އުރަމަތީގެ ކެންސަރުގެ ޓިއުމަރު ނައްތާލުމަށް ކުރެވޭ ސާޖަރީއަކީ ބަލިމީހުން އެންމެ ބޮޑު އުންމީދަކާއެކު އިންތިޒާރުކުރާ އެއް މަރުޙަލާއެވެ. ނަމަވެސް، ސާޖަރީ ނިމުމަކީ ފަރުވާގެ ހުރިހާ ތަކުލީފުތަކަކާއި ނޭނގުމުގެ ތެރޭގައި ތިބެންޖެހޭ ހާސްކަން އެއްކޮށް ނިމުމެއް ނޫނެވެ.
ލިބުނު ޒަޚަމްތައް ފަސޭހަވަމުންދާ ދުވަސްވަރު ޕެތޮލޮޖީ ރިޕޯޓަށް އިންތިޒާރުކުރުމާއި، ކުރިއަށް އޮތް ފަރުވާތަކާމެދު ގޮތް ނިންމަން ޖެހުމަކީ ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމެކެވެ.
އެމެރިކާގެ އެންވައިޔޫ ލެންގޯންގެ ޕަލްމަޓާ ކެންސަރު ސެންޓަރުގެ ޗީފް އޮފް ބްރެސްޓް ސާޖަރީ ޑރ. މޭރީ އެލް. ގެމިގްނާނީ އަދި ނޯތުވެލް ހެލްތުގެ ބްރެސްޓް ސާޖަން ޑރ. ސިލްވިއާ އޭ. ރެޔެސް ފާހަގަކުރައްވާ ގޮތުގައި، މި ދުވަސްވަރު ދިމާވެދާނެ އާދަޔާޚިލާފު ކަންކަން ދުރާލާ އެނގިފައި އޮތުމަކީ ބަލިމީހާގެ ހާސްކަން ކުޑަކޮށްދީ، ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމެކެވެ.
އޮޕަރޭޝަނަށްފަހު އަލުން ދުޅަހެޔޮ ސިއްޙަތަކަށް ރުޖޫޢަވުމަށް ހޭދަވާ މުއްދަތާއި ކުރިމަތިވާ އުނދަގޫތައް ބިނާވަނީ ހެދި ސާޖަރީގެ ބާވަތެއްގެ މައްޗަށެވެ. އެގޮތުން ހަމައެކަނި ގަނޑު ވަކިކޮށްލާ ލަމްޕެކްޓޮމީއެއް ހެދުމަށްފަހު، ގިނަ ފަހަރަށް އެ ދުވަހުން އެ ދުވަހަށް ގެއަށް ދޫކޮށްލާއިރު، ލުއި ޙަރަކާތްތަކާއެކު އާންމު ދިރިއުޅުމަށް އަވަހަށް ރުޖޫޢަވެވެއެވެ.
އެންވައިޔޫ ލެންގޯންގެ ޕަލްމަޓާ ކެންސަރު ސެންޓަރުގެ ޗީފް އޮފް ބްރެސްޓް ސާޖަރީ ޑރ. މޭރީ އެލް. ގެމިގްނާނީ--ފޮޓޯ/ޓެލެގްރާފްއިންޑިއާޑރ. ސިލްވިއާ ރެޔެސް ވިދާޅުވާ ގޮތުގައި މިފަދަ ޙާލަތްތަކުގައި ފުރަތަމަ ދުވަސްކޮޅު ފެންނަ ރިހުންތަކަކީ އާދައިގެ ތަދުކަނޑުވާ ބޭހުން ފަސޭހަކަމާއެކު ކޮންޓްރޯލް ކުރެވޭ އެއްޗެކެވެ. އެހެންނަމަވެސް، ކެންސަރު ބަލީގެ އަސަރުހުރި ގުނަވަން ނަގައި އަލުން ބިނާކުރާ (ރީކޮންސްޓްރަކްޝަން) ބަލިމީހުންގެ ތަޖުރިބާ މުޅިން ތަފާތެވެ.
