އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް އަމިއްލައަށް ތަރައްގީވެ، އެތަކެތީގެ ކުރިއެރުން ހީނުކުރާހައި ބާރުމިނުގައި އަވަސްކުރަން ފަށައިފާނެ ދަނޑިވަޅަކާ ގާތްވެފައިވާ ކަމަށް އޭއައި ދާއިރާގެ މަޝްހޫރު ކުންފުނި އެންތުރޯޕިކުން އިންޒާރު ދީފިއެވެ.
މި އިންޒާރު އެ ކުންފުނިން ދީފައި ވަނީ އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އަށް ހުށަހެޅި އައިޕީއޯ ފައިލިންގްގެ އިސްލާހުގައެވެ.
އެންތުރޯޕިކުން ހުށަހެޅި ފޯމް އެސް-1 ގެ ފުރަތަމަ އިސްލާހުގައި ބުނެފައިވަނީ، ކުރިއަށް އޮތް ތަނުގައި އުފައްދާ އޭއައި މޮޑެލްތަކުން، އެކުންފުނީގެ "ރެސްޕޮންސިބަލް ސްކޭލިންގް ޕޮލިސީ" ގައި ބަޔާންކުރާ "އޭއައިގެ ސަބަބުން ކުރިއެރުން އިންތިހާއަށް އަވަސްވުން" މި މާނައަށް ވަރަށް އަވަހަށް ފެތޭނެ ކަމަށް އެތެރޭގެ އަންދާސީ ނިންމުންތަކުން ދައްކާ ކަމަށެވެ. މިއީ އޭއައި އަމިއްލައަށް އިތުރަށް ތަރައްގީވެ، ކުރިއެރުން ހޯދުމުގެ މަރުހަލާއަކަށް ދިޔުމުގެ ފެށުން ކަމަށް ބެލެވެއެވެ.
އޭއައިއަށް ބިނާކޮށް ކުރެވޭ ދިރާސާތަކާއި ތަރައްގީގެ ކަންކަން، އެއަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކުލަވާލައި އަމަލީގޮތުން ތަންފީޒުކުރުމަށް ލިބޭ ފުރުސަތަށްވުރެ މާ އަވަސް ބާރުމިނެއްގައި ކުރިއަރައިގެން ގޮސްދާނެ ކަމަށް އެންތުރޯޕިކުން މީގެ ކުރިންވެސް ވަނީ އެއްބަސްވެފައެވެ.
މީގެއިތުރުން، މިދިޔަ އޮކްޓޯބަރު 26 ގައި އެކުންފުނިން އާންމުކުރި އައިޕީއޯ ޕްރޮސްޕެކްޓަސްގައި، އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތަފްސީލު ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ސެކިއުރިޓީ ބްރީޗްވުމާއި، މައުލޫމާތު ގެއްލުމާއި، ކަންކަން ގޯސްކޮށް ކުރާ އޭޖެންޓުން އުފެދުމުގެ އިތުރުން ކެމިކަލް އަދި ބަޔޮލޮޖިކަލް ނުރައްކާތެރި ހަތިޔާރު އުފެއްދުމަށް ނުބައި ނިޔަތް އޮންނަ ފަރާތްތަކަށް އެހީތެރިކަން ލިބުން ހިމެނެއެވެ.
އެންތުރޯޕިކުން ފާހަގަކުރި ގޮތުގައި، މިފަދަ ނުރައްކާތަކުގެ ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން މުޅި އިންސާނިއްޔަތުގެ ވުޖޫދަށްވެސް ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.
އެންތުރޯޕިކަކީ އޯޕަންއޭއައިގެ ކުރީގެ ރިސާޗަރުންތަކެއް އިސްވެ 2021 ވަނަ އަހަރު އުފެއްދި، އޭއައިގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތްކުރާ ކުންފުންޏެކެވެ.
'ކްލޯޑް' މޮޑެލްތައް އުފައްދާ މި ކުންފުނިން ވަނީ އޭއައިގެ ގާބިލުކަން އިތުރުވަމުންދާ ވަރަކަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި "ރެސްޕޮންސިބަލް ސްކޭލިންގް ޕޮލިސީ" (އާރްއެސްޕީ) ގެ ނަމުގައި ހާއްސަ އުސޫލުތަކެއް އެކުލަވާލާފައެވެ. މި އުސޫލުގެ މައިގަނޑު މަގުސަދަކީ އޭއައި މޮޑެލްތަކުގެ ގާބިލުކަން ނުރައްކާތެރި މިންވަރަކަށް ކުރިއަރައިގެން ދިޔުމުގެ ކުރިން، ސެކިއުރިޓީ އާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ތަންފީޒުކުރުމެވެ.