ގ. ވަށަފަރުގެއިން މަސްތުވާތަކެތި ފެނުނު މައްސަލަ: އުމުރު ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ދަމަހައްޓައިފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން -- ފޮޓޯ/ ފުލުހުން

ގ. ވަށަފަރުގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި، ޅ. ނައިފަރު، ސަފާ، ޙުސައިން ޠާއިލް އުމުރަށް ޖަލަށްލުމަށާއި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2019 ފެބްރުވަރީ 26 ވަނަ ދުވަހު ގ. ވަށަފަރުގޭގެ ހަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި މައްސަލައެކެވެ. އެގޮތުން ފުލުހުން ދިޔައިރު އެތެރޭގައި ތަޅުލާފައި ހުރި ކޮޓަރިއަކުން ޠާއިލް ފެނިފައިވާއިރު، އެ ކޮޓަރި ބަލައި ފާސްކުރުމުގެ ތެރޭގައި ސައިޑް ޓޭބަލެއްގެ ވަތްގަނޑު ތެރެއިން 30.8 ގްރާމްގެ ކެނެބިސް އަޅާފައި ހުރި 73 ރަބަރު ޕެކެޓާއި، ކައްޓާއެއް އަދި ޠާއިލްގެ ވޮލެޓާއި އައިޑީކާޑު ފެނިފައިވެއެވެ.

މި މައްސަލައިގައި ޠާއިލާއި، ފާސްކުރަމުން ދަނިކޮށް އެ ކޮޓަރިއަށް އައި މަޙްމޫދު ޢަބްދުﷲ ގެ މައްޗަށް ދައުލަތުން ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާ އުފުލިއެވެ. ނަމަވެސް 2023 ސެޕްޓެމްބަރު 25 ގައި ކްރިމިނަލް ކޯޓުން ނިންމީ މަޙްމޫދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށާއި، ޠާއިލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން އޭނާ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖެހޭ އަދަބަކީ 24 އަހަރާއި 8 މަހާއި 12 ދުވަސް ކަމަށް ދަށު ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ޠާއިލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މައިގަނޑު ދެ ނުކުތާއެއްގެ މައްޗަށް ބިނާކޮށެވެ. އެއީ އެ ކޮޓަރިއަކީ އޭނާ ދިރިއުޅޭ ކޮޓަރި ނޫން ކަމަށާއި އެއީ އޭނާގެ ރައްޓެއްސެއްގެ ކޮޓަރިއެއް ކަމަށް ބުނެ، މަސްތުވާތަކެތި ހުރީ އޭނާގެ ހިޔާޒަތުގައި ނޫން ކަމަށް ބުނެއެވެ. އަދި ބަންދު މަޖިލީހުގައި އޭނާ މަސްތުވާތަކެއްޗަށް އިއުތިރާފުވީ ކޮއްކޮ ސަލާމަތްކުރުމުގެ ނިޔަތުގައި ކަމަށް ބުނެ އެ އިއުތިރާފުން ރުޖޫއަވާން އެދުމެވެ. އަދި މީގެ އިތުރުން މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ތަހުލީލުކާރު (ހަބީރު) ޝަފަހީ ހެއްކެއްގެ ގޮތުގައި ހާޒިރުކޮށް ސުވާލުކުރުމުގެ ފުރުސަތު ދީފައި ނުވުމާއި، ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފައްދާފައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގު ނިންމުން

މައުނަވީ ހިޔާޒަތާއި އިއުތިރާފު: ފުލުހުން ދިޔައިރު އެ ކޮޓަރި އެތެރެއިން ތަޅުލައިގެން ހުރީ ޠާއިލް އެކަނި ކަމަށާއި، އެ ތަނުގައި ހުރި އެއްޗެއްސަށް ބާރު ފޯރުވުމުގެ އިހުތިޔާރު އޭނާއަށް އޮތް ކަމަށް ވަނީ ނިންމައިފައެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން އެ ތަކެއްޗަކީ އޭނާ ބޭނުންކުރަން ގެންގުޅުނު ތަކެތި ކަމަށް ބުނެފައިވާތީ، އެ ތަކެތި ހުރިކަން އޭނާއަށް އެނގޭކަން ސާބިތުވާ ކަމަށް ވެސް ކަނޑައެޅިއެވެ. މީގެ އިތުރުން، ފަނޑިޔާރެއްގެ ކުރިމަތީ ވެފައިވާ އިއުތިރާފަކުން ހަމައެކަނި ދައްކާ ބަހަނާއަކުން ރުޖޫއަ ނުވެވޭނެ ކަމަށާއި، 14 ގްރާމަށްވުރެ ގިނައިން އަތުގައި ހުރުމުން ގާނޫނު އިފްތިރާޒު ކުރަނީ އެއީ ޓްރެފިކްކުރުން ކަމަށްވާތީ ކުށުގެ ރުކުންތައް ފުރިހަމަވާ ކަމަށް ވެސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފައެވެ.

ތަހުލީލު ރިޕޯޓާއި ޗެއިން އޮފް ކަސްޓަޑީ: ތަހުލީލު ރިޕޯޓުގެ ސައްހަކަމާމެދު ދަށު ކޯޓުގައި ޠާއިލް އެއްވެސް އިރެއްގައި ދެކޮޅުހަދައި ސުވާލު އުފައްދާފައި ނުވާ ކަމަށާއި، އޭނާ ބަހުސްކޮށްފައި ވަނީ ހަމައެކަނި އޭނާގެ ހިޔާޒަތާ މެދު ކަމަށް ފަނޑިޔާރުން ނިންމިއެވެ. އަދި ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފައްދާފައިވަނީ އަނެއް މީހާގެ ވަކީލު ކަމަށްވެފައި، ދަށު ކޯޓުގައި ނުދައްކާ ވާހަކަތަކެއް އިސްތިއުނާފު މަރުހަލާގައި އަލަށް ނުބެލޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި ސަބަބުތަކަށްޓަކައި، ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރު އިސްމާޢީލް ޝަފީޢު، ފަނޑިޔާރު ޙަސަން ޝަފީޢު އަދި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ އިއްތިފާގުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވައި، ހުކުމް ދަމަހައްޓަވާފައެވެ.

comment ކޮމެންޓް