ފަހަކަށް އައިސް މެންޗެސްޓާ ޔުނައިޓެޑަށް ކުރިމަތިވެފައިވާ މައްސަލަތަކާ އެކުވެސް ޔުއޭފާ ޗެމްޕިއަންސް ލީގުގައި މިރޭ އިޓަލީގެ އޭއެސް ރޯމާއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާގެ ޓީމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ބުނެފިއެވެ.
މިމެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކެރިކް ބުނީ އޭނާގެ ޓީމު މިހާރު އޮތް ހާލަތުން މިފަދަ މެޗަކާ ކުރިމަތިލާން ބޭނުން ނުވެދާނެކަމަށް ގިނަ ބަޔަކަށް ހީވިނަމަވެސް ޔުނައިޓެޑު އޮތީ މިމެޗާ ކުރިމަތިލާން ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
މިރޭގެ މެޗަށް ނުކުންނައިރު ޔުނައިޓެޑު އެންމެ ފަހުން ކުޅުނު ނުވަ މެޗުން އެންމެ މެޗެއްވެސް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މިއީ 1988-1989 ވަނަ އަހަރުގެ ސީޒަނަށް ފަހު އެޓީމަށް ކުރިލާން ޖެހުނު އެންމެ ބޮޑު އަޑިގަނޑެވެ. އަދި 1977-1978 ވަނަ ސީޒަނަށް ފަހު މިހާތަނަށް ޖެހިޖެހިގެން 10 މެޗުން މޮޅުނުވެ ގޮސްފައެއް ނުވެއެވެ. އެހެން ކަމުން މިރޭ ރޯމާއާ ދެކޮޅަށް ކުޅޭ މެޗަކީ ޔުނައިޓެޑުގެ އިތުރުން ކެރިކަށް ވަރަށް މުހިންމު މެޗެކެވެ.
ކެރިން ބުނީ އޭނާއަށް މުސްތަގުބަލުގައި ވާނެގޮތެއް ކިޔައިދޭން ނޭނގޭ ކަމަށާއި އެހެން ނަމަވެސް އެނގޭ ކަމަކީ ރޯމާ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާ، އެމެޗުން ނަތީޖާއެއް ނެރުމަށް އޭނާ އާއި އޭނާގެ ކުޅުންތެރިން ތައްޔާރަށް ތިބި ކަމެއެވެ. އަދި މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް ޔުނައިޓެޑުން އެމެޗަށް ނުކުންނާނީ ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އަޒުމުގައި ކަމަށް ކެރިކް ބުންޏެވެ.
މިމެޗަށް ނުކުންނައިރު ރޯމާ އަކީ މިސީޒަންގައި އިޓަލީ ލީގުގައި މިހާތަނަށް މެޗަކުން ބަލިނުވާ ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. މީގެ އިތުރުން ރޯމާ، ޗެމްޕިއަންސް ލީގުގައިވެސް މިހާތަނަށް ބަލިވެފައިވަނީ އެންމެ ފަހުން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އެހެން ކަމުން މިމެޗު ވާނީ ޔުނައިޓެޑަށް ވަރަށް އުނދަގޫ މެޗަކަށެވެ. ނަމަވެސް މިމެޗުން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ ނަމަ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ވަރަށް ބޮޑު އިތުބާރެއް ލިބޭނެއެވެ.