ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
މި ދެ އޮޕަރޭޝަނުގައި ވެސް އަތުލައިގެންފައި ވަނީ ސިންތެޓިކް ކެތިނޯން ކަމަށް ކަސްޓަމްސްއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވެއެވެ.
ކަސްޓަމްސްއިން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، ފުރަތަމަ މައްސަލައިގައި ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕޯސްޓް އޮފީސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމަސްއިން މިއަދު އާންމުކުރި ޕޯސްޓު....އެ ޕެކޭޖުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިބެލުމުން 2123 ގްރާމް ގެ ސިންތެޓިކް ކެތިނޯން ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސް ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ދެވަނަ މައްސަލައިގައި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ކޫރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރެއިންނެވެ.
އެ ޕެކޭޖް ފާސްކުރިއިރު އޭގެ ތެރޭގައި ފޮރުވާފައި ހުރި 1030 ގްރާމް ގެ ސިންތެޓިކް ކެތިނޯން ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި ދެ މައްސަލައިގައި ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން 3153 ގްރާމް (3.15 ކިލޯ) އަށް އަރައެވެ.
ކަސްޓަމަސްއިން މިއަދު އާންމުކުރި ޕޯސްޓު....ކަސްޓަމްސްއިން ވަނީ މިދިޔަ މަހުގެ 19 ގައި ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން، ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ދެ މީހަކު ވެސް އަތުލައިގެންފައެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، އެ ތަކެތި އަތުލައިގެންފައި ވަނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
މީގެ އިތުރުން ކަސްޓަމްސްއިން ވަނީ މިދިޔަ މަހުގެ 24 ގައި ރާއްޖެއަށް ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.
ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެ ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުވެގެން، އިތުރަށް ބެލުމުން ކަމަށް އެ އިދާރާއިން ބުންޏެވެ.