މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ރެކޯޑުކޮށް ރިޕޯޓުކުރުން ލުއިފަސޭހަކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެއް އިފުތިތާހުކޮށްފިއެވެ.
"މަނީ ޗޭންޖާ ސިސްޓަމް" ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރެވެ.
https://x.com/MMA_Maldives/status/2118339783667957912
އެމްއެމްއޭއިން ބުނީ، މިއީ މާލީ ދާއިރާ ޑިޖިޓަލައިޒްކޮށް، އޮޓޮމޭޓްކުރުމުގެ ތެރެއިން މުޢާމަލާތްތައް ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށާއި މާލީ ނިޒާމުގެ އިތުބާރާއި ނަޒާހަތްތެރިކަން ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި މި ޕްލެޓްފޯމަކީ ގަވާއިދުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަހެޅުން ހަރުދަނާކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
މި އައު ނިޒާމާއެކު، ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކުން ވެސް މި ސިސްޓަމް ބޭނުންކުރުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަޖުބޫރުވާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މީގެ ސަބަބުން މަނީ އެކްސްޗޭންޗުތަކުން ބޭރު ފައިސާ ގަނެ ވިއްކާ އަގުތައް މޮނިޓަރުކުރަން ލުއި ލިބޭއިރު ރަސްމީ ރޭޓާ ޚިލާފަށް މުއާމަލާތްތައް ހިންގާ ފަރާތްތައް ވެސް ދެނެގަންނަން ފަސޭހަވާނެއެވެ.