ކުދި ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލުއި މާލީ އެހީއާއި އަމަލީ ނަތީޖާ ބޭނުންވޭ: މިނިސްޓަރު އިރުތިޝާމް

މިނިސްޓަރު އިރުތިޝާމް -- ފޮޓޯ: ފޮރިން މިނިސްޓްރީ

ކުދި ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށްޓަކައި ލުއިގޮތެއްގައި މާލީ އެހީތެރިކަން ލިބުމާއި، ދައްކާ ވާހަކަތަކުން އަމަލީ ނަތީޖާ ނެރުން މުހިންމު ކަމަށް ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކޮމަންވެލްތުގެ ކުދި ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯ-ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ކުދި ގައުމުތަކަކީ ނާޒުކު ހާލަތްތަކަކާ ކުރިމަތިލާންޖެހިފައިވާ ގައުމުތަކެއް ނަމަވެސް، އެއީ އިގްތިޞާދީ ގޮތުން ބޮޑު ގާބިލްކަމެއް ލިބިފައިވާ އަދި ތިމާވެށީގެ މުހިންމު ނިޒާމުތަކެއް ހިމާޔަތްކުރާ ގައުމުތަކެއް ކަމަށެވެ. ނަމަވެސް އެ ގައުމުތަކުގެ ފުރިހަމަ ގާބިލުކަން ބޭނުންކުރުމަށް ހުރަސްއެޅެނީ ލުއިގޮތެއްގައި ދިގު މުއްދަތަކަށް ލިބޭ މާލީ އެހީތެރިކަން މަދުވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ސަބަބުން ކަމަށް އިރުތިޝާމް ފާހަގަކުރެއްވިއެވެ.

ރާއްޖެއިން 2040 ވަނަ އަހަރާ ހަމައަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ކުރާ އުންމީދުތައް ހާސިލުކުރެވޭނީ ބައިނަލްއަގްވާމީ ފެންވަރުގައި އެކަށީގެންވާ މާޙައުލެއް ގާއިމުވެގެންކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރަނީ ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް އިޙްތިރާމްކޮށް، ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.

މީގެއިތުރުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ގައުމުތަކުން ވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކުރަންޖެހޭ ކަމަށާއި، ކޮޕް-31 ބައްދަލުވުމުގައިވެސް ރާއްޖެއިން އިސްކަންދޭނީ މި ކަންކަމަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް މިހާރު ވަރަށް ރަނގަޅަށް ސާފުވެފައިވާ ކަމަށާއި، ދެން އޮތީ ހަމައެކަނި ވާހަކަ ދެއްކުމުގެ ބަދަލުގައި އެ ގޮންޖެހުންތަކަށް އަމަލީ ގޮތުން ފިޔަވަޅު އަޅައި ނަތީޖާ ނެރުން ކަމަށެވެ.

އެގޮތުން، ބައިނަލްއަގްވާމީ ނިންމުންތައް ނިންމާ މައިދާންތަކުގައި ކުދި ގައުމުތަކުގެ އަޑު ގަދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، 2028-2030 އަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް އަދި 2033-2034 އަށް ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލުމަށް ނިންމާފައިވަނީ ކުދި ގައުމުތަކުގެ ޙައްގުތަކާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ކާމިޔާބީ މިނެކިރޭނީ އެޅޭ އަމަލީ ފިޔަވަޅުތަކުންނާއި، ލިބޭ މާލީ އެހީތެރިކަމުން އަދި ކުދި ގައުމުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށް ޤާއިމުކުރެވޭ ހަރުދަނާ ބައިވެރިވުންތަކުން ކަމަށްވެސް ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު