެއް ހިންގަފާނެކަމުގެ ބިރު މީހެއްގެ ހިތުގައި އުފެއްދުމަކީ ގެވެށި އަނިޔާގެ ޢަމަލެކެވެ. އަދި މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، މީހަކު މަރުވެދާނެކަމުގެ ނުވަތަ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުމަކީވެސް ޤާނޫނުލްޢުޤޫބާތުގެ 121 ވަނަ މާއްދާގެ ދަށުން ކުށެކެވެ.

comment ކޮމެންޓް