ތ. ވޭމަންޑުގައި އެ އަތޮޅު ހޮސްޕިޓަލް ގާއިމުކުރުމަށް ކުވައިތު ފަންޑާއެކު، ގާތްގަނޑަކަށް 9.7 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ކުވައިތު ފަންޑުގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ރަޝައިދު އަލްބަދަރެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަރީރު ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުވައިތު ފަންޑުން ވަމުންދާ އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި އެ ފަރާތަށް ޝުކުރު އަދާކުރައްވާފައެވެ.
ތ. ވޭމަންޑޫގައި މި ހޮސްޕިޓަލް ޤާއިމު ކުރުމަށް ލޯނު އެއްބަސްވުން ހަމަޖެހިގެން ދިޔައީ ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރާއްޖެއަށް ކޮންމެ އަހަރަކަށް ކަނޑައަޅާފައިވާ 10 މިލިއަން އެމެރިކާ ޑޮލަރުގެ ކަންޓްރީ ލިމިޓްގެ ދަށުންނެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ސޮއިކުރެވުނު އެއްބަސްވުމަކީ ހަމައެކަނި ޢިމާރާތެއް ބިނާކުރުމަށް ވެވުނު އެއްބަސްވުމެއް ނޫން ކަމަށާއި މިއީ ދިވެހި ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަމުގެ އިތުރުން، ޤައުމުގެ މުސްތަޤްބަލުގެ ފާގަތިކަމަށްޓަކައި ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.
ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި، ކޮންމެ ރައްޔިތަކަށްވެސް އެ މީހަކު ދިރިއުޅޭ ރަށަކުން ފެންވަރު ރަނގަޅު، ހަމަހަމަ ޞިއްޙީ ޚިދުމަތެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަަން ޒަރީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރަޝައިދު އަލްބަދަރް ވިދާޅުވީ، މިއީ އެ ފަންޑުން ދިވެހިރާއްޖެއަށް ދޫކުރި 15 ވަނަ ލޯނު ކަމަށާއި، މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެ ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރު ކަމަށެވެ.
މީގެ އިތުރުން، 1976 ވަނަ އަހަރު ވެވުނު ފުރަތަމަ އެއްބަސްވުމާއެކު އެ ފަންޑުން ރާއްޖޭގެ މަޝްރޫޢުތަކަށް ފައިނޭންސް ކުރަން ފެށިތާ 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގައި 185 މިލިއަން އެމެރިކާ ޑޮލަރުގެ 14 ލޯނެއް ދޫކޮށްފައިވާ ކަމަށެވެ. އަދި، ހިލޭ އެހީއާއި ފަންނީ އެހީތެރިކަމުގެ ގޮތުގައި 5.7 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އަލްބަދަރް ވިދާޅުވީ، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރު ޒަރީރު އެދިލައްވާފައިވާ އެދިލެއްވުންތަކަށް ރިޢާޔަތްކުރައްވައި، މި އަންނަ އަހަރުން ފެށިގެން ރާއްޖޭއަށް ކަނޑައަޅުއްވާފައިވާ އެނުއަލް ކަންޓްރީ ލިމިޓު ގާތްގަނޑަކަށް 10 މިލިއަން އެމެރިކާ ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެ ފަންޑުން ނިންމާފައިވާ ކަމަށެވެ.
އަންނަ އަހަރު ކުރިއަށްގެންދާނެ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށްވާ، ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ފައިނޭންސްކުރެވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އެދިލައްވާފައިވާތީ، އެކަމާގުޅޭ އެންމެހާ ކަންކަމުގެ މަޝްވަރާތަކާއި ތައްޔާރީތައް މިހާރުން މިހާރަށް ފައްޓަވާނެކަމަށްވެސް އަލްބަދަރް ވިދާޅުވިއެވެ.