މާލެ ސަރަހައްދަށް މިއަދު ކެރީގެ އަސަރު ކުރާނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތީ މޫސުން ރީތި ދުވަސްތަކެއް ކަމަށް މޫސުމާ ބެގޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
'ސަން' އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ މާލެ ސަރަހައްދަށް މިއަދު ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ނަމަވެސް ދިގު ދެމިގެންދާ ގޮތަކަށް ވާރޭވެހޭނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.
އަތޮޅުތެރޭގެ އެކި ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް ވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ނަމަވެސް އެހެން ހިސާބުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
މިއަދުގެ އިރުއޮއްސި 18:00 އަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރުކުރާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ހުޅަނގުއުތުރާއި އުުތުރުން، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
ކަނޑުތައް މަޑުވާނެ ކަމަށާއި ރާޅުތަކުގެ އުސްމިނުގައި ތިން ފޫޓު ހުންނާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވާރޭ ރެކޯޑުކުރެވިފައިވާ ރަށްތައް --- ފޮޓޯ: މެޓް އޮފީސް މެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ގއ. ގެމަނަފުއްޓަށެވެ. އެ ރަށަަށް 29.1 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައި ވަނީ ގދ. ކާޑެއްދުއަށެވެ. އެ ރަށަށް 20 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު ގދ. ތިނަދުއަށް ވަނީ 19.3 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.