އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖް، މަދްޔަ ޕްރަދޭޝްގެ އިންދޯރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކް ކޮންސަޓަށް އަމާޒުކޮށް ބޮމުގެ ނުރައްކާތެރި ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ލިބިއްޖެއެވެ.
ޕީޓީއައިއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި ޝޯގެ ތެރޭގައި އައިއީޑީއެއް ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައިވަނީ އިންދޯރުގެ އަމިއްލަ ތިން ސްކޫލަކަށާއި އެ ސިޓީގެ މޭޔަރުގެ އޮފީހަށް ފޮނުވި އީމެއިލްތަކެއް މެދުވެރިކޮށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި އީމެއިލްތައް ފޮނުވާފައިވަނީ 'ޚާލިސްތާނީ ނެޝަނަލް އާމީ'ގެ ނަމުގައެވެ. މި މެސެޖުތައް ފޮނުވި ފަރާތްތަކުން އަމިއްލައަށް ތަޢާރަފުވެފައިވަނީ ބައްބަރު ޚާލްސާ (ޕަރމާރ-ކެނެޑާ)އަށް ނިސްބަތްވާ އިންޖިނިއަރު ގުރްނަކް ސިންގް، ރުކަން ޝާހްވާލާ، ޑރ. ގުރްނިރްވަރު ސިންގް އަދި ޕްރޮފެސަރު ގުރްކާލް ސިންގްގެ ގޮތުގައެވެ. އެ މެއިލްތަކުގައި ސީދާ ބުނެފައިވަނީ އިންދޯރުގެ ސީ-21 ގްރައުންޑުގައި އޮންނަ މި ޝޯއަށް އައިއީޑީ ބޭނުންކޮށްގެން ހަމަލާދީ ބޮޑު ގޮވުމެއް ގޮއްވާލާނެ ކަމަށެވެ.
ދިލްޖީތުގެ މި ޝޯއަށް މިފަދަ ނުރައްކާތެރި އިންޒާރެއް ލިބިފައިވާއިރު، މިއީ އޭނާގެ ކޮންސަޓަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. އެމެރިކާގައި ހިންގާ 'ސިކްސް ފޯ ޖަސްޓިސް' (އެސްއެފްޖޭ)ގެ ބާނީ ގުރްޕަތުވަންތު ސިންގް ޕަންނުން ވެސް ވަނީ މީގެ ކުރިން އޮސްޓްރޭލިއާ އާއި އެހެނިހެން ގައުމުތަކުގައި ދިލްޖީތު ބޭއްވި ޝޯތަކަށް ފާޅުގައި އިންޒާރު ދީފައެވެ. އެ ޖަމާއަތުން އޭނާއާ މެދު ހިތްހަމަނުޖެހިފައިވަނީ، ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަންއަށް އިޙުތިރާމް އަދާކުރުމުގެ ގޮތުން އޭނާގެ ފައިމައްޗަށް ދިލްޖީތު ތިރިވި މައްސަލައިގައެވެ.
ދިލްޖީތު ދޮސާންޖް، އެކްޓަރު އަމީތާބްގެ އިތުރުން ބޮލީވުޑްގެ އިތުރު އެހެން ފިލްމީ ތަރިންނާއެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާއެ ޖަމާއަތުން ދެކޭގޮތުގައި އެއީ 1984 ވަނަ އަހަރު ސިކުންނާ ދެކޮޅަށް ހިންގި ލޭއޮހޮރުވުމުގެ ޝިކާރައަކަށްވީ މީހުންގެ އިހުސާސްތަކަށް ކުރި ފުރައްސާރައެކެވެ. މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު މުމްބާއީގެ ކުރީގެ މޭޔަރު ރީތޫ ތާވްޅޭގެ އޮފީހަށް ފޮނުވި އީމެއިލެއްގައިވެސް ވަނީ ދިލްޖީތަށް އަމާޒުކޮށް ޖާނުންފިދާވުމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
މިއަހަރުގެ ތެރޭގައި ޔޫރަޕާއި އުތުރު އެމެރިކާގައި ކާމިޔާބު ކޮންސަޓްތަކެއް ނިންމާލުމަށްފަހު ފެށި 'އޯރާ ވޯލްޑް ޓުއާ'ގެ އިންޑިއާ ލެގް ފަށާފައިވަނީ މި މަހުގެ އެއް ވަނަ ދުވަހު ދިއްލީ-އެންސީއާރުގައެވެ. އިންދޯރުގެ ޝޯއަށްފަހު އަހުމަދްއާބާދު، މުމްބާއީ، ބެންގަލޫރު އަދި ލަކްނައުގައިވެސް މި ޓުއާގެ ޝޯތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޗަންދީގަރާއި ކޮލްކަތާގައިވެސް ޝޯތައް ބާއްވާނެކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ. ދިލްޖީތު މީގެ ކުރިން 2024 ވަނަ އަހަރު ބޭއްވި 'ދިލް-ލުމިނާޓީ ޓުއާ'ގައި އިންޑިއާގެ ގިނަ ސިޓީތަކެއްގައި ޕާފޯމްކޮށް ބޮޑު ތަރުހީބެއް ވަނީ ހޯދާފައެވެ.