އޭއައިއާއެކު ރިއަލް ޓައިމްކޮށް ވާހަކަދެއްކޭ 'މިއުޒް ވޮއިސް' މެޓާއިން ތަޢާރަފުކޮށްފި

މި ފީޗާ މަސައްކަތް ކުރަނީ އިންސާނުންގެ އިޙްސާސްތަކާއި ޙަރަކާތްތަކާ އެއްގޮތަށް ވާހަކަދެއްކޭ ގޮތަށް ---

މެޓާއިން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު އޭއައި އެސިސްޓެންޓަށް ބޮޑު އަޕްޑޭޓެއް ދީ، ޔޫޒަރުންނަށް ރިއަލް ޓައިމްކޮށް ވަގުތުން ވާހަކަދެއްކޭ "މިއުޒް ވޮއިސް" ފީޗާ ތަޢާރަފުކޮށްފިއެވެ.

މި ފީޗާ މަސައްކަތް ކުރަނީ މެޓާގެ "މިއުޒް ރިއަލްޓައިމް އެވަޓާ" އާއެކު، އިންސާނުންގެ އިޙްސާސްތަކާއި ޙަރަކާތްތަކާ އެއްގޮތަށް ވާހަކަދެއްކޭ ގޮތަށެވެ.

މޯބައިލް، ވެބް އަދި މެކް އަށް ދޫކުރަން ފަށާފައިވާ މި އަޕްޑޭޓް ލިބުމުން، ޔޫޒަރުންނަށް އެޕްލިކޭޝަންގައިވާ ފޯނު އައިކަންއަށް ފިތާލުމަށްފަހު ސީދާ ވާހަކަދެއްކަން ފެށޭނެއެވެ. މިއުޒްއާއެކު މުޢާމަލާތް ކުރުމުގައި ތިން ގޮތަކަށް ބޭނުންކުރެވެއެވެ. އެއީ ވީޑިއޯ ކޯލެއްގެ ގޮތުގައި ކުރިމަތިލައިގެން މޫނު ބަލައިގެން ވާހަކަދެއްކުމާއި، ޗެޓް ވިންޑޯގެ އަރިމަތީގައި އެވަޓާއެއް ބަހައްޓައިގެން ވާހަކަދެއްކުމުގެ އިތުރުން، އެވަޓާއަކާ ނުލައި ހަމައެކަނި އަޑުން ވާހަކަދެއްކުމެވެ.

ކޯލް ފެށުމާއެކު، ކަސްޓަމައިޒް ކުރެވިފައިވާ މިއުޒް އެވަޓާ ފެންނާނެއެވެ. އަދި ވާހަކަދައްކާ މޫޑާއި ރާގަށް ބަލައި، އެވަޓާގެ މޫނުމަތީގެ އިޙްސާސްތަކާއި އަތުގެ ޙަރަކާތްތައް ވަގުތުން ބަދަލުވަމުންދާނެ ކަމަށް މެޓާއިން ބުނެއެވެ. ގޫގުލްގެ "ޖެމިނައި ލައިވް" ފަދައިން، މިއުޒް ވާހަކަދައްކަމުންދާއިރު ޔޫޒަރުންނަށް މެދުކަނޑާލައި އިތުރު ވާހަކަތައް ދެއްކުމުގެ ފުރުޞަތުވެސް ލިބެއެވެ. އޭޖެންޓިކް ޤާބިލުކަން ލިބިފައިވާ މި އެސިސްޓެންޓް ބޭނުންކޮށްގެން އާންމު ވާހަކަތައް ދެއްކުމާއި، މަޢުލޫމާތު ހޯދުމުގެ އިތުރުން ތަފާތު އެކި މަސައްކަތްތައް ކުރެވޭނެއެވެ.

https://sun.mv/229111

ޔޫޒަރުންނަށް އެމީހުންގެ މިއުޒް ވޮއިސްއަށް ޚާއްޞަ ޝަޚްޞިއްޔަތެއް ދިނުމުގެ ގޮތުން، ލިބެންހުރި ސަތޭކައަށްވުރެ ގިނަ ތަފާތު އަޑުތަކާއި ސްޓައިލްތަކުގެ ތެރެއިން ބޭނުން އަޑެއް އިޚްތިޔާރު ކުރެވޭނެއެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި މެޓާ އޭއައި އައިނުތަކަށާއި، އަލަށް ނެރުމަށް ހަމަޖެހިފައިވާ "މިއުޒް ޗާމް" ސްޓޭންޑްއެލޯން ޑިވައިސްއަށްވެސް މިއުޒް ވޮއިސް ލިބިގެންދާނެ ކަމަށް މެޓާއިން ކަށަވަރުކޮށްދީފައިވެއެވެ.

ވަޓްސްއެޕް ފަދަ މެޓާގެ މިހާރުގެ ޚިދުމަތްތަކުގައި ބޭނުންކުރާ އާންމު އޭއައި ޗެޓްބޮޓްތަކާ މިއުޒް ތަފާތުވާ މައިގަނޑު ސަބަބަކީ އޭގެ އޭޖެންޓިކް އޭއައި ޤާބިލުކަމާއި، އެނިމޭޓެޑް އެވަޓާތަކުގެ އިތުރުން ލޯންގް-ޓާމް މެމޮރީ އެކުލެވިގެންވުމެވެ. އާންމު ޗެޓްބޮޓްތަކުގައި ހުންނަނީ ހަމައެކަނި އެ ސެޝަނަކަށް އެކަނި މަޢުލޫމާތު ހަނދާންބަހައްޓާ ސެޝަން-ބޭސްޑް މެމޮރީއެކެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު މެޓާއިން އެމެރިކާގައި ނެރުނު މިއުޒް އެސިސްޓެންޓް މިހާރު ކެނެޑާއަށް ދޫކޮށްފައިވީ ނަމަވެސް، އަލަށް ތަޢާރަފުކުރި "މިއުޒް ވޮއިސް" ފީޗާ މިވަގުތު ލިބެނީ ހަމައެކަނި އެމެރިކާގެ ޔޫޒަރުންނަށެވެ. އަދި ރީޖަނަލް އެޕް ސްޓޯ ލޮކިންގެ ސަބަބުން މި ދެ ޤައުމުން ބޭރުގެ ޔޫޒަރުންނަށް މި އެސިސްޓެންޓް ބޭނުންނުކުރެވޭއިރު، ކުރިއަށް އޮތް ތަނުގައި އެހެން ޤައުމުތަކަށް މިއުޒް ވޮއިސް ފޯރުކޮށްދޭނެ ކަމަށް މެޓާއިން ބުނެއެވެ.

comment ކޮމެންޓް