ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 0-2 ގެ ނަތީޖާއިން ބަޔާން މިއުނިކް ކާމިޔާބުކޮށްފިއެވެ.
އެތުލެޓިކޯ މެޑްރިޑްގެ ރިޔާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިފައިވާ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހިއެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ނުވަވަނަ މިނެޓުގައި ބަޔާން މިއުނިކްގެ ޒުވާން ކުޅުންތެރިޔާ ލެނާޓް ކާލް ވަނީ ލަނޑެއް ޖަހައި، އެޓީމަށް ލީޑު ނަގައިދީފައެވެ. މިމެޗުގައި ބަޔާންއިން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ކޮންރަޑް ލެއިމާއެވެ.
ބަޔާން އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ދެވަނަ ހާފުގައި ގިނަ ލަނޑުތަކެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ލިބިފައިވެއެވެ. އެގޮތުން ޑަޔޮޓް އުޕަމެކާނޯ ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ހަމަލާ އެތުލެޓިކޯގެ ގޯލުކީޕަރު އޮބްލަކް ވަނީ މަތަކޮށްފައެވެ.
މިދިޔަ ހޯމަދުވަހު ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހާސިލުކޮށްފައިވާ ބަޔާން މިއުނިކުގެ ހެރީ ކޭންއަށް، އެފަހުން ކުޅުނު ދެ މެޗުގައިވެސް ލަނޑެއް ޖެހިފައިނުވާކަން ފާހަގަކުރެވެއެވެ. މީގެ ކުރިން، މިދިޔަ ހޮނިހިރު ދުވަހު ބަޔާންގެ އެންމެ ވާދަވެރި އެއް ޓީމު ކަމަށްވާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން ފޮނުވާލި ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ.
މި ނަތީޖާއާއެކު ބަޔާން މިޔުނިކަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ އަށް ޕޮއިންޓާއެކު ތާވަލުގެ އަށްވަނަ މަގާމް ލިބިފައެވެ. އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވާ ހަތަރު ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 22 ވަނައިގައެވެ.