"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ޚާއްސަ ހެލްތު އެންޑް ފެމެލީ އެކްސްޕޯ އެއް ބާއްވަން ހެލްތް މިނިސްޓްރީން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި އެކްސްޕޯ ބާއްވަން ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި އެކްސްޕޯއާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެ އިދާރާއިން ބުނީ ފާއިތުވި ދެ އަހަރުވެސް މި އެކްސްޕޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
މިއަހަރުގެ އެކްސްޕޯގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތައް ހިމެނޭހެން 60 އަށް ވުރެ ގިނަ ސްޓޯލް ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ސިއްހީ އަދި އިޖުތިމާއީ ގޮތުން ދުޅަހެޔޮ އުފާވެރި އާދަތަކަށް އާންމުން ހޭލުންތެރިކުރުވުމާއި، ދެޖިންސުގެ ހަމަހަމަކަމާއި ނާޒުކު ހާލަތްތަކުގައި އުޅޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުންކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ގައުމީ އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމުތަކާ ގުޅޭ މައުލޫމާތު ދިނުމާއި، މި ދާއިރާއާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެއިތުރުން މުއައްސަސާތަކާ ގުޅޭ ޝަކުވާތައް ބަލައިގަނެ، ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އޮންނާނެކަމަށް ވަނީ ބުނެފައެވެ.
ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި އެކްސްޕޯގައި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކުގެ ގޮތުގައި ހެލްތު ޗެކަޕް ހެދުމާއި، މިންހެޔޮ ކާނާއާއި ކުދިންގެ ހެދިބޮޑުވުމާ ގުޅޭ މައުލޫމާތު ދިނުމާއި ވެކްސިން އަދި ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެވެ.
ހަމައެއާއެކު، ބިދޭސީންނަށް ޚާއްސަކޮށް ސިއްހަތާ ގުޅޭ މައުލޫމާތާއި ހެލްތު ސްކްރީނިން ކުރިއަށްދާއިރު، ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ދިނުމާއި ހެލްތީ ފުޑް ސްޓޯލްތަކާއެކު ރަނގަޅު ކެއިންބުއިމުގެ އާދަތައް ދަސްކޮށްދިނުން ވެސް ހިމެނެއެވެ.
މީގެއިތުރުން މިއުޒިކް ޝޯތަކާއި ބިރުވެރި ހޮހޮޅަ ފަދަ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައްވެސް އެކްސްޕޯގެ ތެރެއިން ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.
އެ މިނިސްޓްރީން ވަނީ މިދިޔަ އަހަރުގައި ވެސް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް "ހެލްތު އެކްސްޕޯ"ގެ ނަމުގައި ޚާއްސަ އެކްސްޕޯއެއް ބާއްވާފައެވެ. ތިނެ ދުވަހުގެ މުއްދަތަށް ހެލްތް މިނިސްޓްރީން ބޭއްވި މި އެކްސްޕޯއަކީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ބައިވެރިވުން އިތުރު ކުރުމަށް ބޭއްވި އެކްސްޕޯއެކެވެ.
ފާހަގަކުރެވޭގޮތުގައި ހެލްތު މިނިސްޓްރީން އިންތިޒާމުކުރާ ހެލްތު އެކްސްޕޯއަކީ އާންމުންގެ މެދުގައި ސިއްހީ ދުޅަހެޔޮކަމާއި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބާއްވާ މުހިންމު ހަރަކާތެކެވެ. މި އެކްސްޕޯގެ ތެރެއިން މައިގަނޑު ގޮތެއްގައި ކުރިއަށްގެންދާ ކަންކަމުގެ ތެރޭގައި ހިލޭ މެޑިކަލް ސްކްރީނިން ކުރުމާއި ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާއި އާއިލާތަކަށް އަމާޒުކުރެވޭ ހަރަކާތްތައް ކުރިއަށްގެނދިއުން ހިމެނެއެވެ.