"މޯލްޑިވްސް އެކްސްޕޯ"ގެ ނަން ބޭނުންކުރުން ހުއްޓުވަން ހުށަހެޅި މައްސަލައިގައި، އެކްސްޕޯ ނިމުނު ފަހުން ހުކުމެއް

މޯލްޑިވްސް އެކްސްޕޯ 2026: "މޯލްޑިވްސް އެކްސްޕޯ" ނަން ބޭނުންކުރުން ކޯޓުން ހުއްޓުވައެއް ނުދިން --

ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ބޭއްވި "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގައި "މޯލްޑިވްސް އެކްސްޕޯ" ގެ ނަން ބޭނުންކުރުން ހުއްޓުވުމަށް އެދި އަމިއްލަ ކުންފުންޏަކުން ހުށަހެޅި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

މި އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ބާއްވައިފައިވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

އެ އެކްސްޕޯއާ ގުޅުވައި، ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކީ "މޯލްޑިވްސް އެކްސްޕޯ ޕްރައިވެޓް ލިމިޓެޑް" ގެ ފަރާތުން، މައުޟޫއީ ދައުވާއެއް ހުށަހެޅުމުގެ ކުރިން، ދައުލަތާއި ބީސީސީން އެ ނަން ބޭނުންކުރުން ވަގުތީ ގޮތުން މަނާކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

އެ ކުންފުނިން ފާހަގަކޮށްފައިވަނީ އެއީ ފެބުރުއަރީ 2023 ގައި ގާނޫނީ ގޮތުން ރަޖިސްޓްރީކޮށްފައިވާ ނަމަކަށް ވާއިރު، ޑިސެމްބަރު 2024 އިން ފެށިގެން ދައުލަތުން އެ ނަމުގައި މައުރަޒު ޕްރޮމޯޓްކޮށް ހިންގުމުން ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

ދައުލަތުން މި އަމުރާ ދެކޮޅަށް ޖަވާބުދާރީވަމުން ފާހަގަކުރީ، ކުންފުނީގެ ނަމާއި ވިޔަފާރި ނަމަކީ ތަފާތު ދެ މަފްހޫމެއް ކަމަށާއި، މޯލްޑިވްސް އެކްޕޯއަކީ ވަކި ފަރާތަކަށް މިލްކު ނުކުރެވޭނެ އާންމު ނަމެއް ކަމަށެވެ. އަދި މައުރަޒު ބާއްވަނީ އާންމު މަސްލަހަތު ހިމެނޭ ގޮތަށް ގައުމީ ފެންވަރުގައި ދިވެހި ފަންނުވެރިންނަށް ފުރުސަތު ހޯދައިދިނުމަށް ކަމަށްވެސް ދައުލަތުން ބަޔާންކުރިއެވެ.

މި މައްސަލަ ބެއްލެވި ގާޟީ ރިޒްމީނާ އިދްރީސް ނިންމެވި ނިންމެވުމުގައި ފާހަގަކުރައްވާފައިވަނީ އަމުރަށް އެދުނު ފަރާތުން ބަޔާންކުރާ ގެއްލުންތަކަކީ ވިޔަފާރީގެ ގެއްލުންތަކެއް ކަމަށާއި، އެއީ ފަހުން ފައިސާއިން ބަދަލު ދެވިދާނެ ބާވަތުގެ ކަންކަން ކަމަށް ވުމުން، ވަގުތީ އަމުރެއް ނުނެރެފިނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކުރިމަތިވާނެކަން ސާބިތުނުވާ ކަމަށެވެ.

އަދި އާންމު މަސްލަހަތަށްބަލާއިރު، މި މައުރަޒަކީ ގިނަ އަދަދެއްގެ ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިން އަދި އާންމުންގެ ބޮޑު މަސްލަހަތެއް އެކުލެވޭ އިޖުތިމާއީ ހަރަކާތަކަށްވާތީ، ފަރުދީ ވިޔަފާރީގެ މަސްލަހަތަށްވުރެ މުޖުތަމައުގެ އާންމު މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ. އެހެންކަމުން، ދައުވާ ހުށަހެޅުމުގެ ކުރިން ނެރޭ ވަގުތީ އަމުރެއްގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ހަމަނުވާތީ، އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

comment ކޮމެންޓް