މި ސަރުކާރަށް އިތުރު 15 އަހަރު ދީފިނަމަ ޑޮލަރު ރޭޓު ހުންނާނީ 10 ރުފިޔާގައި: ފަލާޙް

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާޙް: ވިދާޅުވީ މި ސަރުކާރަށް އިތުރު މުއްދަތެއް ދީފިނަމަ ޑޮލަރު ރޭޓު 10 ރުފިޔާއަށް ތިރިވާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އިތުރު 15 އަހަރު ލިބިއްޖެނަމަ ޑޮލަރުގެ ރޭޓު ހުންނާނީ 10 ރުފިޔާއަށް ތިރިވެފައި ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ، ޑޮލަރުގެ އަގު ބޮޑުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އިގުތިޞާދީ ސިޔާސަތު ބައްޓަންކުރި ގޮތުގެ ސަބަބުން ކަމަށެވެ.

އެގޮތުން ޞާލިޙްގެ ސަރުކާރުގައި އަށް ބިލިއަން ރުފިޔާ ޗާޕުކޮށް، ދައުލަތަށް ލިބުނު ފައިސާ ހުސްކުރި ކަމަށް ފަލާޙް ވިދާޅުވިއެވެ. އެ ސަރުކާރުން ނެގި ލޯނުތައް ބޭނުންކުރީ ދައުލަތަށް އާމްދަނީ ވަންނަ ގޮތަކަށް ނޫން ކަމަށް ވެސް ފަލާޙް ވިދާޅުވިއެވެ.

"އެތައް ބިލިއަން ޑޮލަރެއް ނަގައިފައި ދައުލަތަށް އާމްދަނީ ވަންނާނެ އެއްވެސް ކަމެއް ނުކޮށް ގާތް މީހުންނަށާއި ރަށްޓެހިންނަށާއި އެތައް ބަޔަކަށް ބަހައިލައިފައި ތާކުންތާކުން ނުޖެހޭ ގޮތަށް އިގުތިޞާދީ ކަންކަން ކުރީމާ ވާނީ މިހެން އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވިއެވެ.

މިއީ ޑޮލަރާއި ތަކެތީގެ އަގު ބޮޑުވި ސަބަބު ކަމަށް ވިދާޅުވެ، ޞާލިޙްގެ ސަރުކާރަށް ފަލާޙް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަން އިރާދަފުޅުކުރެއްވިއްޔާ މިހެން ދެމިގެން ގޮސް ދުވަސްތަކަކަށް، 10 ވަރަކަށް 15 ވަރަކަށް އަހަރަކަށް ދެމިގެން ގޮއްސިއްޔާ ޑޮލަރު ހުންނާނީ 10 ގައި އިއްޒަތްތެރި ރައީސް،" ފަލާޙް ވިދާޅުވިއެވެ.

https://sun.mv/230035

ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ހުށަހެޅީ މިދިޔަ އޮގަސްޓު މަހެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ މައްސަލަ ހުށަހެޅިތާ ތިން މަސް ފަހުން މިއަދެވެ.

މި މައްސަލައަށް ބަހުސްކޮށް ނިމި، ސަޢީދުގެ އިތުބާރު ނެތް ކަމަށް ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން ސަޢީދަށް އިތުބާރު އޮތް ކަމަށް 54 މެންބަރުން ވޯޓު ދިން އިރު، އިތުބާރު ނެތް ކަމަށް ވޯޓު ދިނީ 10 މެންބަރުންނެވެ.

ސަޢީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ފާހަގަކުރި އެއް ނުކުތާއަކީ އިގުތިޞާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެން ދިއުމުގެ ނުކުތާއެވެ.

ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާ ބަލާއިރު، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ތެރޭ 80 އިންސައްތަ އިތުރަށް ރަސްމީ ރޭޓުގައި އެކި ބޭނުންތަކަށް ޑޮލަރު ދޫކޮށްފައިވާ ކަމަށް، މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ސަޢީދު ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި މީގެ ކުރިން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާންގެ މައްޗަށް، އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީންގެ މައްޗަށް ވެސް އެމްޑީޕީން އިތުބާރު ނެތް ކަމަށް ހުށަހެޅިއެވެ. އެ މައްސަލަތައް ވެސް ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.

މިއީ 20ވަނަ މަޖިލީހުގައި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި ތިންވަނަ މައްސަލައެވެ.

comment ކޮމެންޓް