ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީގެ (ޕީއެސް) މަގާމުގައި ހުންނަވަނިކޮށް މަގާމުން ވަކިކޮށް، އަދި ފަހުން އެ މަގާމަށް މީހަކު ހޮވުމުގައި ވެސް ތަފާތުކުރުން ގެންގުޅެފައިވާ ކަމަށް ވިދާޅުވެ ފާޠިމަތު ޝައުފާ ހުށަހެޅުއްވި މައްސަލަ ސާބިތުނުވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ މިދިޔަ އަހަރުގެ ޖަނަވަރީ ހަވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ޢައްޔަނުކުރެވުނު ލ. ފޮނަދޫ، ދޯޅަބުގެ، ފާޠިމަތު ޝައުފާ، އޭނާގެ ޕްރޮބޭޝަން މުއްދަތުގެ ތެރޭގައި، އެ އަހަރުގެ ފެބުރުވަރީ ތިނެއްގައި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.
މައްސަލައިގެ ފަސްމަންޒަރާއި ޝައުފާގެ ތުހުމަތުތައް
މައްސަލަ ހުށަހަޅަމުން ޝައުފާ ފާހަގަކުރެއްވީ، މިދިޔަ އަހަރުގެ ފެބުރުވަރީ އެކެއްގައި ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައި، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އުފެއްދި ކަމަށެވެ. އެއާއެކު ދެ ވުޒާރާގެ ޕީއެސްއިންގެ ގޮތުގައި ދެ ބޭފުޅުން ތިއްބެވި ނަމަވެސް، އައު ވަޒީރު މަގާމާ ހަވާލުވެވަޑައިގެންނެވިތާ ތިންވަނައަށްވީ ދުވަހު ސީއެސްސީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ސަޢީދު އޭނާގެ ކިބައިން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
އިސްތިއުފާ ދެއްވުމަށް އިންކާރުކުރެއްވުމުން، ޕްރޮބޭޝަން މުއްދަތުގައި ވަޒީފާއިން ވަކިކުރެވޭ އުސޫލުގެ ދަށުން އޭނާ ވަކިކުރީ ކަމަށާއި، އެއީ ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ވަޒީރު އިބްރާހީމް ފައިސަލާ އޭނާ އެއް ރަށަކަށް ނިސްބަތްވާތީ ކުރީގެ ވަޒީރާ ގާތް ގުޅުމެއް އޮތް ކަމަށް ބަލައި ސިޔާސީ ގޮތުންނާއި އުފަން ރަށަށް ބަލައި ކުރި ތަފާތުކުރުމެއް ކަމަށް ޝައުފާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، އައު މިނިސްޓްރީގެ ޕީއެސް ހޮވުމަށް ހުޅުވާލި ފުރުޞަތުގައި ކުރި ފުރަތަމަ އިންޓަވިއުއިން އޭނާއަށް އެންމެ މަތިން މާކްސް ލިބިފައިވަނިކޮށް، ނަހަމަކަން އުޅޭ ކަމަށް ބުނެ އެ އިންޓަވިއު ބާޠިލުކޮށް، ދެވަނަ ފަހަރަށް އިންޓަވިއު ބާއްވައި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ޕީއެސްއަށް މަގާމު ދީފައިވަނީ ގަސްދުގައި ވަކި ފަރާތަކަށް މަގާމު ދިނުމުގެ ގޮތުން ކަމަށްވެސް އޭނާ ބަޔާންކުރެއްވިއެވެ.
