ނޮވެމްބަރު 3ގެ ހަރަކާތްތަކަށް ޖުމްހޫރީ މައިދާނާ އެ ސަރަހައްދުގެ ފަޅު ވަކި ގަޑިތަކެއްގައި ބަންދުކުރަން ނިންމައިފި

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ހަރަކާތެއްގެ ތެރެއިން ސިފައިން ހަރަކާތްތެރިވަނީ ---- ފޮޓޯ/ ރައީސް އޮފީސް

ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް ޖުމްހޫރީ މައިދާނާއި އެ ސަރަހައްދުގެ ފަޅު ވަކި ގަޑިތަކެއްގައި ބަންދުކުރަން ނިންމައިފިއެވެ.

ފުލުހުން ބުނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި، މިއަދުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގެ މަގުތަކާއި ފަޅުތައް ބަންދުކުރުމަށް ހަމަޖެހިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ތެރޭގައި ހިމެނެނީ މަސް މާރުކޭޓު ސަރަހައްދުން ފެށިގެން ރައީސް އޮފީހާ ހަމައަށް އަދި އިސްލާމީ މަރުކަޒުން ފެށިގެން ރައީސް އޮފީހާ ހަމައަށެވެ. އެގޮތުން:

ޓްރެފިކް ފްލޯއަށް ގެެނެވޭ ބަދަލުތައް --- ފޮޓޯ: ފުލުހުން

‏• މަގުތައް ބަންދުކުރުން: 15:30 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެ.
‏• ފަޅުތެރެ ބަންދުކުރުން: 15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، އެ ސަރަހައްދުގެ ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުވާނެ.

ފުލުހުން ވަނީ ‏މި ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރައްވާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް