ރަސްމާލެ މަޝްރޫއާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ގޮވާލައި، އެއްވުން ބޭއްވުން ފަސްކޮށްފި

ދިވެހީންގެ ބިން ދިވެހީންގެ ހަރަކާތުގައި ބައިވެރިވާ ބައެއް ބޭފުޅުން: ރަސްމާލެ މަޝްރޫއާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ގޮވާލައި، އެއްވުން ބޭއްވުން ވަނީ ފަސްކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރަސްމާލެ މަޝްރޫއާމެދު އާންމުންގެ ޚިޔާލު ހޯދަން ގޮވާލާ 'ދިވެހީންގެ ބިން ދިވެހީންނަށް' ހަރަކާތުން ބާއްވަން ނިންމި އެއްވުން ފަސްކޮށްފިއެވެ.

މި އެއްވުން އެންމެ ފުރަތަމަ ބާއްވަން ނިންމާފައި އޮތީ، އަންނަ ހުކުރު ދުވަހެވެ.

https://sun.mv/229695

މިއަދު އެ ހަރަކާތުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، މި އެއްވުމުގައި ރަސްމީކޮށް އެމްޑީޕީންނާއި އިތުރު މީހުން ބައިވެރިވުމަށް ބޭނުންވާ ކަމަށެވެ.

އެހެންވެ، އެއްވުން އިތުރަށް ބޮޑުކުރުމުގެ ގޮތުން މި މަހުގެ 13 ވަނަ ދުވަހަށް މި އެއްވުން ފަސްކޮށްފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެންނަނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ގޮތަށް މިހާރު ގާނޫނުއަސާސީގައި އޮންނަ ކަމަށެވެ. މިގޮތުން، ދިވެހި ބިމަކުން ބައެއް ބޭރުގެ ބަޔަކަށް މިލްކުވާ ގޮތަށް އޮތުމާއި އެ ތަނުގައި ކުރާ ކަންކަމަކީ ވެސް ރާއްޖޭގެ ސަރަހައްދަކަށް އަންނާނެ ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް، ބޭރުގެ ފަރާތަކަށް ދީފި ކަމަށްވަންޏާ އެ ކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފަށް ކުރާނެ ކަމެއް،" އަލީ ފާހަގަކުރެއްވިއެވެ.

ގާނޫނީ ވަކީލު ޢަލީ ޙުސައިން --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު ޢަބްދުﷲ

ފާހަގަކުރެވޭ ގޮތުގައި، ދުބާއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ސަރުކާރުން ނިންމައިފައިވާ މަޝްރޫއަށް އިދިކޮޅުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން އެ މަޝްރޫއާއެކު، އިސްރާއީލު މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭ ގޮތް ވާނެ ކަމަށް ބައެއް މީހުން ބުނަމުންދެއެވެ.

ސަރުކާރުން ބުނަމުން އަންނަނީ، ރަސްމާލޭގެ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް ދޫކުރާ އެ މަޝްރޫއުން ގައުމަށް ގިނަ ފައިދާތަކެއް ވާނެ ކަމަށެވެ. މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރަސްމާލޭގައި ތިބޭނީ ދިވެހީންނާއި އެހެން ގައުމުތަކުގެ މުސްލިމުން ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.

އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލް އަލްޢައްބާރު މީގެ ކުރިން ވަނީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ތަފުސީލީ ފަހު އެއްބަސްވުމުގައި އަންނަ ހަފުތާގެ ބުދަ ދުވަހު ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހު ސޮއިކުރަން އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް