މެޗު ކުޅެެެދިނުމުން ބްރެޒިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކި އިންޑިއާ ފެޑެރޭޝަން މާލީ އަނދަވަޅަކަށް

އިންޑިއާ އާއި ބްރެޒިލް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން--

އިންޑިއާގައި ބޭއްވި ފޯރިގަދަ ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުތަކަށް ފަހު، ބްރެޒިލް އަދި އުރުގުއާއީގެ ގައުމީ ޓީމަށް ދައްކަންޖެހޭ އެޕިއަރެންސް ފީ ނުވަތަ މެޗު ކުޅެދިނުމުގެ ފީ އެއްކޮށް ނުދެއްކި، އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) ވަރަށް ބޮޑު މާލީ އަނދަވަޅަކަށް ވެއްޓިއްޖެއެވެ.

ކަލްކަތާގައި ކުޅުނު މި މެޗުތަކަށް ފަހު އިންޑިއާގެ ފެޑެރޭޝަނުން ބްރެޒިލްއަށް 19 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 2.02 މިލިއަން ޑޮލަރު) ދައްކަންޖެހޭއިރު، އުރުގުއާއީއަށް 4.7 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 499،748 މިލިއަން ޑޮލަރު) ދައްކަން އެބައޮތެވެ.

ރިޕޯޓްތައް ބުނާގޮތުން ދެކުނު އެމެރިކާގެ މި ދެ ބާރަށް ވެސް މިހާތަނަށް ލިބިފައިވަނީ އެއްބަސްވި ފައިސާގެ އެންމެ 50 އިންސައްތައެވެ. ނަމަވެސް ބެންގަލޫރުގައި މެޗު ކުޅުނު ޕެނަމާ ޓީމަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް އެއްކޮށް ވަނީ ދައްކާފައެވެ.

މި ބޮޑު މާލީ ދަތިކަން ކުރިމަތިވާން މެދުވެރިވީ މެޗުތަކުގެ ޓިކެޓް ވިކިގެން ލިބޭނެ ކަމަށް އުންމީދުކުރި އާމްދަނީ ނުލިބުމުގެ ސަބަބުންނެވެ. އޭއައިއެފްއެފް އިން ލަފާކުރީ ޓިކެޓް ވިއްކައިގެން 30 އާއި 40 ކްރޯޑާ ދެމެދުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.

ނަމަވެސް، ފުރަތަމަ ކޮޅު ޓިކެޓްތަކުގެ އަގު އިންތިހާއަށް ބޮޑުކުރުމުގެ ސަބަބުން ސަޕޯޓަރުން ޓިކެޓް ގަންނާކަށް ބޭނުމެއް ނުވިއެވެ. މެޗު ކައިރިވުމުން "އެއް ޓިކެޓް ގަތުމުން ޓިކެޓެއް ހިލޭ" ލިބޭ ޕްރޮމޯޝަންތަކާއި ކަލްކަތާގެ ކްލަބްތަކުގެ ސަޕޯޓަރުންނަށް ބޮޑެތި ޑިސްކައުންޓްތަކެއް ދީގެންވެސް ގެއްލުން ފޫބެއްދޭ ވަރަށް ޓިކެޓެއް ނުވިކުނެވެ.

މި މައްސަލަ ހައްލުކުރުމަށް އޭއައިއެފްއެފްގެ ރައީސް ކަލްޔާން ޗައުބޭ، ފެޑެރޭޝަންގެ ފިކްސްޑް ޑިޕޮސިޓް އެކައުންޓުގައި ހުރި 20 ކްރޯޑް ރުޕީސް މުއްދަތު ހަމަވުމުގެ ކުރިން ނަގައިގެން ދަރަނި ހަލާސްކުރަން ހުށަހެޅުއްވި ނަމަވެސް، ފެޑެރޭޝަންގެ މެންބަރުން ވަނީ އެކަމަށް ހުރަސް އަޅައި އެ ހުށަހެޅުން ބޭރުކޮށްލާފައެވެ.

އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ކުރީގެ ރައީސް ޕްރަފުލް ޕަޓޭލް ހިމެނޭ ގޮތަށް ގިނަ މެންބަރުން ވަކާލާތު ކުރެއްވީ އެ ފައިސާއަކީ ހަމައެކަނި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރަން ބަހައްޓާފައިވާ ރިޒާވެއް ކަމަށެވެ.

މިހާރު އޭއައިއެފްއެފް އިން ވަނީ ފައިސާ ދެއްކުމަށް އިތުރު މުއްދަތެއް ދިނުމަށް ބްރެޒިލް އަދި އުރުގުއާއީގެ ފެޑެރޭޝަންތަކުގައި ރަސްމީކޮށް އެދިފައެވެ. މިކަމާ ގުޅިގެން އިންޑިއާގެ ފުޓްބޯޅަ ލެޖެންޑް ބައިޗުންގް ބުޓިއާ ފަދަ ފަރާތްތަކުން ދަނީ، ގްރާސްރޫޓް ފުޓްބޯޅައަށާއި އައި-ލީގުގެ ކްލަބްތަކަށް ހޭދަކުރުމުގެ ބަދަލުގައި، އިޝްތިހާރު ކުރުމުގެ ބޭނުމުގައި މިފަދަ ބޮޑެތި މެޗުތަކަށް 50 އާއި 70 ކްރޯޑާ ދެމެދުގެ ބޮޑު ހޭދައެއް ކުރުމުން ފެޑެރޭޝަނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

comment ކޮމެންޓް