ޑރ. މޭރީ ގެމިގްނާނީ ފާހަގަކުރައްވާ ގޮތުގައި ގިނަ ބަޔަކު މި އޮޕަރޭޝަން އާދައިގެ ކޮސްމެޓިކް ސާޖަރީއަކާ އެއްވަރު ކުރި ނަމަވެސް، ހަށިގަނޑުން ދިޔަ ބޭރުކުރަން އަޅާފައި ހުންނަ ޑްރެއިންތަކާއި، އޮޕަރޭޝަން ކުރި ހިސާބުގެ އިހުސާސް ކެނޑި އައްސިވުމަކީ ބަލިމީހުންނަށް ކުރިމަތިވާ ވަރަށް ބޮޑު ހައިރާންކަމެކެވެ. މިގޮތަށް ވާ އައްސިވުމަކީ ދިގު މުއްދަތަކަށް ދެމިގެން ހިނގައިދާނެ ކަމެކެވެ.
ސާޖަރީއަށްފަހު ދިމާވާ އެންމެ އާދަޔާޚިލާފު އެއް ކަމަކީ ކުއްލިއަކަށް ކަރަންޓު ޝޮކެއް ޖެހޭ ފަދަ ތޫނު ތަދެއް އެރުމެވެ. ޑރ. ރެޔެސް ކަށަވަރުކޮށްދެއްވާ ގޮތުގައި މިއީ ހަށިގަނޑުގައި ބުރިވެފައިވާ ނާރުތައް އަލުން ގުޅި، ފަސޭހަވަމުން އަންނަކަމުގެ ޠަބީޢީ ޢަލާމާތަކަށް ވާތީ އެކަމާ އެއްވެސް ވަރަކަށް ބިރުގަންނާކަށް ނުޖެހެއެވެ. ޑރ. ގެމިގްނާނީ ފާހަގަކުރައްވާ ގޮތުގައި، އޮޕަރޭޝަނަށްފަހު ދޭ ކީމޯތެރަޕީ އާއި ރޭޑިއޭޝަން ފަދަ އިތުރު ފަރުވާތަކުގެ ސަބަބުން، ހަމުގެ ކުލަ ބަދަލުވުމާއި ހަންގަނޑު ބާރުވުން ފަދަ އުނދަގޫތައް ފަރުވާ ނިމޭތާ އެތައް މަހެއް ފަހުން ވެސް ދެމިހުރުމަކީ އެކަށީގެންވާ ކަމެކެވެ.
އޮޕަރޭޝަނަށްފަހު ހަށިގަނޑުން ފެންނަ ކޮންމެ ބަދަލަކީ މައްސަލައެއް ނޫން ނަމަވެސް، އާދަޔާޚިލާފު ކަމެއް ފެނިއްޖެނަމަ ދެން އޮންނަ އެޕޮއިންޓްމަންޓަކަށް މަޑުކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. ޑރ. ގެމިގްނާނީ ވިދާޅުވާ ގޮތުގައި ކުއްލިއަކަށް އޮޕަރޭޝަން ކުރި ސަރަޙައްދު އާދަޔާޚިލާފަށް ދުޅަވުމާއި، ގަދައަށް ހުން އައުމާއި، ދިޔަ ނުވަތަ ދަވަ ފައިބާ މިންވަރު އިތުރުވުމަކީ ލަސްނުކޮށް ސާޖަނަށް އަންގަންޖެހޭ ސީރިއަސް ކަންކަމެވެ.
ހަމައެއާއެކު ޑރ. ރެޔެސް އިތުރަށް ބަޔާންކުރައްވާ ގޮތުގައި، އޮޕަރޭޝަން ކުރިތަން މާބޮޑަށް ރަތްވެ ހޫނުވުމާއި، ކެތްނުކުރެވޭ ވަރަށް ތަދުވުމުގެ އިތުރުން، އޮޕަރޭޝަނަށް ދެތިން ދުވަސް ފަހުން އަލަށް ހަންގަނޑު ނޫފައިގަތުމަކީ އެތެރެއަށް ލޭއެޅުމުގެ އަލާމާތަކަށް ވެދާނެތީ ވަގުތުން ޑޮކްޓަރަށް ދައްކަން ޖެހެއެވެ.
