ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށް ބައިނަލްއަގްވާމީ އެއްބާރުލުމާއެކު ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަނަންސްގެ ހަތްވަނަ ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި ޝިޔާމް ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި ކަނޑުގެ ސައިންޓިފިކް ރިސާޗާއި ކްލައިމެޓް ރެޒިލިއަންސާއި ކަނޑުތަކުގެ ވެރިކަން ހަމަހަމަ ގޮތެއްގައި އިންސާފުވެރިކަމާއެކު ހިންގުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމާއެކު ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ.
އެ ރަސްމިއްޔާތުގައި ޝިޔާމް ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި ކަނޑުގެ ސައިންޓިފިކް ދިރާސާތައް ކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުން މުހިންމު ކަން ވެސް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމުތަކަށް ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ މަންފާއާއި ފުރުސަތުތައް ފަހިކުރުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ޗައިނާގެ ސަންޔާގައި ކުރިއަށްދާ ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވާނަންސްގެ ހަތްވަނަ ސިމްޕޯޒިއަމްގެ ތެރެއިން --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީޝިޔާމް ވަނީ މަސްވެރިކަމުގެ ވިޔަފާރި ހަރުދަނާކުރުމަށާއި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ދިރިއުޅުމާއި ބައިނަލްއަގްވާމީ މާކެޓްތަކާއި ގުޅުވައިލުމަށް މޯލްޑިވްސް-ޗައިނާ ފްރީ ޓްރޭޑް އެގްރީމަންޓުން ލިބޭ ފުރުސަތުތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ.
ގައުމުތަކުގެ ލީޑަރުންގެ މެދުގައި ވެވޭ ވައުދުތަކާއި ކަނޑައަޅާ އަމާޒުތަކުން، އަމަލީ ނަތީޖާއެއް ނެރުމުގެ މުހިންމު ކަމާއި މަސްވެރިންނަށް މަހުގެ އަގާއި ފެންވަރު ހިފެހެއްޓޭނެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ސައިންސާއި ދިރާސާކުރުމުގެ ދާއިރާއިން ހަރުދަނާކޮށް ޒުވާނުންގެ ބައިވެރިވުން އިތުރުކުން މުހިންމު ކަމަށްވެސް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.