އެހެންކަމުން ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް (2030 ވަނަ އަހަރާ ހަމައަށް) ވާ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި 35,000 ރުފިޔާ ނަގައިދިނުމަށް ޝައުފާ އެދުނެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ދިފާޢު
މި މައްސަލައިގައި ސީއެސްސީން ބުނެފައިވަނީ، ޝައުފާ މަގާމުން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާއި ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން ވަޒީފާގެ ވަގުތީ މުއްދަތު (ޕްރޮބޭޝަން) ގެ ތެރޭގައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތަށް ލިބިދޭ ގާނޫނީ އިޚްތިޔާރުގެ ތެރެއިން ކަމަށެވެ. އަދި އޭނާއާމެދު އެއްވެސް ތަފާތުކުރުމެއް ގެންގުޅެފައިނުވާނެ ކަމަށާއި، ތަފާތުކުރި ކަމަށް ބުނެ ޝައުފާ ހުށަހެޅި ވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ސީއެސްސީން ފާހަގަކުރިއެވެ.
މައްސަލަ ބެއްލެވި ޓްރައިބިއުނަލުގެ މެންބަރު ޝުޢައިބު ޔޫސުފްގެ ރައުޔުގައި ފާހަގަކުރައްވާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ޕްރޮބޭޝަން މުއްދަތުގައި ނޯޓިހަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ ބާރު ވަޒީފާދޭ ފަރާތަށް އޮންނަކަމާއި އެ މަރުޙަލާގައި ވަޒީފާއިން ވަކިކުރުމަކީ އެކަށީގެންވާ ސަބަބު އޮތްތޯ ވަޒަންކުރަންޖެހޭ ކަމެއް ނޫން ކަމަށް މަތީ ކޯޓުތަކުގެ ނިންމުންތަކުން އެނގޭ ކަމަށެވެ.
އަދި ޝައުފާއާއި ކުރީގެ ވަޒީރު އިބްރާހީމް ފައިސަލާ ދެމެދު ގާތް ގުޅުމެއް އޮތުމަކީ ނުވަތަ އެއް ރަށަކަށް ނިސްބަތްވުމަކީ، އޭގެ ޒާތުގައި ތަފާތުކުރުމެއް ހިނގި ކަމަށް ބެލެވޭނެ ހަމައެއް ނޫން ކަމަށް ކަނޑައެޅިއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުންތަކަށް ބަލާއިރު، ތަފާތުކުރުމުގެ ދަޢުވާއެއް ސާބިތުކުރުމަށްޓަކައި ހަމައެކަނި ބުނާ ބަހެއް ނޫން ގޮތަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހުށަހަޅަންޖެހޭނެ ނަމަވެސް މި މައްސަލައިގައި އެފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
ޓްރައިބިއުނަލްގެ ނިންމުގައިވާ ގޮތުން، ފުރަތަމަ އިންޓަވިއު ބާޠިލުކުރީ އިންޓަވިއުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށްވެސް އެއް ހަމައަކުންނެވެ. އަދި ދެވަނަ އިންޓަވިއުއިން ޝައުފާ ނުހޮވުމަކީ އޭގެ ޒާތުގައި ތަފާތުކުރުމެއް ކަމަށް ނުބެލެވޭނެއެވެ. ޝައުފާއާމެދު ދަށް ގޮތަކަށް ޢަމަލުކުރިކަން އެއްވެސް ލިޔުމަކުން ނުވަތަ ހެއްކަކުން ފެންނާކަށް ނެތް ކަމަށް ނިންމުމުގައި ވެއެވެ.
އެހެންކަމުން، ސީއެސްސީން ޝައުފާއާމެދު ތަފާތުކުރުމުގެ ގޮތުން އިދާރީ ފިޔަވަޅެއް އަޅާފައިވާކަން ސާބިތުނުވާ ކަމަށާއި، ވަޒީފާގެ އެއްބަސްވުމުގެ ބާކީ މުއްދަތުގެ މުސާރައާއި ޢިނާޔަތް އަދި ވަކީލު ފީގެ ގޮތުގައި އެދުނު 35,000 ރުފިޔާ ނަގައިދެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި، ޓްރައިބިއުނަލުން ވަނީ ހޮނިހިރު ދުވަހު މި މައްސަލަ ނިންމާފައެވެ.