ބަލިމީހާއަށް ފުރިހަމައަށް އިތުބާރުކުރެވޭ އަދި ކަންބޮޑުވުންތައް ހިއްސާކުރަން ފަސޭހަ ސާޖަނެއް އިޚްތިޔާރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/ޓެލެގްރާފްއިންޑިއާއޮޕަރޭޝަނަށްފަހު ރަނގަޅުވަމުން އަންނަ ދުވެލި ރަޙުމަތްތެރިންގެ ނުވަތަ އިންޓަނެޓުން ފެންނަ ވާހަކަތަކާ އަޅާކިޔުމަކީ ބަލިމީހުންނަށް ކުރެވޭ އާންމު ކަމެކެވެ. އެހެންނަމަވެސް، ކެންސަރުގެ ސާޖަރީއަކީ އެންމެންނަށް އެއް އުސޫލަކުން ހިނގާ ކަމެއް ނޫން ކަމަށާއި، ފަސޭހަވާ މުއްދަތު ބިނާވަނީ ކެންސަރުގެ ފެތުރިފައިވާ މިންވަރާއި، ލިމްފް ނޯޑްސް ނެގި މިންވަރާއި، ކުރި އިތުރު އޮޕަރޭޝަންތަކުގެ މައްޗަށް ކަމަށް ޑރ. ރެޔެސް ފާހަގަކުރައްވައެވެ.
ލުއި އޮޕަރޭޝަނަކަށް ފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި އޮފީސް މަސައްކަތަށް ނުކުމެވުނު ނަމަވެސް، އާންމު ދިރިއުޅުމަށް އެނބުރި އައުމަށް ދެ ހަފުތާއާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތެއް ނަގާއިރު، ބޮޑެތި އޮޕަރޭޝަންތަކަށް އެއަށްވުރެ މާ ދިގު މުއްދަތެއް ނަގައެވެ. އެހެންކަމުން، ބަލިމީހާއަށް ފުރިހަމައަށް އިތުބާރުކުރެވޭ އަދި ކަންބޮޑުވުންތައް ހިއްސާކުރަން ފަސޭހަ ސާޖަނެއް އިޚްތިޔާރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
ސާޖަރީ ނިމުމަކީ ފަރުވާގެ އެއް މަރުހަލާ ކަމުގައި ވިޔަސް، ގިނަ ފަހަރަށް އެއީ ދެން އަންނަން އޮތް ބޮޑު މަރުހަލާގެ ފެށުމެވެ. އޮޕަރޭޝަނަށް ހަފުތާއެއްހާ ދުވަސް ފަހުން ލިބޭ ޕެތޮލޮޖީ ރިޕޯޓަށް ބަލައި އިތުރު ފަރުވާތައް ކަނޑައަޅަން ޖެހުމަކީ ނަފްސާނީ ގޮތުން ބޮޑު އިމްތިހާނެކެވެ. ޑރ. ގެމިގްނާނީ ފާހަގަކުރައްވާ ގޮތުގައި ޚާއްސަކޮށް ޒުވާން އަންހެނުންނަށް މިއީ ދަރިމައިވުމާއި، ވަޒީފާ އާއި، ދިރިއުޅުމުގެ ގުޅުންތަކުގެ އިތުރުން އަމިއްލަ ސިފައާ މެދު ގޮތްތަކެއް ނިންމަންޖެހޭ މުހިންމު ވަގުތެކެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެދާނެ ގޮތްތަކާމެދު މާބޮޑަށް ދުރު ވިސްނައި، ހާސްކަމުގެ ތެރެއަށް ގެނބުމުގެ ބަދަލުގައި، ކޮންމެ ދުވަހަކުވެސް ކުރިމަތިވާ ކަންކަމާ ވަކިވަކިން ކުރިމަތިލުމަށް ޑރ. ގެމިގްނާނީ އިރުޝާދު ދެއްވައެވެ. އުރަމަތީގެ ކެންސަރުގެ އޮޕަރޭޝަނަށްފަހު ދުޅަހެޔޮވުމަކީ ހަމައެކަނި ސާޖަރީ ހެދި ތަން ފަސޭހަވުމެއް ނޫނެވެ. އެއީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަންނަ ބަދަލުތަކާއެކު، ކެތްތެރިކަމާއެކު އައު ދިރިއުޅުމަކަށް ފިޔަވަޅު އެޅުމަށް ކުރެވޭ މުހިންމު ދަތުރެކެވެ.