އެމެރިކާއަށް ހަނގުރާމަ ކާމިޔާބު ކުރެވޭނެ އެެއްގޮތެއްވެސް ނޯންނާނެ: އީރާން

އީރާން ސިފައިންގެ ޗީފް އޮފް ޖެނެރަލް ސްޓާފް

ތެހެރާން (31 އޮކްޓޯބަރު 2026) : އެމެރިކާއިން އީރާންއާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމަ އެމެރިކާއަށް ކާމިޔާބު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށާ އެމެރިކާއިން އީރާނުގެ ތެލާއި ގޭހާއި ކަރަންޓާއި ފެނުގެ ވަސީލަތްތަކަށް ހަމަލާދީފިނަމަ އެމެރިކާ ޚިޔާލަށްވެސް ނުގެނެވޭނެ ކަންތައްތަކެއް އީރާނުން ކުރާނެކަމަށް އީރާން ސިފައިންގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް މޭޖާ ޖެނެރަލް އަލީ އަބްދުއްލަހްޔި ވިދާޅުވެއްޖެއެވެ.

އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ވަރަށް އިންޓެންސިވްކޮށް ދޭން ތައްޔާރުވަމުންދާކަމަށް ބުނެ ދެމުންގެންދާ އިންޒާރުތަކަށް ރައްދު ދެއްވަމުން މޭޖާ ޖެނެރަލް އަލީ އަބްދުއްލަހްޔި ވިދާޅުވީ މިފަދަ ހަމަލާތަކެއްގައި އީރާނުގެ ރައްދުހަމަލާތައް އަމާޒުވާނީ ގަލްފުގެ ސަރަހައްދަށް އެކަނި ނޫންކަމުގައެވެ. "ޖޯގްރަފިކަލް ބައުންޑަރީސް ފަހަނަޅައި އެމެރިކާގެ ހުރިހާ މަސްލަހަތުތަކަށް އެމެރިކާއަށް ލަފާކޮށްލަންވެސް ނޭންގޭވަރުގެ ހަމަލާތަކެއް އީރާނުން ދޭނެ" ޖެނެރަލް އަބްދުއްލަހްޔި ވިދާޅުވިއެވެ.

ނަމަވެސް އީރާނުން ދޭނެ ރައްދު މިހަމަލާތަކުގެ ތަފްސީލެއް މޭޖާ ޖެނެރަލް އަލީ އަބްދުއްލަހްޔި ދެއްވައިފައެއް ނުވެއެވެ. އެމެރިކާގެ މަޖައްލާއެއްކަމަށްވާ ފޮރިން ޕޮލިސީ ބުނާގޮތުން އީރާނަށް ކިތަންމެ ވަރަކަށް ބޮންއެޅިނަމަވެސް އީރާނުގެ މިސައިލް އިންޑަސްޓްރީއާއި ނިއުކްލިޔާ އިންޑަސްޓްރީ ހަލާކުކޮށްލެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް އެމެރިކާގެ އަސްކަރިއްޔާ އަކަށް ނެތެވެ. އެއީ އީރާނުގެ ހަތިޔާރު އިންޑަސްޓްރީއާއި ނިއުކްލިޔާ ހައްސާސް މަރުކަޒުތައް ފަރުބަދަތަކުގެ އަޑީގައި ހުރުމުގެ ސަބަބުންނެވެ.

އަދި ކިތަންމެވަރަކަށް ބޮންއެޅިނަމަވެސް އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ނޫނީ އެމެރިކާ އެދޭގޮތަށް އީރާނުގެ ސިޔާސަތު ބަދަލުކުރުމަކީ އީރާނުގެ ވެރިން ކުރާނެކަމެއް ނޫނެވެ. މިނޫސް ބުނާގޮތުން އީރާނަށް އެއްގަމު މަގުން އަރައިގަނެ އީރާނުގެ ބޮޑުބައެއް ހިފައިގެން މެނުވީ އީރާނުގެ ވެރިކަމުގެ ނިޒާމަށް ލޮޅުން އަރުވައެއް ނުލެވޭނެއެވެ. މިއީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫނެވެ.

އުރުދުންގެ އަސްކަރީ ތަޖުރިބާކާރެއްކަމަށްވާ ރިޓަޔަޑް ޖެނެރަލް ފާއިޒް އައްދުވައިރީ ވިދާޅުވާގޮތުގައި އެމެރިކާ އެއްގަމު މަގުން އީރާނަށް އަރައިގަނެ ކާމިޔާބެއް ހޯދުމަށް މަދުވެގެން މިލިޔަނެއްހާ ސިފައިން ބޭނުންވާނެއެވެ. މިހާ ގިނަ އަދަދެއްގެ ސިފައިން އީރާނަށް އެރުމަށް އެހެން ގައުމެއްގެ ބިންވެސް ބޭނުންވާނެއެވެ.

