އެމެރިކާގެ ރައްޔިތުންގެ މަޖިލިސް ނުވަތަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު، ފާއިތުވި ވިހި އަހަރުގެ ތެރޭގައި އެ ޕާޓީން ހޯދި އެންމެ ބޮޑު ތަފާތުން ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކޮށްފައިވާ ކަމަށް ލަފާކޮށްފިއެވެ.
އެންބީސީ ނިއުސްއާއި އެހެން ނޫސްތަކުން ލަފާކުރާ ގޮތުގައި މި ނަތީޖާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ރައްޔިތުން ދިން ވަރުގަދަ އިންޒާރެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.
އެންބީސީ ނިއުސްގެ ދިރާސާތަކުން ދައްކާ ގޮތުގައި، ޑިމޮކްރެޓުން ގާތްގަނޑަކަށް 248 ގޮނޑި ކާމިޔާބު ކުރާނެއެވެ. މިއީ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 218 ގޮނޑިއަށް ވުރެ މާ މަތީ އަދަދެކެވެ. ނަމަވެސް، ސެނެޓްގެ އަޣުލަބިއްޔަތު ލިބެނީ ކޮން ޕާޓީއަކަށް ކަމެއް އެންބީސީން އަދި ކަނޑައެއް ނާޅައެވެ.
ހައުސްގެ އަޣުލަބިއްޔަތު އަނބުރާ ހޯދުމަށް ޑިމޮކްރެޓުންނަށް ބޭނުންވީ އިތުރު ތިން ގޮނޑިއެވެ. އެހެން ނަމަވެސް، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބު ކުރެއްވި ގިނަ ދާއިރާތަކެއް ހިމެނޭހެން، ރިޕަބްލިކަން ޕާޓީގެ ގިނަ ގޮނޑިތަކެއް ޑިމޮކްރެޓުން ވަނީ ފުރޮޅާލާފައެވެ.
މިގޮތުން ޕެންސިލްވޭނިއާގައި ވާދަކުރި ރިޕަބްލިކަން ތިން މެންބަރަކު ވަނީ ބަލިވެފައެވެ. އެއީ ހަތްވަނަ ދާއިރާއިން ރަޔަން މެކެންޒީ ބަލިކުރި ޑިމޮކްރެޓް ބޮބް ބްރޫކްސް އާއި، އަށްވަނަ ދާއިރާއިން ރޮބް ބްރެސްނަހަން ބަލިކުރި ޕޭޖް ކޮގްނެޓީ އަދި 10 ވަނަ ދާއިރާއިން ސްކޮޓް ޕެރީ ބަލިކުރި ޖެނެލް ސްޓެލްސަންއެވެ. މީގެ އިތުރުން ވާޖީނިއާގެ ވާޖީނިއާ ބީޗް ސަރަހައްދުގެ ގޮނޑި ޑިމޮކްރެޓިކް ކުރީގެ މެންބަރު އިލެއިން ލޫރިއާ އަނބުރާ ހޯއްދެވިއިރު، ކޮލޮރާޑޯގައި ގެބް އެވަންސް ބަލިކޮށް މެނީ ރުޓިނެލް ވަނީ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
އަދި ނޯތު ކެރޮލައިނާގައި، މީގެ ދެ އަހަރު ކުރިން ޓްރަމްޕް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ދާއިރާއިން ދަނޑުވެރިއެއް ކަމަށްވާ ޖޭމީ އެގާވަނީ ރިޕަބްލިކަން ކެންޑިޑޭޓް ޖެނިފާ ބޯލްކޮމް ބަލިކޮށްފައެވެ. ބޯލްކޮމްއަށް ވާދަކުރުމުގެ ފުރުސަތު ލިބުނީ ކުރީގެ މެންބަރު ޗަކް އެޑްވާޑްސްއަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ނަން އަނބުރާ ގެންދިއުމުންނެވެ.
މި އިންތިޚާބުގައި ޑިމޮކްރެޓުން ހޯދި ބޮޑު ކާމިޔާބީއަކީ ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް ރައްޔިތުން ނެރުނު ވަރުގަދަ ނިންމުމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. އޭގެ ތެރޭގައި އިމިގްރޭޝަނާ ދެކޮޅަށް ގެންގުޅުނު ހަރުކަށި ސިޔާސަތުތަކާއި، އަށް މަސް ދުވަހަށް ދެމިގެންދިޔަ އީރާނު ހަނގުރާމައާއި، އަދި އެމެރިކާގެ އެކުވެރި ގައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމުގެ ސަބަބުން ތެލާއި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިޔުން ހިމެނެއެވެ.
އަންނަ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު ޑިމޮކްރެޓުން މަޖިލީހުގެ ކޮންޓްރޯލާ ހަވާލުވުމުން، މިއީ ޓްރަމްޕްގެ ދެވަނަ ދައުރުގައި ކޮންގްރެސްގެ ފުރިހަމަ ބާރު އޭނާއަށް ގެއްލޭ ފުރަތަމަ ފަހަރަށް ވާނެއެވެ. ވައިޓް ހައުސްއަށް އެނބުރި ވަޑައިގަތުމަށްފަހު، ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮތް ހައުސް އަދި ސެނެޓުން އެއްވެސް ފިޔަވަޅެއް ނާޅައި ބަލަން ތިއްބައި، ޓްރަމްޕް ވަނީ ޑިޕާޓްމަންޓް އޮފް ގަވަމަންޓް އެފިޝަންސީ މެދުވެރިކޮށް ފެޑެރަލް އިދާރާތައް އުވާލައްވައި، އަމިއްލަފުޅަށް ޓެކްސްތައް ކަނޑައަޅުއްވައި އަދި މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުތައް ހިފަހައްޓަވައި، އޭނާގެ ވެރިކަމުގެ ބާރުތައް އިންތިހާއަށް ބޭނުންކުރައްވާފައެވެ.