ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސްގެ ވޮލެޓްތަކުން 6.3 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނެގި ހާދިސާއާ ގުޅިގެން ގެއްލުނު ފައިސާގެ 90 އިންސައްތަ އަލުން ރިކަވާކޮށް، ހަމަޖައްސައިދީފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ކުންފުނީގެ އަމިއްލަ ފައިސާ ބޭނުންކޮށްގެން އާ ޓޯކަންތައް ގަނެގެން މި ފައިސާ ހަމަޖައްސައިދީފައިވާއިރު، ބާކީ އޮތް 10 އިންސައްތައަކީ ލިކުއިޑިޓީ މަދު ޓޯކަންތަކަކަށްވާތީ އެ ތަކެތި ގަތުމަށް އިތުރު ވަގުތު ނަގާނެ ކަމަށް ބައިނޭންސުން ބުނެއެވެ.
ބައިނޭންސްގެ ކޯ-ސީއީއޯ ރިޗާޑް ތެންގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގެއްލުނު އެސެޓްތަކުގެ 90 އިންސައްތަ މިހާރު އަލުން ރިކަވާކުރެވިފައިވާ ކަމަށާއި، ބާކީ 10 އިންސައްތަވެސް ފުރިހަމަކުރުމަށް ކުންފުނިން އިސްކަންދޭ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ލިބުނަ ނުދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި ގެއްލުންތައް ފޫބެއްދުމަށްޓަކައި ބައިނޭންސުން ވަނީ އެ ކުންފުނީގެ އެތެރޭގެ ވަސީލަތްތަކުން 6.34 ބިލިއަން ޑޮލަރު ވަކިކޮށްފައެވެ. މިގޮތުން އާ ޓޯކަންތައް ގަތުމަށް ބޭނުންކޮށްފައިވަނީ ސެކިއުރިޓީ މައްސަލަތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ބަހައްޓާފައިވާ އެއް ބިލިއަން ޑޮލަރުގެ ސެކިއުއައެސެޓް ފަންޑް ފޯ ޔޫޒާސް (އެސްއޭއެފްޔޫ) ގެ ބައެކެވެ. މީގެ އިތުރުން ކުންފުނީގެ ފިއުޗާސް އިންޝުއަރެންސް ފަންޑާއި ކޯޕަރޭޓް ޓްރެޜަރީގެ ފައިސާވެސް މިކަމަށް ބޭނުންކޮށްފައިވެއެވެ.
ތާރީޚުގައިވެސް ހިންގި އެންމެ ބޮޑު މި ކްރިޕްޓޯ ހެކިން ހާދިސާގައި ބައިނޭންސްގެ ވޮލެޓްތަކުން ވަގަށް ނަގާފައިވަނީ ސްޓޭބަލްކޮއިން، ބިޓްކޮއިން، އީތާ އަދި އެނޫންވެސް ބައެއް ކްރިޕްޓޯކަރަންސީތަކެވެ. ބްލޮކްޗެއިން އެނަލިސިސް ފާމެއް ކަމަށްވާ ޓީއާރުއެމްއިން ބުނެފައިވާ ގޮތުގައި މި ވައްކަން ހިންގާފައިވަނީ އުތުރު ކޮރެއާގެ ހޭކަރުންނެވެ. ހޭކަރުން ވަނީ ބައިނޭންސްގެ ވޮލެޓްތަކުގެ ކޮންޓްރޯލް ހޯދައި، ޚާއްޞަ ޕްރޮގްރާމެއް މެދުވެރިކޮށް 20 މިނެޓު ތެރޭގައި ވޮލެޓްތައް ހުސްކޮށްލާފައެވެ.
ކޯ-ސީއީއޯ ރިޗަޑް ތެންގް ހުކުރު ދުވަހު ވިދާޅުވީ، މިއީ ހެކަރުން ކޮމްޕްރޮމައިޒްކޮށްފައިވާ ލެޕްޓޮޕަކާއި، ހެކި ނައްތާލުމަށް ފަރުމާކޮށްފައިވާ ނުރައްކާތެރި ސޮފްޓްވެއާ ބޭނުންކޮށްގެން ހިންގި ވަރަށް ނުރައްކާތެރި އުނދަގޫ ހަމަލާއެއް ކަމަށެވެ. މީގެ އިތުރުން މި ހަމަލާގައި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްފައިވާ މިންވަރު ސާފުނުވި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން ނުރައްކާތެރި ފަރާތްތަކުން ނިޒާމުގެ ނާޒުކު ތަންތަން ހޯދައި ވައްކަން ކުރުމަށް އޭއައި އެހީތެރިވެދޭ ކަމަށް މާހިރުން ފާހަގަކުރެއެވެ.
ވަގަށް ނެގި ފައިސާގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބައި ފައިސާ ހިމެނޭ ސްޓޭބަލްކޮއިންތައް ވަނީ ފްރީޒްކޮށްފައެވެ. މީގެ ސަބަބުން ހެކަރުންނަށް އެ ފައިސާ ނަގުދުކުރުމަށް ދަތިވާނެއެވެ. ނަމަވެސް ބާކީ ހުރި ތިން ބިލިއަނެއްހާ ޑޮލަރުގެ ފައިސާގެ އެއްވެސް ޚަބަރެއް އަދި ނެތެވެ.
މި ހާދިސާއާ ގުޅިގެން ބައިނޭންސުން ކަސްޓަމަރުން ފައިސާ ނެގުން (ވިތުޑްރޯވަލް) ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް، އާދީއްތަ ދުވަހު އަލުން ފައިސާ ނެގުމުގެ ފުރުޞަތު ހުޅުވާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އޮކްޓޯބަރު 31 ގެ 00:00 ޖީއެމްޓީއާ ހަމައަށް ހުރި އެސެޓްތަކުގެ ސްނެޕްޝޮޓެއް ނަގާފައިވާ ކަމަށާއި، ބީޓީސީ، އީތީއެޗް، ޔޫއެސްޑީޓީ، ބީއެންބީ، އެސްއޯއެލް، ޔޫއެސްޑީސީ، އެކްސްއާރުޕީ، ޔޫއެސްޑީ1، އާރްއެލްޔޫއެސްޑީ އަދި ޒެޑްއީސީ ހިމެނޭ 10 ޓޯކަންއެއް 1:1 ރޭޝިއޯއިން ބެކްކުރެވިފައިވާކަން ޕްރޫފް އޮފް ރިޒަރވްސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަށަވަރުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
މި ހަމަލާއާއެކު ކްރިޕްޓޯ މާކެޓުގައި އަގުތައް ވެއްޓި، އިންވެސްޓަރުންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ކްރިޕްޓޯކަރަންސީގެ ތެރެއިން ފައިސާ ނަގައި، ރައްކާތެރި އެހެން އެސެޓްތަކަށް ފައިސާ ބަދަލުކުރަން ވަނީ ފަށާފައެވެ.