ސްމާޓް ފޯނާއި، އެފަދަ ވަސީލަތްތައް އުފެއްދުމުގައި ކުރިއަރަމުން އަންނަ ޗައިނާގެ ޓެކް ކުންފުނި އޮޕޯއިން 12000 މިލިއެމްޕަޔަރުގެ ބެޓެރިއާއެކު އާ ސްމާޓްފޯނެއް ނެރެން ތައްޔާރުވަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޗައިނާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ޓެކްނޯލޮޖީ (އެމްއައިއައިޓީ) ގެ ސެޓިފިކޭޝަން ޑާޓާބޭސްއިން ފެނިފައިވާ ރިޕޯޓްތަކަށް ބަލާއިރު، އޮޕޯ ކުންފުނިން 12,000 މިލިއެމްޕަޔަރުގެ ބޮޑު ބެޓެރިއެއް ހިމެނޭ އާ ސްމާޓްފޯނެއް ނެރުމަށް ތައްޔާރުވަމުން އެބަދެއެވެ. "ޕީއެންސީ110" މޮޑެލް ނަންބަރުގެ ދަށުން ލިސްޓުކޮށްފައިވާ މި ފޯނަކީ 5ޖީ ކަނެކްޓިވިޓީ އެކުލެވޭ ފޯނެކެވެ. ނަމަވެސް މި ފޯނު ބާޒާރަށް ނެރޭނެ ތާރީޚާއި، ވިއްކާނެ އަގު، އަދި ރަސްމީ ނަމާއި އިތުރު ސްޕެސިފިކޭޝަންތައް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ފޯނުގެ ބެޓެރީގެ ރޭޓެޑް ކެޕޭސިޓީއަކީ 11,640 މިލިއެމްޕަޔަރު ކަމަށް ވާއިރު، މިއީ ޓިޕިކަލް ރޭޓިންއަށް ބަލާއިރު 12,000 މިލިއެމްޕަޔަރުގެ ބެޓެރިއެކެވެ. މި ފޯނު ބާޒާރަށް ނެރެފިނަމަ، މިއީ އޮޕޯއިން މިހާތަނަށް ސްމާޓްފޯނެއްގައި ހިމަނާނެ އެންމެ ބޮޑު ބެޓެރިއަށް ވެގެންދާނެއެވެ.
މިހާތަނަށް އޮޕޯއިން ނެރުނު އެންމެ ބޮޑު ބެޓެރި ހިމެނޭ ފޯނަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު ބައިނަލްއަޤްވާމީ ބާޒާރުގައި ނެރުނު "އޮޕޯ އޭ7 ޕްރޯ މެކްސް" އެވެ. 10,000 މިލިއެމްޕަޔަރުގެ ބެޓެރިއާއެކު ނެރުނު މި ފޯނަކީ 80 ވޮޓުގެ ވައާޑް ފާސްޓް ޗާޖިންއަށް ސަޕޯޓްކުރާ ފޯނެކެވެ. މި ފޯނުގެ ހަ ޖީބީ ރޭމް އަދި 256 ޖީބީ ސްޓޯރޭޖް ހިމެނޭ ބޭސް މޮޑެލްގެ އަގު އުޅެނީ 599 ޔޫރޯ ގައެވެ.
އޮޕޯ އޭ7 ޕްރޯ މެކްސް ފޯނުގައި ބޭނުންކޮށްފައިވަނީ ކުއާލްކޮމްގެ އޮކްޓާ-ކޯ ސްނެޕްޑްރެގަން 4 ޖެން 5 ޗިޕްސެޓާއި އެޑްރެނޯ 629 ޖީޕީޔޫއެވެ. މީގެއިތުރުން އަށް ޖީބީއާ ހަމައަށް އެލްޕީޑީޑީއާރު4އެކްސް ރޭމް އަދި 256 ޖީބީގެ ޔޫއެފްއެސް 3.1 އޮންބޯޑް ސްޓޯރޭޖް ހިމެނެއެވެ.
މި ފޯނުގައި ހިމެނެނީ 6.78 އިންޗީގެ 1.5 ކޭ (1,272x2,772 ޕިކްސެލް) އެމޯލެޑް ޑިސްޕްލޭއެކެވެ. މިއީ 120 ހާޓްޒް ރިފްރެޝް ރޭޓާއި، 330 ހާޓްޒް ޓަޗް ސާމްޕްލިން ރޭޓް އަދި 1,800 ނިޓްސްގެ ޕީކް ބްރައިޓްނެސް ހިމެނޭ ޑިސްޕްލޭއެކެވެ.
ކެމެރާގެ ބަޔަށް ބަލާއިރު، އޮޕޯ އޭ7 ޕްރޯ މެކްސްގެ ފަހަތުގައި ޑުއަލް ކެމެރާ ސެޓަޕެއް ހިމެނެއެވެ. މީގެ ތެރޭގައި ޑުއަލް-އެކްސިސް އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން (އޯއައިއެސް) އާއެކު 50 މެގާޕިކްސެލްގެ މެއިން ކެމެރާއާއި 2 މެގާޕިކްސެލްގެ މެކްރޯ ސެންސަރެއް ހިމެނެއެވެ. އަދި ފޯނުގެ ކުރިމަތީގައި ސެލްފީއާއި ވީޑިއޯ ކޯލްތަކަށް 100 ޑިގްރީގެ ފީލްޑް އޮފް ވިއު ލިބޭ 50 މެގާޕިކްސެލްގެ ކެމެރާއެއް ހިމެނެއެވެ.