އޮޑިޓް: ހުޅުލޭގެ ބިން ރަހުނުކޮށް ބޮޑެތި ލޯނުތަކެއް ނަގައި، އެމްއޭސީއެލްގެ ދަރަނި 16.64 ބިލިއަނަށް

އެމްއޭސީއެލްގެ އެމްޑީ ޝަރީފް --- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުލޭ ބިމުގެ ލީސްހޯލްޑް ހައްގުތައް ރަހުނުކޮށް ބޮޑެތި ލޯނުތަކެއް ނެގުމުން އެ ކުންފުނީގެ ޖުމްލަ ދަރަނި 16.64 ބިލިއަން ރުފިޔާއަށް އަރާފައިވާކަން އެ ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެމްއޭސީއެލްގެ މާލީ ހާލަތަށް މިފަދަ ބޮޑު ބަދަލެއް އައިސްފައި ވަނީ އެއާޕޯޓުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ނަގާފައިވާ ބޮޑެތި ލޯނުތަކާއި، ސަރުކާރުގެ ބިން ހިއްކުމުގެ ގައުމީ ފެންވަރުގެ އެއްބަސްވުންތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާ ގުޅިގެންނެވެ.

އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލާއި، އާ ރަންވޭ އަދި ފިއުލް ފާމް ފަދަ ބިޔަ މަޝްރޫއުތަކަށް ބޭރުގެ މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތަކުގެ މައިގަނޑު ގެރެންޓީއެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ހުޅުލޭގެ ބިން ކުއްޔަށް ހިފުމުގެ ހައްގުތަކާއި، އެ ބިމުގައި ހުރި އަދި ކުރިއަށް އޮތް ތަނުގައި ބިނާކުރާނެ އެންމެހައި އިމާރާތްތަކާއި ވަސީލަތްތަކެވެ. ސަރުކާރުގެ ގްރާންޓެއްގެ ގޮތުގައި ކުންފުނީގެ ހިސާބުތަކުގައި ހިމަނާފައިވާ ހުޅުލޭގެ ބިން ބޭނުންކުރުމުގެ ހައްގުގެ އަގު އެކަނިވެސް ހަތް ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާއިރު، މުޅި ހުޅުލޭގެ ގިނަ ސަރަހައްދުތަކެއް ވަނީ ވިޔަފާރި އުސޫލުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައެވެ. އަދި މި ލޯނުތަކަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދައުލަތުގެ ސޮވަރިން ގެރެންޓީ ވެސް ވަނީ ފޯރުކޮށްދީފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމްއޭސީއެލްގެ ޕްރޮޕަޓީ، ޕްލާންޓް އެންޑް އިކުއިޕްމަންޓް (ޕީޕީއީ) އާއި ނުނިމި ހުރި މަޝްރޫއުތަކުގެ އަގު ވަނީ 20.37 ބިލިއަން ރުފިޔާއިން 23.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ އެ ކުންފުނީގެ ޖުމްލަ ހަރުމުދަލުގެ 59 އިންސައްތައާއި 65 އިންސައްތައާ ދެމެދުގެ ބޮޑު ނިސްބަތެކެވެ.

މީގެއިތުރުން، އެމްއޭސީއެލްގެ މާލީ ހިސާބުތަކަށް އިތުރު ބުރައެއް އުފުލަން ޖެހިފައިވާ އަނެއް މައިގަނޑު ސަބަބަކީ ސެޕްޓެމްބަރު 18، 2025 ގައި އެ ކުންފުނީގެ ސަބްސިޑިއަރީއެއްގެ ގޮތުގައި އުފެއްދި މެރިން އެންޑް އިންޓަގްރޭޓެޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް (އެމްއައިއައިޑީ)އެވެ. ގިރާވަރު ފަޅު ހިއްކުން ފަދަ ސަރުކާރުގެ ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އުފެއްދި މި ކުންފުނީގެ ބެލެންސް ޝީޓުގައި ނުނިމި ހުރި މަޝްރޫއުތަކުގެ ގޮތުގައި 1.76 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި އެތައް ބިލިއަން ރުފިޔާއެއްގެ ދަރަންޏާއި މާލީ ޒިންމާތަކަކާ އެ ކުންފުނިން ވަނީ ކުރިމަތިލާން ޖެހިފައެވެ.

އެއާޕޯޓު ތަރައްގީގެ މައިގަނޑު ޒިންމާގެ އިތުރުން، ދައުލަތުގެ ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މާލީ ބުރަ އެމްއޭސީއެލްގެ ދަށަށް ގެނައުމަކީ އެ ކުންފުނީގެ މާލީ ދެމެހެއްޓެނިވި ކަމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް