ރާއްޖޭގެ މޫދު އަޑީގައި ބޭރުގެ ޑައިވަރުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގެ މައްސަލައެއް ތަހުގީގުކުރުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ "މޯލްޑިވްސް ލެޖެންޑް" ލިވަބޯޑާއި "އިންފިނިޓީ އެކްސް" ގެ ޑައިވިން ޓީމުތަކާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި ހިނގި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި ވަކި ފަރާތަކަށް ނުޖެހި، ކަމާބެހޭ އިދާރާތަކުން މި މައްސަލައިގެ ފުރިހަމަ އަދި ސީރިއަސް ތަހުގީގެއް ހިންގަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.
މި ހާދިސާ ހިނގައިދިޔަ ގޮތުގެ ފުރިހަމަ، އިންސާފުވެރި އަދި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ފުލުހުންނަށާއި، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި މުއައްސަސާތަކަށް އެންބީއޭއެމްއިން ވަނީ ގޮވާލާފައެވެ. އަދި ކަންހިނގި ގޮތް ސާފުނުވަނީސް އަވަސް އަރުވާލައިގެން ނިންމުންތައް ނުނިންމުމަށާއި، ވަކި ބައެއްގެ އަމަލުތަކެއްގެ ސަބަބުން މުޅި ރާއްޖޭގެ ބޯޓިން އަދި ޑައިވިން ސިނާއަތުގެ އަގުވެއްޓޭ ގޮތަށް ނުވަތަ ރާއްޖެއަކީ ޑައިވްކުރުމަށް ރައްކާތެރި މަންޒިލެއް ނޫން ކަމަށް ދެއްކުމަށް މަސައްކަތް ނުކުރުމަށް ވެސް އިލްތިމާސްކުރިއެވެ.
މީގެއިތުރުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ނިވަލުގައި، ދިވެހިންގެ އެކަށޭނެ މިލްކުވެރިކަމެއް ނުވަތަ ހިންގުމުގެ ދައުރެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޓޫރިޒަމް ހަރަކާތްތައް ހިންގާ ބޭރުގެ އުޅަނދުފަހަރު އުޅޭތީ އެކަމުގެ ކަންބޮޑުވުން ވެސް އެސޯސިއޭޝަނުން ހާމަކުރިއެވެ. އެގޮތުން "އިންފިނިޓީ އެކްސް" އަކީ ކުރިން ބޭރުގެ އުޅަނދެއްގެ ގޮތުގައި އޮޕަރޭޓްކުރި އުޅަނދެއް ކަމަށާއި، ގަވާއިދަށް އައި ބަދަލާއެކު ރާއްޖޭގެ ކުންފުންޏެއްގެ އޮނިގަނޑަށް ބަދަލުކުރި ނަމަވެސް، ދިވެހިންގެ ހަގީގީ ބައިވެރިވުން އޮތް މިންވަރާމެދު ސުވާލުު އުފެދޭ ކަމަށް ބުންޏެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ދަފްތަރާއި ބުކިން ވެބްސައިޓްތަކުގައި އެ އުޅަނދުގެ ޖާގައާ މެދު ހާމަކޮށްފައިވާ މައުލޫމާތުގައި ފުށުއެރުންތަކެއް ހުރިކަން ވެސް ފާހަގަކުރިއެވެ.
މި ހާދިސާ ހިނގާފައިވަނީ މަޝްހޫރު ޑައިވިން ސްޕޮޓެއް ކަމަށްވާ އދ. އަތޮޅު "ކުޑަރަހަ ތިލަ" ކައިރީގައެވެ. ކަނޑުގެ 18 މީޓަރު އަޑީގައި ބޭރުގެ ޑައިވަރަކު ޗައިނާގެ އިންސްޓްރަކްޓަރެއްގެ ގައިގައި ޖަހައި ކޮއްޕައި، އޭނާގެ އޮކްސިޖަން މާސްކު ދަމައިގަންނަން މަސައްކަތްކުރި މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހަފުތާގައި ވަނީ އާންމުވެފައެވެ.