ރާއްޖޭގައި ކޮރަޕްޝަން ތަހުގީގުކުރާނެ އިންވެސްޓިގޭޓަރުން ނެތުމުން، އަންނަ އަހަރު ކޯހެއް ފަށަނީ

ރާއްޖޭގައި ކޮރަޕްޝަން ތަހުގީގުކުރާނެ އިންވެސްޓިގޭޓަރުން ނެތުމުން، އަންނަ އަހަރު ކޯހެއް ފަށަން ވަނީ ތައްޔާރުވެފައި -- ފޮޓޯ/ އޭސީސީ

ރާއްޖޭގައި ކޮރަޕްޝަން ތަހުގީގުކުރާނެ އިންވެސްޓިގޭޓަރުން ނެތުމުގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެކްރެޑިޓްކޮށްފައިވާ ޑިޕްލޮމާ ކޯހެއް އަންނަ އަހަރު ފަށަން މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމައިފިއެވެ.

މި ކޯހާ ގުޅޭގޮތުން އެމްނާކާގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ޠައްޔިބު ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަޙުގީގުކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ ގޮތުން ގާބިލު، ތަމްރީނުވެފައިވާ އިންވެސްޓިގޭޓަރުން ނެތުން ކަމަށެވެ.

އަންނަ އަހަރު ފަށަން މި ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ އެ މައްސަލަ ހައްލުވެ، ބައިނަލްއަގްވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއްގެ ގޮތުގައި ތައްޔިބު ސިފަކުރެއްވިއެވެ.

މި ޑިޕްލޮމާ ކޯހަކީ ތަޙުގީގީ ދާއިރާގެ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ކޯހުގެ ތެރެއިން ތަޙުގީގީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، ހަރުދަނާ އުސޫލުން ކޭސް މެނޭޖްމަންޓް ކުރިއަށްގެންދިއުމުގެ ހުނަރު ދަސްކޮށްދެވޭނެއެވެ.

މީގެ އިތުރުން، ގާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރުމާއި ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުޢާމަލާތްތަކާއި ލިޔެކިޔުންތައް ފޮރެންސިކް ތަޙުލީލު ކުރުމުގެ ގާބިލުކަން ބިނާކުރުމަށް ވަނީ ނިންމާފައެވެ.

ދައުލަތުގެ މާލީ ނިޒާމުތަކާއި ޕްރޮކިއުމަންޓް ގަވާއިދުތަކަށް އަހުލުވެރިކުރުވައި، ޚިޔާނާތާއި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ދެނެގަތުމާއި އިންޓަވިއު ކުރުމާއި ބަޔާން ނެގުމުގެ އިތުރުން އިންޓެލިޖެންސް މަޢުލޫމާތު އެއްކޮށް ތަޙުލީލުކުރުމުގެ ޒަމާނީ ފަންނީ ހުނަރުތައް ވެސް މި ކޯހުގައި ކިޔަވައިދެވޭނެއެވެ.

ރާއްޖޭގައި ކޮރަޕްޝަން ތަހުގީގުކުރާނެ އިންވެސްޓިގޭޓަރުން ނެތުމުގެ މައްސަލަ އޮތްކަން އޭސީސީން ފާހަގަކުރިއިރު، އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ނުބެލި ދިގުލައިގެން ދިޔުމުގެ ޝަކުވާތައް އަބަދުވެސް އޮވެއެވެ.

comment ކޮމެންޓް