ފޯންތަކަކާއި ފައިސާ ވަގަށް ނެގި މައްސަލައެއްގައި އިނގިލީގެ ނިޝާން ފެނުނު ނަމަވެސް ދައުވާ ސާބިތެއްނުވި

ވައްކަމުގެ އެހެން މައްސަލައަކާ ގުޅިގެން ހޯދި ފޯނުތަކެއް: ފޯންތަކަކާއި ފައިސާ ވަގަށް ނެގި މައްސަލައެއްގައި ތުހުމަތުވި މީހާގެ އިނގިލީގެ ނިޝާން ފެނުނު ނަމަވެސް ދައުވާ ސާބިތުނުވެ އެ މީހާ ވަނީ ސަލާމަތްވެފައި -- ފޮޓޯ/ އައްޑޫ ޕޮލިސް

މާލޭގެ މާވެޔޮމަގުގައި ހުންނަ ފޯނު ފަދަ ތަކެތި ވިއްކާ ފިހާރައަކަށް މިދިޔަ އަހަރު ވަދެ، ފޯނުތަކަކާއި ފައިސާ ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާތައް ސާބިތުނުވެ، ސަލާމަތްވެއްޖެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ، ހ. ފެންތިލަގެ، ޙަސަން ޝާނެވެ.

އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު 11ގެ ރޭ ދަންވަރު 03:30 ހާއިރު، ފިހާރައެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި ފާޚާނާގެ ފެންލައިޓް ހަލާކުކޮށްލައިގެން އެތެރެއަށް ވަދެ، އެ ތަނުން ބައެއް ތަކެތި ވަގަށް ނެގި މައްސަލައެކެވެ. އެގޮތުން ސެމްސަންގް އަދި ނޮކިޔާ ބްރޭންޑްގެ އެކި މޮޑެލްތަކުގެ ހަތް ފޯނާއި، ވާވޭ މޭޓްޕެޑްގެ ތިން ޓެބްލެޓްގެ އިތުރުން ވަތްގަނޑުގައި ހުރި 2،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ޝާންގެ މައްޗަށް ކުރީ ވައްކަންކުރުމުގެ ކުށުގެ ދަޢުވާއާއި، މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި ދެ މައްސަލައިގައި ވެސް ދަޢުވާއަށް ޝާން އިންކާރުކޮށްފައިވާއިރު، އޭނާއާ ދެކޮޅަށް ދައުލަތުން މައިގަނޑު ގޮތެއްގައި ހުށަހެޅީ ފިހާރައިގެ ސީސީޓީވީ ފުޓޭޖާއި ފޮރެންސިކް ފިންގަޕްރިންޓް ރިޕޯޓެކެވެ. ފުލުހުންގެ ހެކިބަހުން އެނގޭ ގޮތުގައި ސީސީޓީވީ ފުޓޭޖުން މީހަކު ވަންނަތަން ފެނުނު ނަމަވެސް، އެ މީހާ ހުރީ މޫނު ނިވާކޮށްގެން ކަމަށްވުމުންނާއި ފިހާރަ ތެރެ އަނދިރިކަމުން އެއީ ކާކުކަން ވަކިކުރަން ނޭނގޭތީ ވީޑިއޯ އެނަލިސިސް ރިޕޯޓެއް ތައްޔާރުކުރެވިފައެއް ނުވެއެވެ.

ދައުލަތުން ހުށަހެޅި ފިންގަޕްރިންޓް ރިޕޯޓުން ދައްކާ ގޮތުގައި، ފިހާރައިގެ އޮފީސް ބައިގެ ތެރޭގައި އޮތް ފޮށިގަނޑެއްގެ ބޭރުން ފެނުނު އިނގިލީގެ ނިޝާން، ޝާންގެ ކަނާތު ޝަހާދަތް އިނގިއްޔާ ދިމާވެއެވެ. ނަމަވެސް، މައްސަލަ ބެއްލެވި ޤާޟީ އިބްރާހީމް ޛިހުނީ އިއްވެވި ޙުކުމުގައި ފާހަގަކުރައްވާފައިވަނީ ފިންގަޕްރިންޓް ފެނިފައިވަނީ ހިފައި ގެންގުޅެވޭ އަދި އެއް ތަނުން އަނެއް ތަނަށް ފަސޭހައިން އުފުލޭ ޒާތުގެ ކަރުދާސް ފޮށިގަނޑަކުން ކަމަށްވާއިރު، އެ ފޮށިގަނޑު ފިހާރައަށް ގެނައީ ކޮން ދުވަސްވަރެއްގައި ކަމާއި، އެތެރެއަށް ވެއްދީ ކާކުކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމެވެ.

އެ ފޮށީގައި އޭގެ ފަހުން އެހެން މީހަކު އަތްލާފައި ނުވާނެކަން ކަށަވަރުކޮށްދެވިފައި ނުވާތީ، ޝާން އެ ފޮށީގައި އަތްލާފައިވަނީ ހާދިސާ ހިނގި ރޭ އެ ތަނަށް ވަދެގެންކަން ކަށަވަރު ނުވާކަމަށް ހުކުމުގައިވެއެވެ.

ފުލުހުންގެ ޑޭޓާބޭސްގައި ހުރި މައުލޫމާތަކާ ދިމާވި ނަމަވެސް، ހަމައެކަނި އުފުލޭ މުދަލަކުން ފެނުނު ފިންގަޕްރިންޓަކަށް ބަރޯސާވެގެން ކުށް ސާބިތުކުރުމަކީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ކުށެއް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކުރުމަށް ފުދޭ މިންވަރެއް ނޫންކަމަށްވެސް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ވެއެވެ.

އެހެންކަމުން، ޝާންގެ މައްޗަށް ދައުލަތުން އުފުލި ވައްކަންކުރުމުގެ ކުށުގެ ދަޢުވާއާއި މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދަޢުވާ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިން ޝާން ސަލާމަތްވެފައިވާއިރު، އޭނާއަކީ ސައްޙަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރި ކަމުގެ ތުހުމަތުގައާއި އިންޖީނެއްގެ ބައިތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ވެސް މީގެ ކުރިން ފުލުހުން ހައްޔަރުކޮށްފައިވާކަމުގެ ރެކޯޑު އޮންނަ މީހެކެވެ.

comment ކޮމެންޓް