ސިއްހީ ދާއިރާގެ ޚިދުމަތްތައް ފޯރުކޮށްދޭ ގިނަ ކުންފުނިތަކެއްގެ މަސައްކަތް ފެންނަ 'ހެލްތު އެންޑް ފެމެލީ އެކްސްޕޯ 2026 މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
'ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި' މި ޝިއާރުގެ ދަށުން، ހެލްތު މިނިސްޓްރީއިން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ހެލްތު އެކްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
މިއަދުން ފެށިގެން ތިން ދުވަހަށް ކުރިއަށްދާ މި އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ސިއްހީ ދާއިރާގެ 156 މަސައްކަތްތަކާ ގުޅޭ ފޮތެއް ވެސް ނެރެދެއްވާފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ ސްޓޯލްތައް ބައްލަވާލައްވާފައެވެ.
5 ނޮވެމްބަރު 2026: ރައީސްގެ ދެކަނބަލުން ހެލްތު އެކްސްޕޯ ހުޅުވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސްމިއަދު ހުޅުވި އެކްސްޕޯގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކާއި ކްލިނިކުތަކުގެ އިތުރުން އެންޖީއޯތަކާއި އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކާއެކު 60 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ.
މި އެކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހަކު ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.
މި އެކްސްޕޯގައި ސިއްހީ، އިޖުތިމާއީ، ދުޅަހެޔޮ އާދަތަކަށް އާއްމުން ހޭލުންތެރި ކުރުމާއި، ދެޖިންސުގެ ހަމަހަމަކަމާއި، ނާޒުކު ހާލަތްތަކުގައި އުޅޭ އެންމެހާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ސިއްހީ އިންޝުއަރެންސް ސްކީމުތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރުވާނެކަމަށް ހެލްތު މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.
5 ނޮވެމްބަރު 2026: ރައީސްގެ ދެކަނބަލުން ހެލްތު އެކްސްޕޯ ހުޅުވުމަށް އޮތް ހަފުލާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސްއެގޮތުން ކުޑަކުދިންނަށް ޚާއްސަ ޗެކަޕްތަކާއި މިންހެޔޮ ކާނާގެ މައުލޫމާތާއި ވެކްސިނާި އެހެނިހެން ސިއްހީ މައުލޫމާތު މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތަކާއެކު ކުރިއަށްދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ މި އެކްސްޕޯ ބާއްވާ ތިން ވަނަ އަހަރެވެ. ފާއިތުވި ދެ އަހަރުގައި ވަނީ އާންމުންގެ ބޮޑު ތަރުހީބަކާއެކު ހެލްތު އެކްސްޕޯ ކުރިއަށް ގެންގޮސްފައެވެ.
މިއަހަރުގެ އެކްސްޕޯގައިވެސް މިއުޒިކް ޝޯއާއި ބިރުވެރިހޮހޮޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ އެކި ހަރަކަތްތައް ކުރިއަށް ގެންދިޔުމަށް ހެލްތު މިނިސްޓްރީޢިން ވަނީ ނިންމާފައެވެ.