ދެކުނު ކޮރެއާގެ މަޤުބޫލު ބަތަލާ ޕާކް މިން-ޔަންގް، އޭނާގެ ފަންނީ ޙަޔާތުގައި ނިންމާފައިވާ މުހިންމު ނިންމުންތަކާއި، ކުޅެފައިވާ ތަފާތު ރޯލުތަކުގެ އިތުރުން ޒަވާޖީ ޙަޔާތާއި ކައިވެންޏާ މެދު އޭނާ ދެކޭގޮތް ހާމަކޮށްފިއެވެ.
ފިލްމީ ދާއިރާގައި ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި އަމިއްލަ ބާރާއި އިސްނެގުން އޮންނަ، ވަރުގަދަ އަންހެން ކެރެކްޓާތަކުން ބެލުންތެރިންގެ މަޤުބޫލުކަން ހޯދައި ރޮމޭންޓިކް ކޮމެޑީގެ ރާނީގެ ލަޤަބު ހޯދާފައިވާ މި ބަތަލާ ބުނީ، އޭނާގެ ފަންނީ ޙަޔާތުގެ ފެށުން އަބަދު މިގޮތަށް އޮމާން ނޫން ކަމަށެވެ.
އެގޮތުން ފިލްމީ ދާއިރާއަށް އަލަށް ނުކުތް ދުވަސްވަރު، އަމިއްލަ ނިންމުންތައް ނިންމުމުގެ ބާރު އޮންނަ ފަދަ ވަރުގަދަ އަންހެން ކެރެކްޓާތައް ހޯދުމަކީ ނުހަނު ދަތި ކަމަކަށްވި ކަމަށާއި، އެފަދަ ރޯލުތަކަކަށް އޭނާގެ ހިތް ވަރަށް ބޮޑަށް އެދުނު ކަމަށް ޕާކް މިން-ޔަންގް ކިޔައިދިނެވެ. އަދި އެފަދަ ފުރުސަތެއް ފަހުން ލިބިގެން ދިޔުމުން، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޝޯތަކާއި ރޯލުތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ މަސައްކަތް ކާމިޔާބު ކުރުމަކީ ކޮނޑުގައި އެޅުނު ވަރަށް ބޮޑު ޒިންމާއެއްގެ ގޮތުގައި ދެކުނު ކަމަށް އޭނާ ފާހަގަކުރިއެވެ.
ޢުމުރުން 40 އަހަރުގެ ޕާކް މިން-ޔަންގް އަކީ "ވަޓްސް ރޮންގް ވިތު ސެކްރެޓަރީ ކިމް"، "މެރީ މައި ހަޒްބަންޑް" އަދި "ސައިރަންސް ކިސް" ފަދަ މަޤުބޫލު ޑްރާމާތަކުން ބެލުންތެރިންގެ ހިތްތައް ފަތަޙަކޮށް، އޮފީސް މާޙައުލުގެ ޑްރާމާތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ފަރިތަ މޫނެކެވެ. މި ބަތަލާ އަނެއްކާވެސް ސްކްރީނަށް އެނބުރި އަންނަނީ ޕްރައިމް ވީޑިއޯއިން ދައްކަން ހަމަޖެހިފައިވާ އޮފީސް ރޮމޭންސް ސީރީޒް "ނައިން ޓު ސިކްސް"އިންނެވެ. ޗައިނާގެ މަޝްހޫރު ޑްރާމާ "ދަ ރޭޝަނަލް ލައިފް" އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ސީރީޒްގައި އޭނާ ކުޅެނީ ފިރިހެނުންގެ ނުފޫޒު ގަދަ ވަޒީފާގެ މާޙައުލުގައި އަމިއްލަ ފައިމައްޗަށް ތެދުވެ، ލޯބީގެ ދިރިއުޅުން އެއްފަރާތްކޮށްފައިވާ "ކޭންގް ޔީ-ޖީ" ނަމަކަށް ކިޔާ މަސައްކަތަށް ލޯބިކުރާ ޑެޕިއުޓީ މެނޭޖަރެއްގެ ރޯލެވެ.
ޕާކް މިން-ޔަންގްގެ އާ ވެބް ސީރީޒް "ނައިން ޓު ސިކްސް"ގެ މަންޒަރެއް--ފޮޓޯ/ވެރައިޓީސްކްރީނުގައި އޭނާ ކުޅޭ ކެރެކްޓާއަކީ ލޯތްބާމެދު މާ ބޮޑު އުއްމީދެއް ނެތް މީހަކަށް ވީނަމަވެސް، ޙަޤީޤީ ދިރިއުޅުމުގައި ލޯތްބާއި، އަމިއްލަ އަމާޒުތަކާއި ކައިވެންޏާމެދު މީހުން ދެކޭގޮތް ބަދަލުވަމުން އަންނަ މިންވަރަށް އަލިއަޅުވާލަމުން ޕާކް މިން-ޔަންގް ބުނީ، އޭނާގެ ޢުމުރުފުރައިގެ ޖީލުގެ މީހުން މިހާރުގެ ޒުވާން ޖީލާ އަޅާބަލާއިރު ވަރަށް ތަފާތު ކަމަށެވެ.
އެގޮތުން އޭނާގެ ޖީލުގެ މީހުން ބޮޑަށް ސަމާލުކަން ދެނީ ވަޒީފާ އާއި ކުރިއެރުމަށް ކަމަށާއި، ކައިވެނި ކުރުމުން ވަޒީފާގެ އެތައް ފުރުސަތުތަކެއް ދޫކޮށްލަންޖެހުމުގެ ބިރު އޮންނަ ކަމަށް އޭނާ ބުންޏެވެ. އަދި ވަކިން ޚާއްޞަކޮށް އަންހެނަކަށް ކުއްޖަކު ލިބުމަކީ މުޅިން އާ މަރުޙަލާއެއްގެ ފެށުން ކަމަށްވުމާއެކު، ކޮންމެ މީހެއްގެ ވެސް ވިސްނުމާއި ނަޒަރިއްޔާތު ތަފާތުވާނެ ކަމަށާއި އެ ނިންމުންތަކަށް އެންމެންވެސް އިޙުތިރާމްކުރަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ފަރިތަކަމާއެކު އިނގިރޭސި ބަހުން ވާހަކަދައްކަމުން އޭނާ އިތުރަށް ބުނީ، އަމިއްލަ ދިރިއުޅުމުގައި އޭނާ ޚިޔާރުކުރީ މުޅިން ތަފާތު މަގެއް ކަމަށާއި، އޭނާ އެކްޓިން ދާއިރާއަށް ނުހަނު ލޯބިކުރާތީ މިއީ އަމިއްލައަށް އިޚުތިޔާރުކުރި މަގެއް ކަމަށެވެ. އަދި ކޮންމެ މީހަކު ކޮންމެ ގޮތެއް ޚިޔާރުކުރި ނަމަވެސް، އެމީހެއްގެ އަމިއްލަ ނިންމުމަށް އަބަދުވެސް އިޙުތިރާމް އޮންނަންވާނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ.
ޕާކް މިން-ޔަންގްގެ އާ ސީރީޒް "ނައިން ޓު ސިކްސް" ޕްރައިމް ވީޑިއޯ މެދުވެރިކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.