އީރާނަށް އެރުމަށް އެމެރިކާއަށް ބިންދޭ ގައުމަކަށް އީރާނުން ކޮންމެފަދަ ހަމަލާތަކެއްވެސް ދީފާނެތީ މިފަދަ ފުރުސަތެއް އެމެރިކާއަށް ދޭން އީރާނުގެ އަވަށްޓެރި އެއްވެސް ގައުމަކަށް ނުކެރޭނެކަމަށް ރިޓަޔަޑް ޖެނެރަލް ފާއިޒް އައްދުވައިރީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިލިޔަނެއް ނުވަތަ ބައިމިލިޔަނެއްހާ އެމެރިކާ ސިފައިން އީރާނަށް އަރައިގަންނަ ހާލަތެއްގައި އީރާނުގެ މިލިޔަނެއްހާ ސިފައިންނާއި އީރާނުގެ އާންމު ރައްޔިތުންގެ އެތަށް މިލިޔަންބަޔަކު އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރާނެއެވެ.

އެހެންކަމުން މިފަދަ ހަނގުރާމައެއްގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާގެ ބައިލައްކައަށް ވުރެ ގިނަ ސިފައިން މަރުވެގެން ދިޔުމަކީ ވަރަށް ގާތްކަމެއްކަމަށާ އީރާނަށް އަރައިގަންނަ ސިފައިންނަށް ބޭނުންވާ ކާބޯތަކެއްޗާއި ލޮޖިސްޓިކްސް ސަޕޯޓް ދީ ސަޕްލައި ކޮށްދިނުމަކީ މިފަދަ ހާލަތެއްގައި އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫންކަމާއި އެގާބިލްކަން އަމަލީގޮތުގައި އެމެރިކާގެ ކިބާގައިނެތްކަމަށް ޖެނެރަލް އައްދުވައިރީ ވިދާޅުވިއެވެ.

އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާކަމުގެ ހަރުކަށި އިންޒާރުތައް ޓްރަމްޕާއި އެމެރިކާގެ ހަރުކަށި މަސްއޫލުވެރިން ދެއްވަމުން ގެންދެވި ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ފެންނަމުންދަނީ މިކަން ކުރަންނުކެރި އެމެރިކާ އެކިލެވެލްގައި ފަހަތަށްޖެހެމުންދާ މަންޒަރެވެ. އަދި އީރާންއާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރެވޭނެ ފޯމިއުލާއެއް ފެނޭތޯ ގަތަރާއި ޕާކިސްތާން މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް އެމެރިކާ ކުރަމުންގެންދާ މަންޒަރެވެ.

މިގޮތުން ދާދިފަހުން ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އާސިމް މުނީރު އެމެރިކާގެ ހުށަހެޅުމަކާއެކު އީރާނަށް ޒިޔާރަތް ކުރައްވާފައިވާއިރު ގަތަރުގެ އިސްވެރިންގެ ޓީމެއް ވެސްވަނީ އީރާނަށް ޒިޔާރަތް ކުރައްވައިފައެވެ. އަދި ގަތަރުގެ ދައުވަތަކަށް އީރާނުގެ މަތީފެންވަރުގެ ވަފްދެއް މިއަދު ވަނީ ގަތަރަށް ވަޑައިގެންފައެވެ.

އީރާންވަނީ އެމެރިކާ ކުރާކަމެއް ކުރަންވީ ކަމަށާ ނަމަވެސް އެމެރިކާއަށް ރައްދުދޭނެ ގޮތާއި މިންވަރު އެއީ އެމެރިކާއަށް ލަފާވެސް ކޮށްނުލެވޭނެ ކަމެއްކަމަށް ބުނެފައެވެ. އީރާން ބުނާގޮތުން ކުރިންވެސް ހުށަހެޅި 7 ޝަރުތު އެމެރިކާ ގަބޫލުކުރުމުން ނޫނީ އެމެރިކާއާއެކު އެއްބަސްވުމަކަށް އީރާނުން ނުދާނެއެވެ. މިކަމާ ދެކޮޅަށް އެމެރިކާ ކުރަންބޭނުންވާ ކަމެއް ކުރަންވީއެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް މިއަދުވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި މެދުވެރިއަކާނުލައި އެމެރިކާއާއެކު ސީދާގޮތެއްގައި ވާހަކަތައް ދެއްކުމަށް އީރާނުގެ ޚާރިޖީ ވަޒީރުވަނީ ދެކޮޅު ހައްދަވައިފައެވެ.

އީރާނުގެ މި 7 ޝަރުތުގެ ތެރޭގައި ހިމެނެނީ އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް އުވާލުމާއި ތެލާއި ގޭސް އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އެމެރިކާ ހިފަހައްޓާފައިވާ އީރާނުގެ 30 ބިލިޔަނަށްވުރެ ގިނަ ޑޮލަރު އަނބުރައި އީރާނަށް ދޭން އެމެރިކާ އެއްބަސްވުންފަދަ ކަންކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު