ނިއުދިއްލީގައި ސިއްހަތަށް ނުރައްކާވާ ވަރަށް ވައި ތަޣައްޔަރު ވެއްޖެ

ދިއްލީގައި ވައި ތަޣައްޔަރު ވެފައިވާ މިންވަރު --

ނިއުދިއްލީ (7 ނޮވެމްބަރު 2026): ހިރަފުހާއި ދުމާ އަޅި އަދި ކާބަންގެ މައްދާތަކުގެ ނިސްބަތް އިންޑިއާގެ ވައިގެ ތެރޭގައި ބޮޑުކަމުން ވެރިރަށް ނިއުދިއްލީގެ ސްކޫލްތަކަށް ކުދިން ދިޔުން ހުއްޓާލައި އޮންލައިންކޮށް ކިޔަވައިދޭން ފަށައިފިއެވެ.

އިންޑިއާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ނިއުދިއްލީއާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގައި ވައިގެ ކޮލިޓީ ސިއްހަތަށް ނުރައްކާވާ ވަރަށް ދަށެވެ. ވައިގެތެރޭގައި އަޅިއާއި ހިރަފުހުގެ ޕާޓިކްލްސްތަކުގެ އިތުރުން ދުމާއި ކާބަންގެ ނިސްބަތް މަތިވުމާއެކު ޕޮލިއުޝަން ހުރީ އިންސާނުންގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވުރެ ވެސް އެތަށް ގުނައެއް މަތީގައެވެ.

އެހެންކަމުން ވައިގެ ކޮލިޓީ ރަނގަނޅު ވަންދެން ސްކޫލްތަކަށް ދިޔުމުގެ ބަދަލުގައި ކުދިން ކިޔަވާނީ ގޭގައި ތިބެގެން އޮންލައިންކޮށް ކަމަށް ދިއްލީގެ ސަރުކާރުން ވަނީ ނިންމައިފައެވެ. އިންޑިއާގެ ސަގާފީ ކުޅިވަރެއްކަމަށްވާ ދީވާލީއަކީ ވެސް ވައި ތަޣައްޔަރުކުރާ ކުޅިވަރެކެވެ.

މާދައިން ފެށިގެން އިންޑިއާގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ދިވާލީގެ ކުޅިވަރުތައް ފަށާނެއެވެ. މިއާއެކު ވައި މިހާރަށްވުރެ ވެސް ބޮޑަށް ތަޣައްޔަރު ވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ. މިއީ ވެސް ސްކޫލްތައް ވަގުތީގޮތުން ބަންދުކޮށް އޮނަލައިންކޮށް ކިޔަވައިދޭން މިދުވަސްވަރު ނިންމި އެއް ސަބަބުކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.

ދިއްލީގައި ވައި ތަޣައްޔަރު ވެފައިވާ މިންވަރު

ރިޕޯޓްތައް ބުނާގޮތުން ނިއުދިއްލީއާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގައި ވައިގެ ކޮލިޓީ އިންޑެކްސް ހުރީ 380 އަށްވުރެވެސް މަތީގައެވެ. އިންޑިއާގައި ވައި ތަޣައްޔަރުވިކަމަށް ބަލާ ޕޮލިއުޝަން އިންޑެސްއަކީ 50 އެވެ. މި އިންޑެކްސް އެންމެ މަތީ މިހާރު ދިއްލީއާއި އެސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގައެވެ.

މާދަމައިން ފެށިގެން އިންޑިއާގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ދިވާލީގެ ކުޅިވަރުތައް ފެށިގެން ދިޔުމުން ވައި އިތުރަށް ތަޣައްޔަރުވެ ޕޮލިއުޓް ވެގެންދާނެއެވެ. ތިމާވެއްޓާބެހޭ އިންޑިއާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިދުވަސްވަރު ވައިގެ ކޮލިޓީ ދަށްވެ ޕޮލިއުޝަން އާދަޔާ ޚިލާފަށް މަތިވެފައިވަނީ މިއީ ޚަރީފު މޫސުންކަމަށްވެފައި މި ނޮވެމްބަރު މަހުގެ 23 ގައި ފިނި މޫސުން ފެށޭތީ ދިއްލީ އާއި އިންޑިއާގެ އުތުރުގެ ސްޓޭޓްތަކަށް މިހާރުން ފެށިގެން ފިނިގަދަވެ ވައިގެ ތެރޭގައި ދުމާއި ހިރަފުސް ހަރުލާގޮތް ވުމުގެ ސަބަބުންނެވެ.

ހޫނު މޫސުމުގައި ވައި ހޫނުކަމުން ވައިގެ ތެރޭގައި ދުމާއި ހިރަފުސް ހަރުލާގޮތް ވުމުގެ ފުރުސަތު ކުޑަކަމުން ހޫނު މޫސުމުގައި މިމައްސަލަ ކުޑައެވެ. ނަމަވެސް ފިނި މޫސުމާއި ޚަރީފު މޫސުމުގައި މިމައްސަލަ ދިމާވެއެވެ. ދިއްލީއަކީ ގާތްގަނޑަކަށް ވިއްސަކަށް މިލިޔަން މީހުން ދިރިއުޅޭ ސަހަރެކެވެ. ދިއްލީއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބޮޑަށް ވައިގެ ޕޮލިއުޝަން ބޮޑު އެއް ސިޓީއެވެ.

އިންޑިއާގެ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ދިއްލީއާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގައި ވައި ނުސާފުވުމުގެ ސަބަބުން އެތަށް ހާސްބަޔަކަށް ދަނީ ސިއްހީ މައްސަލަ ކުރިމަތިވަމުންނެވެ. މީގެތެރޭގައި ފުއްޕާމޭގެ މައްސަލަތައް ދިމާވެ ނޭވާލަން ދަތިވުމާއި ލޯ ކަރާގޮތްވެ ލޮލުން ފެންފޭބުންފަދަ ކަންކަން ހިމެނެއެވެ. މިމައްސަލަތައް ދިމާވެގެން ހޮސްޕިޓަލްއަށް ގެންގޮސް ފަރުވާދޭންޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

މިހާލަތަށް ރިއާޔަތްކޮށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުންވަނީ މަގުތަކަށް ނުކުމެ އުޅޭއިރު މާސްކުފަދަ ތަކެތި އެޅުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. އިންޑިއާގެ ބައެއް ފަރާތްތަކުންވަނީ އޮފީސްތަކުގެ މަސައްކަތްތައްވެސް އޮންލައިންކޮށް ކުރާގޮތަށް މިދުވަސްވަރު ބަދަލުކުރުމަށް ގޮވާލައިފައެވެ.

ދިއްލީގައި ވައި ތަޣާއްޔަރުވެފައިވާ މިންވަރުން ދުރުފެންނަލެއް ފުސްކަަމުން މަގުމަތީ އެކްސިޑެންޓްތައްވެސް ދަނީ އިތުުރުވަމުންނެވެ. ފަަނަރަވަރަކަށް މީޓަރު ދުރުންވެސް މީހުން ވަކިކުރަން ނޭންގޭކަމަށްވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު